އައު ޓެކްސް ކޮމިޝަނަރު ކަމަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

އައު ޓެކްސް ކޮމިޝަނަރު ކަމަށް ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ފާޠިމަތު އަމީޒާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަންކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ އަމީޒާގެ އިތުރުން ސީއޭ މޯލްޑިވްސްގެ ރައީސް މުޙައްމަދު ޙަލީމް ޢަބްދުالله ގެ ނަމެވެ. އެ ނަންތައް ދިރާސާކުރަން މަޖިލީހުގެ އިގުތިޞާދީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ހަވަނަ ދުވަހެވެ. ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށްފަހު ވަނީ މާކުސް ލިބުނު ތަރުތީބުން ދެ ބޭފުޅުންގެ ނަންތައް ތަޅުމަށް ހުށަހަޅަން ފާސްކޮށްފައެވެ. ކޮމިޓީން އަމީޒާ އަށް 92.44 މާކުސް ދިން އިރު، ރައީސް އިސްކަން ދެއްވި ޙަލީމަށް ކޮމިޓީން ދިނީ 82.89 މާކުހެވެ. އެހެންވެ ރިޔާސަތުން މިއަދު ވޯޓަށް ފުރަތަމަ އެހީ އަމީޒާގެ ނަމެވެ. ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 64 މެންބަރުންވެސް ވަނީ އަމީޒާއަށް ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. މިހާރުގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު އަމީޒާ އެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 2024ގައެވެ. މީރާ 2010ވަނަ އުފެދުނީއްސުރެ އެ އިދާރާގައި މަސައްކަތްކުރައްވަމުން ގެންދަވާ އަމީޒާ ވަނީ އެސިސްޓަންޓް ޓެކްސް ކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވައިފައެވެ. ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ޙަސަން ޒަރީރު މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ