ފެރިދޫ ކައުންސިލް ރައީސް ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވެ، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކޮށްފި
އއ. ފެރިދޫ ކައުންސިލް ރައީސް އިސްމާއީލް ޝާހުގެ މައްޗަށް، މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިކަން ސާބިތުވުމުން އޭނާ މުސާރަ ނުލިބޭ ގޮތަށް މިއަދު ސަސްޕެންޑުކޮށްފިއެވެ. ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވަނީ، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ މައްސަލައެއް ޝާހާ ދެކޮޅަށް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިދިޔަ ޖޫން މަހުގެ 16ގައި ހުށަހަޅައިފައި އޮތް ކަމަށެވެ. އެ މައްސަލައިގެ ހުކުމް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު 21ގައި ކޮށްފައެވެ. އެ ހުކުމުގައި ވަނީ، ޝާހު ޖިންސީ ފުރައްސާރަކޮށްފައިވާކަން އެ މައްސަލައިގެ ތެރެއިން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ. އަދި ފުރައްސާރަ ރައްދުވި މީހާއާ މެދު އެފަދަ އެއްވެސް އަމަލެއް ތަކުރާރުނުކުރުމަށް ޓްރައިބިއުނަލުން އަންގައިފައިވެއެވެ. އެލްޖީއޭއިން ބުނީ، އެ މައްސަލަ އެ އޮތޯރިޓީގެ ބޯޑަށް ހުށަހެޅުމުން އިންކުއަރީއެއް ހެދުމަށް ނިންމި ކަމަށެވެ. އެ އިންކުއަރީއަށް ޖަވާބުދާރީ ވުމަށް ޝާހަށް ފުރުސަތު ދިނުމުން، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ހެއްކާ ބެހޭ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފުވި ކަމަށް ވިދާޅުވި ކަމަށް އެލްޖީއޭއިން ބުންޏެވެ. ނަމަވެސް، ޓަރައިބިއުނަލްގެ ނިންމުން އިސްތިއުނާފު ކުރެވެން އޮތް މުއްދަތުގައި، މައްސަލަ އިސްތިއުނާފު ކޮށްފައިނުވާކަން އެލްޖީއޭއިން ފާހަގަކުރިއެވެ. އެހެންވެ، އެ އޮތޯރިޓީން ނިންމީ ޝާހު ޖިންސީ ފުރައްސާކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވެފައިވާ ކަމަށާއި އޭގެ ސަބަބުން ކައުންސިލުގެ މުވައްޒަފުންނާއި މުޅި ނިޒާމަށް ނުހަނު ބޮޑު ގެއްލުމެއް ލިބިދީފައިވާ ކަމަށެވެ. އެ މައްސަލައިގެ ބޮޑުމިނަށް ބަލައި، އެލްޖީއޭއިން ވަނީ ޝާހު މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ތިން މަސް ދުވަހުގެ މުއްދަތަށް ސަސްޕެންޑުކުރުމަށް މިއަދު ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ