މަޖިލިސް މެންބަރުކަން ކޮށްފައިވާ މީހުންނަށް އިނާޔަތް ދިނުމަކީ ދައުލަތުން ކުރެވޭނެ ހަރަދެއް ނޫން: ޣަފޫރު މަޖިލިސް މެންބަރުކަން ކޮށްފައިވާ މީހުންނަށް އިނާޔަތް ދިނުމަކީ ދައުލަތުން ކުރެވޭނެ ހަރަދެއް ނޫން: ޣަފޫރު

ރައްޔިތުންގެ މަޖިލިސްކަން ކުރާ ކޮންމެ މީހެއްގެ އުމުރުން 55 އަހަރުވުމުން އެ މީހުންނަށް އިނާޔަތް ދިނުމަކީ ދައުލަތުން ކުރެވޭ ވަރަށް ވުރެ ހަރަދު ބޮޑު ކަމެއް ކަމަށާއި އެކަމާ މެދު ވިސްނަންޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުން އޮފީސް ހިންގުމަށް ދެމުން އަންނަ ހަރަދު އުނިކޮށް، ނައިބު ރައީސްކަން އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއް ދޭންޖެހޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މަޖިލިސް މެންބަރުކަން ކޮށްފައިވާ މީހުންގެ އުމުރުން 55 އަހަރުވުމުން ދޭ އިނާޔަތާ މެދު ވެސް ވިސްނަންޖެހޭ ކަމަށެވެ.
"މިހާރު މި ދާ ރޭޓުން ބަލަންޏާ ކޮންމެ ފަސް އަހަރަކުން 80 މެންބަރުންނަށް އިނާޔަތް ދޭން އެބަޖެހޭ 55 އަހަރު ވީމާ، އެއީކީ ދައުލަތަށް އެފޯޑެބަލް އަދަދެއް ނޫން، ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން އެއީކީއެއް،" ޣަފޫރު ވިދާޅުވި އެވެ.
މީގެ ކުރިން މަޖިލީހަށް މެންބަރުން އިންތިހާބުވެފައި ހުރި ގޮތަށް ބަލާއިރު ދެވަނަ ދައުރު ކަށަވަރު ކޮށްގެން މަޖިލީހުގައި ތިއްބަވަނީ މަދު ބައެއްކަން ޣަފޫރު ފާހަގަކުރެއްވި އެވެ. އެހެން އެކަންވުމުގެ ސަބަބުން ކޮންމެ މަޖިލީހެއްގައި ވެސް އަލަށް އިންތިހާބުވާ މެންބަރުންގެ އަދަދު އިތުރުވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.
"އަލަށް މި އަންނަނީ މުޅިން ވެސް މެންބަރުން، އަންނަންޏާ މި ވަރުގެ ބޮޑު ބަދަލަކާ އެކުގައި ދައުލަތަކަށް އެކަށީގެންވާ އަދަދެއް ނޫން މިއީކީއެއް ކޮންމެ ފަސް އަހަރަކުން 80 މެންބަރުން ނުވަތަ 78 މެންބަރުންނަށް މި ފައިސާ ދިނުމަކީއެއް،" ޣަފޫރު ވިދާޅުވި އެވެ.
އެނާ ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ހަރަދު ކުރެވޭނީ ސަރުކާރުގައި ހުރި ހަކަތައަކުން ކަމަށެވެ. އަދި ކަންކަން އިސްލާހު ކުރާއިރު، ކުދި ގޯސްތައް އިސްލާހު ކުރަންޖެހޭނީ ބޮޑެތި ގޯސްތައް އިސްލާހު ކުރުމަށްފަހު ކަމަށް ޣަފޫރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ