ޗައިނާ ރުޅިއެރުވުމުގެ ސިޔާސަތު ދޫކޮށްލުމަށް އެމެރިކާއިން ޖަޕާނަށް ނަސޭހަތްތެރި ވެއްޖެ

ވޮޝިންޓަން (27 ނޮވެންބަރު 2025) : ޗައިނާގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނުމާއި ޗައިނާ ރުޅިއެރުވުމުގެ ސިޔާސަތެއް ޖަޕާނުގެ އައު ބޮޑުވަޒީރާ ސަނެއޭ ތަކައިޗީ ގެންގުޅުއްވާތީ އެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމަނާއަށް ނަސީހަތްތެރިވެވަޑައިގެންފިކަމަށް އެމެރިކާގެ ނޫހެއްކަމަށްވާ "ވޯލްސްޓްރީޓް ޖާނަލް" އިން ބުނެފިއެވެ. މި ނޫސް ބުނާގޮތުން މިދިޔަ ހޯމަ ދުވަހު ޓްރަމްޕް ވަނީ ބޮޑުވަޒީރާ ސަނެއޭ ތަކައިޗީއަށް ފޯނުން ގުޅުއްވައި ޗައިނާ ރުޅިއެރުވުމުގެ ސިޔާސަތަކީ ބުއްދިވެރި ސިޔާސަތެއް ނޫންކަން އެކަމަނާއަށް ވިސްނައިދެއްވަން މަސައްކަތް ކުރައްވާފައެވެ. އަދި ޓައިވާނަކީ 1959 ވަނަ އަހަރު ޗައިނާއާ ވަކިވެގަނެގެން އުޅޭ ޗައިނާގެ ސަރަހައްދަކަށްވާތީ ޓައިވާނުގެ މައްސަލައިގެ ތެރެއަށް ބޭރުގައުމުތައް ވަނުމަކީ ޗައިނާއަށް ވަރަށް ހައްސާސް މައްސަލައެއްކަން ވެސް ޓްރަމްޕް ތަކައިޗީއަށް ދެންނެވިކަމަށް "ވޯލްސްޓްރީޓްޖާނަލް" ބުނެއެވެ. ނަމަވެސް ޓައިވާންގެ މައްސަލާގައި ތަކައިޗީ ދާދިފަހުން ޗައިނާއަށް ދެއްވި އިންޒާރު އަނބުރައި ގެނައުމަށް ޓްރަމްޕް ސީދާ ގޮތެއްގައި އެކަމަނާއަށް ޕްރެޝަރު ނުކުރައްވާކަމަށް "ވޯލްސްޓްރީޓް ޖާނަލް" ބުނެއެވެ. ޖަޕާނުގެ އައު ބޮޑުވަޒީރާ ސަނެއޭ ތަކައިޗީ ދާދިފަހުން ވަނީ ޓައިވާން އަލުން އަނބުރައި ޗައިނާގެ ދަށަށް ގެންދިޔުމަށް ޗައިނާ ބާރުގެ ބޭނުންކޮށްފި ހާލަތެއްގައި ޓައިވާނުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ޖަޕާން ތެދުވަން ޖެހިދާނެކަމަށް ވިދާޅުވެ ޗައިނާއަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާގެ އަތްދަށުން އަސްކަރީގޮތުން ޖަޕާން ބަލިވެ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށަށް ޖަޕާން ދިޔުމަށްފަހު ޖަޕާނުގެ އެއްވެސް މަސްއޫލުވެރިއަކު ޗައިނާއާ ދެކޮޅަށް މިހާތަނަށް ދެއްވާފައިނުވާ ވަރުގެ ހަރުކަށި ބަޔާނެކެވެ. ޗައިނާ ވަނީ ޓައިވާނަކީ އެ ގައުމުގެ ބައެއް ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކޮށްގެން ނަމަވެސް އެ ގައުމުގެ ދަށަށް ޓައިވާން ގެންނާނެކަން ހާމަކޮށް, އެކަމަށް މާކުރީއްސުރެ ސިޔާސަތެއްވެސް ކަނޑައަޅާފައެވެ. މި ސިޔާސަތު ބިނާކޮށްފައިވަނީ އެއްޗައިނާ ނުވަތަ ވަން ޗައިނާ ޕޮލިސީގެ މައްޗަށެވެ. އެއީ ޗައިނާއިން ވަކިވެގަތުމަށްފަހު ޓައިވާނުން އެ ގައުމަށް ރިޕަބްލިކް އޮފް ޗައިނާގެ ނަމުން ނަންދީފައިވާތީއެވެ. ޗައިނާގެ ނަމަކީ ޕީޕަލްސް އޮފް ރިޕަބްލިކް އޮފް ޗައިނާ އެވެ. ވަން ޗައިނާ ޕޮލިސީގެ ދަށުން ޗައިނާ ވަނީ ޓައިވާނުން މިނިވަންކަން އިއުލާންކޮށްފިނަމަ އެ ގައުމަށް އަސްކަރީ ގޮތުން އަރައިގަނެ ޗައިނާގެ ބާރުގެ ދަށަށް ޓައިވާން ގެންނާނެކަން އިއުލާންކޮށްފައެވެ. މިނިވަންކަން އިއުލާން ނުކުރާނަމަ ޓައިވާން އަނބުރައި ޗައިނާގެ ދަށަށްގެންނާނީ ސުލްހަވެރިގޮތުގައި ކަމަށާއި ނަމަވެސް ސުލްހަވެރިގޮތުގައި އެއްކޮށްލުމަށް ޓައިވާން ދެކޮޅުހަދައި މި މައްސަލަ ދިގުލައިގެންދާނަމަ ބާރުގެ ބޭނުންކޮށްގެން ވެސް ޓައިވާން ޗައިނާގެ ދަށަށް ގެންދާނެކަމަށް ޗައިނާ ތަކުރާރުކޮށް ބުނެއެވެ. ޓައިވާނުގެ ފައިޓާ ޖެޓެއް-- ތަހުލީލީ ރިޕޯޓްތައް ބުނާގޮތުން ޗައިނާގެ އަމާޒަކީ 2027 ގައި ނޫނީ އޭގެ ކުރިން ޓައިވާން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމެވެ. އެމެރިކާއާއި ޖަޕާނަކީވެސް އެއްޗައިނާގެ ސިޔާސަތު ގަބޫލުކުރާ ދެގައުމެވެ. މާނައަކީ ޓައިވާނަކީ ޗައިނާގެ ބައެއްކަމަށް ރަސްމީކޮށް ބަލައިގަންނަ ދެ ގައުމެވެ. މި ދެ ގައުމުން ޓައިވާން އާ ގުޅުންތައް ބޭއްވިނަމަވެސް މުސްތަގިއްލު ގައުމެއްކަމަށް ގަބޫލެއް ނުކުރެއެވެ. އަދި އެގޮތަށް ޓައިވާންއާ މުއާމަލާތެއް ވެސް ނުކުރެއެވެ. ނަމަވެސް ޗައިނާގެ ދަށަށް ޓައިވާން ގެންގޮސް އެ ދެ ގައުމު އެއްކޮށްލައިފިނަމަ ޗައިނާ މިހާރަށްވުރެ ވެސް ޓެކްނޮލޮޖީގެ ގޮތުންނާއި ހައިޓެކް އުފެއްދުންތެރިކަމުގައި ބާރުގަދަވެދާނެތީ ޗައިނާގެ ދަށަށް ޓައިވާން ގެންދިޔުމަށް އެމެރިކާ ވެސް އަދި ޖަޕާން ވެސް ދެކޮޅެވެ. ޗައިނާއަކީ ޓައިވާންގެ މައްސަލާގައި ވަރަށް ހައްސާސް ގައުމެވެ. ޗައިނާ ދެކޭގޮތުގައި އެއީ އެ ގައުމުގެ ދާޚިލީ މައްސަލައެކެވެ. ޓައިވާނަކީ ދައުލަތެއްކަމަށް ދެކޭ ކޮންމެ ގައުމަކާ ޗައިނާ ގުޅުންތައް ކަނޑާލައެވެ. ޓައިވާން އާ ރަސްމީ ސިފައެއްގައި މިހާރު މުއާމަލާތް ކުރަނީ ދުނިޔޭގެ އެންމެ 10 ވަރަކަށް ގައުމެވެ. އެހެންކަމުން ޓައިވާނަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ވަރަށް އެކަހެރި ގައުމެކެވެ. ޓައިވާނުގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ޖަޕާން ތެދުވަން ޖެހިދާނެކަމަށް ވިދާޅުވެ ޖަޕާންގެ އައު ބޮޑުވަޒީރު ތަކައިޗީ ދެއްވި އިންޒާރާ ގުޅިގެން ޗައިނާވަނީ ވަރަށް ބޮޑަށް ރުޅިއައިސް އެ ގައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ޖަޕާނަށް އިންޒާރު ދީފައެވެ. މިއާއެކު ޗައިނާ ވަނީ ޖަޕާނާ ދެކޮޅަށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް ވެސް އަޅާފައެވެ. މީގެ ތެރޭގައި ޗައިނާގެ ފަތުރުވެރިން ޓައިވާނަށް ދަތުރުކުރުން މަދުކުރުމުގެ ފިޔަވަޅުތަކާއި ޖަޕާނަށް ބޭނުންވާ ޗައިނާގެ ނާދިރު މައުދަންފަދަ ބައެއް ތަކެތި ޖަޕާނަށް ވިއްކާމިންވަރު ކޮންޓްރޯލްކުރުންފަދަ ކަންކަން ހިމެނެއެވެ. މިކަމުގެ ނޭދެވޭ އަސަރު ޖަޕާނަށް ވަނީ ކުރަންފަށާފައެވެ. މިގެއިތުރުން ޗައިނާ ވަނީ ބެއިޖިންގްގައި ހުންނަވާ ޖަޕާނުގެ ސަފީރު ޙާޒިރުކޮށް އިހުތިޖާޖްގެ ލިޔުމެއް ވެސް ހަވާލުކޮށްފައެވެ. "ވޯލްސްޓްރީޓް ޖާނަލް" ބުނާގޮތުން ޓައިވާންގެ މައްސަލައިގެ ތެރެއަށް ނުވަނުމަށް ޓްރަމްޕް ޖަޕާނުގެ ބޮޑުވަޒީރަށް ނަސީހަތް ދެއްވީ ޖަޕާނުގެ ބޮޑުވަޒީރުގެ އަމަލުތައް ހުންނަ ގޮތުން މައްސަލަ އިތުރަށް ގޯސްވެދާނެތީއެވެ. ރިޕޯޓްތައް ބުނާގޮތުން ޖަޕާނުގެ އަންހެން ބޮޑުވަޒީރު ތަކައިޗީ އަކީ ކަނާތު ފިޔައިގެ ތަންކޮޅެއް ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. އެކަމަނާ ކޮޕީ ކުރައްވާކަމަށްވަނީ 1980 ގެ އަހަރުތަކުގައި އިނގިރޭސިވިލާތުގައި ބޮޑުވަޒީރުކަން ކުރެއްވި ހަރުކަށި ބޭފުޅެއްކަމަށްވާ މާގްރެޓް ތެޗާ (އަޔަން ލޭޑީ) ގެ ސިޔާސަތުތަކާއި ތެޗާގެ ގެންގުޅުއްވި ހަރުކަށި ގޮތްތަކެވެ. ނަމަވެސް ޗައިނާ ފަދަ ބޮޑު ބާރަކާ މިގޮތަށް ޖެހިގަތުމަކީ އަދުގެ ދުނިޔޭގައި ޖަޕާނަށް މަސްލަހަތު ހުރިކަމެއް ނޫންކަމަށް ޚުދު ޖަޕާނުގެ މެދުމިނުގެ ސިޔާސީ ބޭފުޅުން ވެސް ދެކެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ