ޝަހީބާއި އެކުވެރިންގެ މައްޗަށް ކުށް ސާބިތުވެ، އުމުރަށް ޖަލަށް

ކަންނެލި ދޯންޏެއްގައި ރާއްޖެއަށް 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް އާއި އޭނާގެ ބައިވެރިންގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށް ލާން މިއަދު ހުކުމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މަސްތުވާތަކެތީގެ މި ބޮޑު މައްސަލަ ފަޅާއަރައި، ޝަހީބާއި އޭނާގެ ހަތް އެކުވެރިން ހައްޔަރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން ޝަރީއަތް ނިމެންދެން އެ މީހުން ހައްޔަރުކޮށްފައި ބެހެއްޓި ނަމަވެސް ބައެއް މީހުން ދޫކޮށްލި އެވެ.
ތަފްސީލް - ޝަހީބުގެ އިތުރުން ދެން މި މައްސަލައިގައި އުމުރަށް ޖަލަށް ހުކުމްކޮށްފައިވަނީ:
އަސީލް މާހިރު، ދުންފިނިގެ/ގއ. ވިލިނގިލި
އަހުމަދު މޫސާ، ވައިލެޓްވިލާ/ހއ. ހޯރަފުށި
އަނަސް ހުސެން، ސެލް/ޅ. ހިންނަވަރު
ބަންގްލަދޭޝްއަށް ނިސްބަތް އިގުބާލާއި
މުހައްމަދު ރިޔާދު
މި މައްސަލައިގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ވެސް ހައްޔަރުކޮށް ދައުވާ އުފުލި އެވެ. އެކަމަކު ޖުވެނައިލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފަ އެވެ.
ގުޅުން ހުރި - ފުލުހުންގެ މައްޗަށް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހޯދަން އިއުލާނު ކުރި ޝަހީބް އިބްރާހިމް ވަނީ އެ ދުވަހުގެ ރޭ އަމިއްލައަށް ފުލުހުންނާ ހަވާލުވެވަފަ އެވެ. އެއީ އޭނާގެ އަންހެނުން ހައްޔަރުކުރުމުންނެވެ.
އޭނާ ފިލުމަށް އޭނާގެ އަންހެނުން އެހީތެރިވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - ޝަހީބަކީ:
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެއް
 އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކޮށްފައި
މި މައްސަލައިގެ އިތުރުން، އީރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ވެސް އޭނާއާ ގުޅުން އޮތް ކަމަށް ފުލުހުން މީގެ ކުރިން ތުހުމަތުކޮށްފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ