ޕެރިސް (ސެޕްޓެމްބަރު 15) - ފްރެންްޗް ލީގުގައި ރޭ ޕީއެސްޖީން ކުޅުނު މެޗުގައި ބްރެޑްލީ ބާކޮލާގެ ދެ ގޯލުން 2-0 އިން ލޯންސް ބަލިކޮށް ތާވަލު ކުރީގައި މަގާމު ދަމަހައްޓައިފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ޕީއެސްޖީން މި ފަހަރު ލީގުގައި ކުޅުނު ފުރަތަމަ ހަަތަރު މެޗުން މޮޅުވެ ވަނީ 12 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ލިލް އަށް ހަތަރު މެޗުން 10 ޕޮއިންޓް އަދި ތިން ވަނައިގައި އޮތް މޮނާކޯ އަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފަ އެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި، ވިޓީނިއާ ދިން ބޯޅައަކުން ބާކޮލާ އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މި ލަނޑާ އެކު، ޕީއެސްޖީން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެ އެވެ.
ދެ ވަނަ ހާފު ފެށިގެން ހަ މިނިޓް ތެރޭގައި، ޕީއެސްޖީން ދެ ވަނަ ގޯލު ޖެހިއިރު، ފެނިގެންދިޔައީ ފުރަތަމަ ގޯލުގައި ވެސް ފެނުނު ކޮމްބިނޭޝަން އެވެ. މެޗުގެ 51 ވަނަ މިނިޓްގައި ވެސް ވިޓީނިއާ ދިން ބޯޅައަކުން ބާކޮލާ މި ލަނޑު ޖެހީ އޭރިއާބޭރުންނެވެ.
ލޯންސް އަށް ގޯލެއް ޖަހައިދޭން އެ ޓީމުގެ ފްލޯރިއަން ތޯވާން ޖެހި ބޯޅައެއް ޕީއެސްޖީގެ ކީޕަރު ލޫކަސް ޝެވަލިއޭ ވަނީ މަތަކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އެޓަލަންޓާއާ ކުޅެން ޖެހޭ މެޗު އޮތުމުން، ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ރޭގެ މެޗުގައި ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ.
ބާކޮލާގެ ދެ ގޯލުން ޕީއެސްޖީ އަށް މޮޅެއް ބާކޮލާގެ ދެ ގޯލުން ޕީއެސްޖީ އަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ