އަނބިމީހާއާ ގުޅުން ބާއްވާ ފިރިހެނަކަށް ހަމަލާދީގެން ދިވެއްސަކު ޖަލަށް

ދިވެހި އަނބިމީހާއާ ގުޅުން ބާއްވާ ފިރިހެނަކަށް ހަމަލާދިން މައްސަލައެއްގައި ދިވެހި ފިރިހެނަކު އެއް މަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ. އަނބިމީހާއާ ސިއްރުން ގުޅުން ބާއްވާ ކަމަށް ބުނެ ފިރިހެނަކަށް ހަމަލާދިފައިވަނީ މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. މި ފިރިހެން މީހާ، އޭނާގެ އަންހެނުންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ މީހާއަށް ހަމަލާދީފައިވަނީ މާލޭ، ވެލާނާގޭ ކައިރީ ޕާކިން ޒޯން ސަރަހައްދުގައެވެ. މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން ނިންމި މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ ފިރިހެން މީހާއަށް ހަމަލާދީފައިވަނީ މި އަހަރުގެ މެއި މަހުގެ ދުވަހެއްގައި، މެންދުރެއްހާއިރު އެވެ. މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު ފިރިހެން މީހާވަނީ ކުށަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވެ، ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާގެ އަންހެނުންނާ ގުޅުން ބޭއްވުމުގެ އިތުރުން އެ ފިރިހެން މީހާ އޭނާއަށް ބުލީކޮށް އެކި ފަހަރުމަތިން ފުރައްސާރަކޮށް ހަދާފައިވާ ކަމަށެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މީހާގެ މައްޗަށް އެ ފަދަ މައްސަލައެއްގައި ކުރިންވެސް އަދަބު ލިބިފައިވެއެވެ. ރެކޯޑްތަކުން ދައްކާ ގޮތުގައި، ދައުވާ ލިބުނު ފިރިހެން މީހާ، 2023 ވަނަ އަހަރުގެ ތެރޭގައިވެސް ހަމަ މި ފަހަރުވެސް ހަމަލާ ދިން މީހާއަށް ހަމަލާދީގެން ހުކުމެއް އައިސްފައިވެއެވެ. މި ފަހަރު އޭނާ ހަމަލާދިނީ، ކުރީގެ މައްސަލައިގައި ހުކުމް ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. ކުރިން ފަހަރު އެ މީހާގެ މައްޗަށް އައިސްފައިވަނީ 10،800 ރުފިޔާގެ ޖޫރިމަނާއެކެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. ކްރިމިނަލް ކޯޓުން، މި މަހުގެ ދެވަނަ ދުވަހު ނިންމި މި ފަހަރުގެ މައްސަލައިގައި އެ މީހާގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި 11 ދުވަހުގެ ޖަލު ހުކުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ