ރައީސް މުހައްމަދު މުއިއްޒު މިހާތަނަށް އިއުލާންކުރައްވާފައިވާ ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދިޔުމުގެ ކުރިން އެފަދަ ވޯޓުތަކާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދު މަޖިލީހުން ބަލައިގެންފި އެވެ.
ވީ ކިހިނެއް؟ - 'ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު'ގެ ނަމުގައި ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
މިދިޔަ ދެ ދުވަހު މި ބިލަށް މަޖިލީހުގައި ބަހުސްކޮށްފައިވެ އެވެ. އަދި މިއަދުގެ ޖަލްސާގައި ބަހުސް ނިންމައި ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އަހާފައިވެ އެވެ.
ތަފްސީލު - މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ 62 މެންބަރުންގެ ތާއީދާ އެކު އެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވެސް ހިމެނެ އެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
އެ ވޯޓާ އެކު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވާފަ އެވެ. މި ބިލު ދިރާސާ ކުރާނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނެވެ.
އެނގުން މުހިންމު - ރައީސް މުއިއްޒު ވަނީ މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ އެކި ޖަލްސާތަކުގައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގައިގެން ނިންމަން ޖެހޭ ބައެއް ކަންކަން އެ މަނިކުފާނުގެ ހިޔާލުފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ކަންކަމަކީ:
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި އެއް ބުރުން ވެރިޔަކު ހޮވާ ގޮތަށް ހެދުން
ޕްރިފެރެންޝަލް ވޯޓިން ނިޒާމަކުން ވެރިޔަކު ހޮވާ ގޮތަށް ހެދުން
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީހެއްގައި ބޭއްވުން
ވެރިކަމުގެ ހުވާ ކުރައްވާ ދުވަސް 11 ނޮވެމްބަރަށް ބަދަލު ކުރަން
ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ބިލު ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ