ހއ. ކެލާ ފަޅު ހިކައިގެން ދެ ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ބީލަން ބާތިލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވަނީ ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން 325.5 ހެކްޓަރު ކަނޑައެޅުމަށް މިދިޔަ މާޗުގައި ގަރާރެއް ނެރުއްވާފަ އެވެ.
އެ ގަރާރާ އެއްގޮތަށް ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން މިނިސްޓްރީން ބީލަމަށް ހުޅުވާލީ 31 މާޗުގަ އެވެ. އެއީ:
156.2 ހެކްޓަރުގެ ރަށެއް - 12.19 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 1.99 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ
169.3 ހެކްޓަރުގެ ރަށެއް - 12.19 ހެކްޓަރު ހިއްކަން ޖެހޭ އަދި އެ ރަށުގައި ވެސް 200 އެނދުގެ ރިސޯޓެއް ތަރައްގީކުރަން ޖެހޭ؛ މި ރަށް 50 އަހަރަށް ކުއްޔަށް ނެގުމަށް، ބީލަން ކާމިޔާބުވިކަމުގެ ސިޓީ ލިބޭތާ ދެ މަސްދުވަހުގެ ތެރޭގައި މަދުވެގެން 2.03 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ
ތަފްސީލު - ޓޫރިޒަމް މިނިސްޓްރީން އިއްޔެ އެ ބީލަން ބާތިލުކުރީ ރިސޯޓް މަދު އަތޮޅުތަކުގައި ރިސޯޓު ތަރައްގިީކުރަން ސަރުކާރުން މިފަހުން ލުއިތަކެއް ދޭން ނިންމުމާ ގުޅިގެންނެވެ. އެ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅު ވެސް ހިމެނެ އެވެ.
މިނިސްޓްރީން ބުނީ އެ ލުއިތަކާ އެކު އަލުން އިއުލާން ކުރުމަށްޓަކައި 31 މާޗުގައި ހުޅުވި ބީލަން ބާތިލުކޮށްފައިވާ ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން، އޯޕަން ބިޑިން އުސޫލުން ޓޫރިޒަމް ތަރައްގީކުރުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ސަރުކާރުން ލުއިތަކެއް ދޭން ނިންމާފައިވަނީ، އާންމުކޮށް ހުޅުވާލައިގެންނާއި ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ ގަވާއިދު އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ކުއްޔަށް ދޫކުރާ ތަންތަނަށެވެ.
އެގޮތުން ދޭ ލުއިތަކަކީ:
ލީސް އެކުއިޒިޝަން ފީ ހިސާބުކުރުމުގެ ރޭޓު ކުޑަކުރުން
ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ދެވޭ ގްރޭސް ޕީރިއަޑް ހަމަވުމުގެ ކުރިން ތަން ތަރައްގީކޮށް ހުޅުވުމުން، އެ ދުވަހުން ފެށިގެން ގްރޭސް ޕީރިއަޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުން
ކުއްޔަށް ދޫކުރާ ތަންތަނުގެ ޑިއުޓީ މައާފް ކުރާ އިންސައްތަ އިތުރުކުރުމާއި ކުއްޔަށް ދޫކުރާ ތަންތަން ތަރައްގީކުރުމަށް ގެންނަ ފަރުނީޗަރު، ކިޗަން އެޕްލަޔަންސް، އިކުއިޕްމަންޓް، އިލެކްޓްރޯނިކް އަދި އެމިނިޓީސް ޑިއުޓީ މައާފް ކެޓެގަރީއަށް އިތުރުކުރުން
ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކުން
މީގެ އިތުރުން، އެ އަތޮޅުތަކުގައި ހަލާލު ޓޫރިޒަމް އުސޫލުން ތަނެއް ތަރައްގީ ކުރާ ނަމަ، އެ ލުއިތަކުގެ އިތުރުން ވެސް އެހެނިހެން ލުއިތަކެއް ދޭން ނިންމާފައިވެ އެވެ. އެއީ:
ރިސޯޓް ތަރައްގީ ކުރުމަށް ދޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން ފަސްވަނަ އަދި ހަވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދައްކާ ގޮތަށް ހަމަޖެއްސުން
ލީސް އެކުޒިޝަން ކޮސްޓުން އިތުރު %20 ދަށްކުރުން
ލުއިތަކާ އެކު 2 ރިސޯޓު ތަރައްގީކުރަން ކެލާ ފަޅު އަލުން ބީލަމަށް ލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ