ކުދިންގެ ކިބައިން ފެންނަ ނުރަނގަޅު ކަންކަމާއި ގުޅިގެން ބަހެއް ބުނެފިނަމަ ޖަވާބަކަށް މިލިބެނީ "އެއީ މިހާރުގެ ކުދިންގެ ގޮތް" ކަމަށެވެ. އެހެންކަމަސްވާނަމަ ސުވާލެއް އެބައޮތެވެ. މިސުވާލަށް ޖަވާބު ދެއްވާށެވެ! އެސުވާލަކީ ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރެ ޖަވާބުދާރީވާންޖެހުމުން "މިއަޅާގެ ދަރިފުޅު ދީނާއި ދުރުހެލިވީ، އަދި ނުބައި ޢަމަލުތައްކުރާ އެއްވެސް ރިވެތި އަޚްލާޤެއް ނެތި ބޮޑުވީ އިނބަ ﷲ އަޅުގަނޑުގެ ދަރިފުޅު ދުނިޔެއަށް ފޮނުއްވެވި ޒަމާނުގެ ސަބަބުން" ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭނެ ހެއްޔެވެ؟
މިދައްކަނީ ކުޑަކަމެއްގެ ވާހަކައެއް ނޫނެވެ. އިސްލާމީ މުޖުތަމަޢުއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމުގެ ވާހަކައެވެ. މުޖުތަމަޢުތައް ހަލާކުވަމުން މިދަނީ މިބޮޑު މައްސަލަ ޙައްލު ނުކުރެވިގެންނެވެ.
ވަރަށް ކެރިހުރެގެން ބުނަމެވެ. ދަރިން ދީނާ ދުރުހެލިވުމަކުން އަދި އެކުދިންގެ އަޚްލާޤް ގޯސްވުމަކުން "މިޒަމާން" ކުށްވެރިއެއް ނުކުރެވޭނެއެވެ. ޒަމާނުގެ ބޮލުގައި އަޅުވައި ރެކި ނުގަނެވޭނެއެވެ. އެކަމުގެ ޒިންމާ ނަގަންޖެހޭނެ ބައަކު ތިބޭނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހުންނަށް ޖެހޭނީ އެކަމުގެ ޒިންމާ އުފުލާށެވެ.
ވަރަށް ގިނަ ބެލެނިވެރިން ބުނާއަޑު އިވެއެވެ. "މިހާރުގެ ކުދިން ހަމަ ގޯހީއެވެ. ބަސްޤަބޫލުނުކުރަނީއެވެ." މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ދައްކާ ވަރަށް ދޮގުވާހަކަތަކެކެވެ. "މިހާރު" އެއީ އެއްވެސް ކުއްޖެއްގެ މައެއް ބަފައެއް އަދި ބެލެނިވެރިއެއްވެސް ނޫނެވެ. އަދި ނުހަނު ދީންވެރި އަދި އަޚްލާޤް ރަނގަޅު ކުދިން ބޮޑުވަމުން އެދަނީވެސް ހަމަ ތިއަބުނާ މިޒަމާނުގައި ނޫން ހެއްޔެވެ؟
ފސްވަޤުތު ހަމައަށް ނަމާދުކުރުމުގެ އިތުރުން ބަންގިގޮވައިލާނެ ފުރުޞަތު އިމާމް ދޭތޯ ކަޅިޖަހާ ނުލައި އިމާމަށް ބަލަން ކުދިން މިސްކިތްތަކުގައި އެތިބެނީ މިޒަމާނަކުނޫން ހެއްޔެވެ؟ ޒުވާން ޤާރީންތަކާ ޙާފިޡުންތައް އުފެދި އިތުރުވަމުން އެއަންނަނީ ހަމަ މިޒަމާނަކު ނޫން ހެއްޔެވެ؟ އެކުދިން ދުނިޔޭގައި އެއުޅެނީ އެހެން ޒަމާނެއްގައި ހެއްޔެވެ؟
ވީމާ ވިސްނާށެވެ! ކޮންމެ ކުއްޖެއްގެވެސް މައިންބަފައިން ތިބޭނެއެވެ! ކޮންމެ ކުއްޖަކީވެސް މަންމައަކާއި ބައްޕައެއްގެ ދަރިއެކެވެ. މައިންބަފައިން ދުނިޔޭގައި ނެތްނަމަ ބެލެނިވެރިން ތިބޭނެއެވެ! ބެލެނިވެރިއަކު ނެތްނަމަ ބެލެނިވެރިއަކީ ދައުލަތެވެ، މީގެތެރޭގައި "މިހާރުގެ" ނުވަތަ "މިޒަމާން" ކިޔާ އެއްވެސް ފަރާތެއް ނެތެއް ނޫން ހެއްޔެވެ؟
ހުރިހާވެސް މައްސަލައަކީ މައިންބަފައިން އިސްލާމް ދީނާއި ދުރުވުމެވެ. ދީނުގެ ކަންކަމަށް ސަމާލުކަން ނުދިނުމެވެ. އިސްލާމްދީނުގައިވާ ކަންކަމަށް ސަމާލުކަންދީގެން ދަރިން ތަރުބިއްޔަތު ނުކުރުމެވެ.
މިގޮތުން ވަރަށް މުހިންމު ކަމެއް މިރޭ ފާހަގަކޮށްލާނަމެވެ!
މަޣްރިބް ނަމާދުން ފައިބައިގެން ގެއަށް ވަނުމަށްފަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމަތައް ބަލާ މީހަކަށް ވެގެން ޢިޝާ ނަމާދުކުރަން ދަތިތައް ހުންނާނެއެވެ. މިބުނި ފަދަ ޕްރޮގްރާމްތައް ބެލުމުން އެމީހެއްގެ ހިތަށް ވަންނާނީ އެޕްރޮގްރާމްތަކުން ފެނުނު ކަންކަމެވެ. ގިނަ މީހުންގެ ސިކުނޑީގައި އަބަދުވެސް އެންމެ ފަހުން ހަރުލާފައި ހުންނާނީ ތިމާއަށް އެންމެ ފަހުން ފެނުނު ކަމެކެވެ. މަންޒަރުތަކެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވީމާ ދާދި ދެންމެ ބެލި ޓީވީ ޕްރޮގްރާމްތަކުން ފެނުނު ކަންކަން ސިކުނޑީގައި ބަހައްޓައިގެން ޢިޝާ ނަމާދުކުރަން އުޅުމުން ފަސޭހައެއް ނުވާނެއެވެ.\
މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު އެންމެ ރަނގަޅީ ކީރިތި ޤްރްއާން ކިޔެވުމުގައި ނުވަތަ ފިލާވަޅު ދަސްކުރުން ފަދަ ކަމެއްގައި ހޭދަކުރުމެވެ. އަހަރެންގެ އަމިއްލަ ތަޖުރިބާއިން ބުނެފާނަމެވެ. މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި ލިބޭ ވަގުތުކޮޅުގެ ބޭނުން އަހަރެން ހިފަނީ ކީރިތި ޤްރްއާން ކިޔެވުމަށެވެ. ހަމަޖެހިލައިގެން އިނދެ ރޭގަނޑު ކިޔަވަން ސޫރަތްތަކާއި އާޔަތްތައް ކިޔަވައިލެވެއެވެ. މި ސޫރަތްތައް ކިޔެވުމުން ރޭގަނޑު ކިޔަވަންޖެހޭ ގިނަ ސޫރަތްތަކެއް ކިޔެވުނީއެވެ. ޢާންމުކޮށް ގިނަ ބައަކު ކިޔަވައި އުޅޭ ސޫރަތްތައް ކިޔެވުނީއެވެ. މިސޫރަތްތައް ކިޔެވުމުގެ ފައިދާގެ ވާހަކަތައް އަބަދުވެސް މިގެންދަނީ ދައްކަމުންނެވެ.
ބައެއް މީހުން ސޫރަތްތައް ކިޔަވަނީ ޢިޝާ ނަމާދަށްފަހުގައެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ޢިޝާ ނަމާދުގެ ކުރިން ސޫރަތްތައް ކިޔަވައިފިނަމަ ޢިޝާ ނަމާދަށްފަހު އަވަހަށް ނިމޭނެއެވެ. އެކަމުގައި އެމީހަކު ބޭނުން ގޮތެއް އިޚްތިޔާރުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މުހިންމު ކަމަކީ ސޫރަތްތައް ކިޔެވުމެވެ.
ކޮންމެހެން ޓީވީ ބަލަން ބޭނުންވެގެން ދެ ނަމާދު ދޭތެރޭގައި ޓީވީ ބެލި ނަމަވެސް ބޭކާރު ޕްރޮގްރާމްތައް ބެލުމުގެ ބަދަލުގައި ދީނީ ކޮންމެވެސް ޕްރޮގަރާމެއް ބަލާށެވެ! އެއިރުން ޢިޝާ ނަމާދަށް މީހާ ތާޒާވާނެ އެވެ. ނަމަވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބަލާނަމަ އެ ތާޒާކަން ނުލިބޭނެ އެވެ.
ނިކަން ބުނެބަލާށެވެ! ދަރިން ތަރުބިއްޔަތުކުރުމުގައި މިކަންކަމަށް މިއަދު ސަމާލުކަން ދެނީ ކިތައް ބެލެނިވެރިންހެއްޔެވެ؟ ދަރިންގެ ކިބައިގައި މިސިފަތައް އަށަގަންނަވަން އެއްވެސް މަސައްކަތެއް ކުރަމުހެއްޔެވެ؟ އެއީ މިއަދުގެ މައްސަލައެއް ހެއްޔެވެ؟ ނޫނީ މައިންބަފައިންގެ މައްސަލައެއް ހެއްޔެވެ؟
މިއަދުވެސް އިރުއަރައި އޮއްސެނީ ހަމަ މީގެ 1450 އަހަރުކުރިން އެކަން ހިނގަމުންދިއަގޮތަށެވެ. ތަފާތަކީ މިހާރު މިޒަމާނުގައި ދިރިއުޅޭ މީހުންނަށް އެތައް ބައިވަރު ލުއިފަސޭހަގޮތްތަކެއް މިންވަރުކުރައްވަވައި ދެއްވެވުމެވެ. ބޮޑެތި ފަސޭހަތަކެއް ދެއްވެވުމެވެ. ނިޢްމަތް އިތުރުކުރައްވަވައި ދެއްވެވި ވަރަކަށް މިދެވެނީ ﷲ ތަޢާލާ އާ ދުރަށެވެ!
މިކަންކަން އިޞްލާޙްކޮށް އަހަރެމެންނާ އަހަރެމެންގެ ދަރިން ތަރުބިއްޔަތުކުރަން އައު ޢަޒުމަކާއެކު މަސައްކަތް ފަށަމާހެއްޔެވެ؟ އެކަން ނުކުރެވިއްޖެނަމަ ޤިޔާމަތް ދުވަހު މިހާރާ މިޒަމާނުގެ ބޮލުގައި ރެކިގަނެވޭނެކަމަށް އުންމީދުވެސް ނުކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
"މިއަޅާގެ ދަރިފުޅު ދީނާއި ދުރުހެލިވީ، ނުބައި ޢަމަލުތައްކުރުންމަތީގަ ބޮޑުވީ އިނބަ ﷲ އެދަރިފުޅު ދުނިޔެއަށް ފޮނުއްވެވި ޒަމާނުގެ ސަބަބުން" ކަމަށް ﷲ ގެ ޙަޟްރަތުގަ ދެންނެވޭނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ