ފުވައްމުލަކު ޑްރަގް ނެޓްވޯކް އެއްކޮށްހެން ނައްތާލެވިއްޖެ: ވަޒީރު އިޙްސާން

ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވަމުން އައި މަސްތުވާތަކެތީގެ ނެޓްވޯކް އެއްކޮށްހެން ނައްތާލެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މިއަހަރުގެ ރިޔާސީ ބަޔާނާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޚްސާން ވިދާޅުވި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދެގޮތަކަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، މަސްތުވާތަކެއްޗަށް އޮތް ޑިމާންޑު ދަށްކުރުމަށް އެތަކެއްޗަށް ދެވިހިފާފައިތިބި މީހުންނަށް ފަރުވާދިނުމުގެ ކަންކަން ކުރިއަށްދާ ކަމަށާއި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފަރުވާ ނުފެށި ތިބި ގިނަ ބަޔަކަށް ފަރުވާ ދީފައިވާ ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް މުޖުތަމައުގައި އެކަހެރިވެފައި ތިބި މީހުންވެސް ދައުލަތުން ފަރުވާގެ ނިޒާމަށް ވައްދައިގެން ފަރުވާ ދިނުމަށްފަހު މުޖުތަމައަށް ނެރުމަށް މަސައްކަތްތައް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރާއެކު ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ފަރުވާދެވޭ ގޮތަށް ތިން މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމަވާފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރައްވަމުންދާ މަސައްކަތްތަކުން މިދިޔަ އަހަރު އެކަނިވެސް 1.2 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އެތެރެވުން ވަނީ ހުއްޓުވާފައެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކަސްޓަމްސް ގުޅިގެން އިންޓެލިޖެންސަށް ބިނާކޮށް އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. އަތޮޅުތަކަށް ހާއްސަކޮށްގެން ޑްރަގް އޮޕަރޭޝަންތައް ހިންގައި އެފަދަ ނެޓްވޯކުތައް ނައްތާލުމުގެ ކާމިޔާބު މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ވަޒީރު އިހްސާން ވިދާޅުވިއެވެ.
"އޭގެ ތެރެއިން ކާމިޔާބުކަމާއެކު އެއް އަތޮޅު އަޅުގަނޑުމެން ވަނީ ކާމިޔާބުކަމާއެކު އެއްކޮށްކަހަލަގޮތަކަށް ނިންމާފައި. ޏ. އަތޮޅު ފުވައްމުލައް. ފުވައްމުލަކުގައި ކެފޭއެއްގެ ގޮތުގައި ތަންތަން ހަދައިގެން ޑްރަގް މީހުންނަށް ދެމުންގެންދާ ތަންތަން އެއްކޮށް ހުއްޓުވައި އެކަންކަން ކުރަމުން އައި މީހުން ހިފާ ހައްޔަރުކޮށް،" ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
އާންމުކޮށް ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް ތިބޭ މީހުން އެ ވިޔަފާރިތައް ހިންގަނީ އެހެން ވިޔަފާރިތައް ކުރިއަށް ނެރެގެންނެވެ. އެހެންވެ، އެ މީހުން ދެނެގަނެ އެ މީހުން މަނީ ލޯންޑަރިންގެ ކުށުގައި ހައްޔަރުކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނުގައި އޮންނަ އެންމެ ހަރުކަށި އަދަބު އެމީހުންނަށް ދެމުންދާ ކަމަށާއި މިއަހަރުވެސް މި މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ