ފަލަސްޠީނުގެ ޣައްޒާ އަލުން އާރާސްތު ކޮށް އެ ސަހަރުގައި ރެސްޓޯރަންޓުތަކާއި ހޮޓާތައް އަލުން ބިނާ ކުރާނީ ޣައްޒާގެ ރައްޔިތުން ކަމަށް އެ ރަށުގެ ރައްޔިތުން ބުނެފިއެވެ. ޣައްޒާގެ ރައްޔިތުން އެހެން ބުނެފައި ވަނީ ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި އެ ތަން ތަރައްޤީކޮށް، އެ ތަނުން އިޤުތިޞާދީ ނަފާ ހޯދަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
ފާއިތުވި 15 މަސް ދުވަހު ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ޣައްޒާއަށް އަމާޒު ކޮށް އެ ސަހަރު ސުންނާފަތި ކޮށްލުމުގެ ކުރިން ޣައްޒާއަކީ ޢާންމުންގެ މެދުގައި މަަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެކެވެ. ބޮޑު ގޮނޑުދޮށެއް އޮންނަ އެ ސަހަރުގައި ހޮޓާތަކާއި ކެފޭތައް ހިންގާ އިޤްތިޞާދީ ގޮތުން ނަފާ ލިބޭ މަސައްކަތްތައް ދިޔައީ ކުރަމުންނެވެ. އެއް ޒަމާނެއްގައި އެއީ ގިނަ ޢަދަދެއްގެ ޔަހޫދީން ވެސް ޒިޔާރަތް ކުރަމުން ދިޔަ މަންޒިލެކެވެ. 2007ވަނަ އަހަރު ޙަމާސުން ޣައްޒާގައި ވެރިކަން ކުރަން ފެށުމަށް ފަހު ވެސް ރަށުގެ އައްސޭރީގައި ހިތްގައިމު ކެފޭތަކާއި ރެސްޓޯރަންޓުތައް ދިޔައީ ހިންގަމުންނެވެ.
އެމެރިކާގެ ރައީސް ވަނީ ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި އެމެރިކާގެ ބާރުގެ ދަށަށް ޣައްޒާ ގެންނަވަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ރިސޯޓެއްގެ ގޮތުގައި ޣައްޒާ ތަރައްޤީ ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެ އޭނާގެ ތަސައްވުރު ވަނީ ޚިއްޞާ ކުރައްވައިފައެވެ. އެ ޚިޔާލަކީ އޭނާގެ ދަނބިދަރިކަލުން ޖާރެޑް ކުޝްނާ މީގެ ކުރިން ދެއްވާފައިވާ ޚިޔާލެކެވެ. ޓްރަމްޕްގެ ވާހަކަތަކާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ދުނިޔޭގެ އެކި ޤައުމުތަކުން އޭނާގެ ވާހަކަތައް ކުށްވެރި ކޮށް, ޓްރަމްޕްގެ ތަސައްވުރަކީ ނަސްލުހޭދު ކުރުން ކަމުގައި ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ވެސް ޚިލާފު ހުށަހެޅުމެއް ކަމަށް ބުނެ ޤައުމުތަކުން ވަނީ ނުރުހުން ފާޅު ކޮށްފައެވެ.
ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން ޣައްޒާގެ ރައްޔިތުން ވެސް ވަނީ ޓްރަމްޕްގެ ތަސައްވުރަކީ ހަޤީޤަތަކަށް ނުވާނެ ކަމަށް ބުނެފައެވެ. ޣައްޒާގެ ރައްޔިތުން ބުނަމުން ދަނީ އެ މީހުންގެ އަމިއްލަ ވަޒަން ދޫކޮށް ދުވަހަކު ވެސް ނުދާނެ ކަމަށެވެ. މުޅި ސަހަރު ސުންނާފަތި ކުރި ނަމަވެސް ޣައްޒާގެ ރައްޔިތުން ދެމި ތިބޭނީ އަމިއްލަ ވަޒަނުގައި ކަމަށް އެ މީހުން ދަނީ ބުނަމުންނެވެ. ޔަހޫދީންނާއެކު 1948ވަނަ އަހަރު ކުރި ހަނގުރާމައަށް ފަހު ފަލަސްޠީނުގެ 700,000އަށް ވުރެ ގިނަ ރައްޔިތުން ވަޒަން ދޫކޮށް ދިޔުމަށް މަޖުބޫރު ކުރި ޙާލަތް ފަދަ ޙާލަތެއް އަލުން ތަހައްމަލް ކުރުމަށް ޣައްޒާގެ ރައްޔިތުން ނޭދެއެވެ.
ޣައްޒާގެ ރައްޔިތެއް ކަމަށްވާ ޢައްސަދު އަބޫ ހަސީރާ ބުނީ ޢުދުވާނީ ޙަމަލާތަކުގެ ކުރިން އޭނާ ހިންގަމުން ދިޔަ ރެސްޓޯރަންޓު އަލުން ބިނާ ކުރެވުމުގެ ކުރިން ވެސް އެ ތަނުން ކާބޯތަކެތި ތައްޔާރު ކޮށް ވިއްކަން ފަށާނެ ކަމަށެވެ. ރެސްޓޯރަންޓަށް ގެއްލުންތައް ލިބިފައިވި ނަމަވެސް އަލުން މަރާމާތު ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އޭނާ ބުނެއެވެ. މެދުއިރުމަތީގެ އައު މަންޒިލެއްގެ ގޮތުގައި ޣައްޒާ ތަރައްޤީ ކުރުމަށް ޓްރަމްޕް ގެންގުޅުއްވައި ތަސްއްވުރުގެ ދަށުން ޣައްޒާގެ ރެސްޓޯރަންޓުތައް އައު ކޮށްލައި ޣައްޒާއަށް ބޮޑެތި ބަދަލުތައް ގެންނަވަން ޓްރަމްޕް ބޭނުންފުޅު ވިޔަސް ޣައްޒާގެ ތާރީޚު ފޮހެލައި އައު ތާރީޚެއް ނުލިޔެވޭނެ ކަމަށް ހަސީރާ ވަނީ ބުނެފައެވެ. ޣައްޒާގެ ރައްޔިތުންނަކީ ޢަރަބިން ކަމަަށާއި ދެމި ތިބޭނީ ވެސް ޢަރަބިންގެ ގޮތުގައި ކަމަށް ފާހަގަ ކޮށް ހަސީރާ ބުނީ ޣައްޒާގެ ތާރީޚު ފޮހެލައި އޭގެ މައްޗަށް އެހެން ބައެއްގެ ތާރީޚު ނުލިޔެވޭނެ ކަމަށެވެ.
ޣައްޒާގެ އެހެން ރައްޔިތުން ވެސް ވަނީ ހަމަ މި މޭރުމުން ވާހަކަ ދައްކައިފައެވެ. ހަނގުރާމައިގެ ކުރިން ރެސްޓޯރަންޓެއް ހިންގަމުން ދިޔަ ޣައްޒާގެ އެހެން ރައްޔިތެއް ކަމަށްވާ މުޙައްމަދު އަބޫ ހަސީރާ ބުނީ އޭނާގެ ރެސްޓޯރަންޓު ދެން ހުޅުވާނީ ކުރިއަށް ވުރެ ފުރިހަމަ ކޮށް ކަމަށާއި ވަރަށް އަވަހަށް ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. ޣައްޒާގައި ރެސްޓޯރަންޓު އަޅަން ބޭނުން ކަމަށް ޓްރަމްޕް ވިދާޅުވަމުން ދާއިރު ޣައްޒާގައި ކުރިން ވެސް ހިންގަމުން ދިޔަ ތަންތަން ސުންނާފަތި ކުރީ ކީއްވެތޯ އޭނާ ސުވާލު އުފެއްދިއެވެ.
ޓްރަމްޕަށް ގޮން ޖެހީ ޣައްޒާގެ ރައްޔިތުން, ރެސްޓޯރަންޓުތަކާއި ކެފޭތައް ބިނާ ކުރާނީ އަމިއްލައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ