12 ރަށެއްގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަން ކުރިއަށް؛ 1700 މީހުން ވޯޓުލައިފި
ބާރަ ރަށެއްގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަން މިއަދު ފަށައި، 1،700އަށް ވުރެ ގިނަ މީހުން މިހާތަނަށް ވޯޓުލައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ވޯޓުލުން ފަށައިފައިވަނީ 8:00ގައެވެ. އެގޮތުން ގިނަ ރަށްތަކުގައި ވޯޓުލުން ސީދާ ގަޑިއަށް ފަށާފައި ވާއިރު އެ ކޮމިޝަނުން ބުނީ މިއަދު 16:00އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ. ވޯޓުލުން ކުރިއަށް ދަނީ ދެ ރަށެއްގެ ކައުންސިލް މެންބަރުން ހޮވުމަށާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށެވެ. އެއީ: ހދ. މަކުނުދޫ ކައުންސިލް މެންބަރު ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އޭގެ ތެރެއިން ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދެ މެންބަރުން ހޮވާއިރު، ބާކީ ބައި-އިލެކްޝަންތަކުގައި ހޮވަނީ އެންމެ މެންބަރެކެވެ. ކައުންސިލް އިންތިޚާބުގެ ބައި-އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދަނީ: މިހާތަނަށް 1،400 މީހުން ވޯޓުލާފައިވޭ -- ފޮޓޯ/ އީސީ އެ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 11،325އަށް އަރާއިރު މިހާތަނަށް ވޯޓުލާފައިވަނީ އޭގެ ތެރެއިން 1725 މީހުންނެވެ. އެއީ 15.23 ޕަސެންޓް މީހުންނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރޭގައި 798 އަންހެނުންނާއި 927 ފިރިހެނުން ހިމެނެއެވެ. މީގެތެރެއިން މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދަރުސާގައި ކަމަށް އީސީން ވަނީ ބުނެފައެވެ. ވޯޓު ފޮށިތައް ބަންދު ކުރަން ހަމަޖެހިފައިވަނީ 16:00ގައި ކަމަށްވާއިރު، ވޯޓު ގުނަން ފަށާނީ އޭގެ 30 މިނިޓު ފަހުންނެވެ. އަދި ރަސްމީ ނަތީޖާ އިއުލާން ކުރާނީ މާދަމާ ކަމަށް އީސީން ވަނީ ބުނެފައެވެ. ބައި-އިލެކްޝަންތަކަށް ދައުލަތުން ކުރާ ޚަރަދުތައް ބޮޑުވަމުންދާ މައްސަލަ ހައްލުކުރުމަށް ޓަކައި މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުންވަނީ، ކައުންސިލްތަކުގެ ބައި-އިލެކްޝަން ބޭއްވޭނީ އަހަރަކު ދެ ފަހަރު ކަމަށް ކަނޑައަޅާ ބިލެއް ފާސްކޮށްފައެވެ. އޭގެ ކުރިން ގާނޫނުގައި އޮންނަނީ ކައުންސިލް ގޮނޑިއެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓު މަހުގެ 18ގައި އެ ބިލް ތަސްދީގު ކުރައްވައިފައެވެ. އެ އިސްލާހުގެ ދަށުން، މިއަދު ބާއްވާ ބައި-އިލެކްޝަންތަކަކީ މި އަހަރުގެ ފުރަތަމަ ބައި-އިލެކްޝަންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ