ޔޫކްރެއިންގެ މުހިންމު ރަށެއް ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފި ކަމަށް ބުނެފި

ޔޫކްރެއިންގެ ރަށެއް ކަމަށްވާ ތޮރެޓްސްކް ރަޝިޔާގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެފިއެވެ.
ތޮރެޓްސްކަކީ ޖޯގުރަފީގެ ގޮތުން މުހިންމު ސަރަޙައްދެއްގައި އޮންނަ ރަށެކެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން އެ ރަށުގައި 30,000އެއްހާ މީހުން ދިރިއުޅެމުން ދިޔައެވެ. ހަނގުރާމައިގެ ޙާލަތުގައި އެ މީހުން ގެދޮރާއި ރަށް ދޫކޮށް އެހެން ސަރަޙައްދުތަކަށް ދިޔަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެ ރަށުގައި ހުރި ގިނަ އިމާރާތްތައް ވަނީ ސުންނާފަތިވެފައެވެ.
ރަޝިޔާއިން ބުނީ ތޮރެޓްސްކާއި ތޮރެޓްސްކު އޮންނަ ދޮނެޓްސްކް ސަރަޙައްދު މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައި ކަމަށާއި އެއީ މިހާރު ރަޝިޔާގެ ބައެއް ކަމަށެވެ. ނަމަވެސް ޔޫކްރެއިނުން ބުނަނީ އެ ސަރަޙައްދުގައި ގިނަ ޙަމަލާތައް ބަދަލު ކޮށްފައިވި ނަމަވެސް ރަޝިޔާގެ ބާރުގެ ދަށަށް ތޮރެޓްސްކް ގޮސްފައި ނުވާ ކަމަށެވެ.
2022ވަނަ އަހަރުގެ ފެބްރުވަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ ފެއްޓި ހަނގުރާމައިގައި ރަޝިޔާގެ ސަމާލުކަން މިހާރު އޮތީ ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުތައް ކަމުގައިވާ ދޮނެޓްސްކާއި ލޫހަންސްކްގެ މައްޗަށް އެކުލެވޭ ދޮންބަސް ސަރަޙައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެންދިޔުމަށެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ ތޮރެޓްސްކް ސަރަޙައްދުގައި ހުރި ޔޫކްރެއިންގެ އަސްކަރީ މަޤާމުތަކަށް ރަޝިޔާއިން 10 ޙަމަލާ ދީފައިވާ ކަމަށެވެ. އެ ޙަމަލާތަކާ ދެކޮޅަށް ޔޫކްރެއިނުން މަސައްކަތް ކޮށް ރަޝިޔާ ފައުޖު ފަހަތަށް ޖައްސާފައިވާ ކަމަށް ޔޫކްރެެެއިނުން ބުނެއެވެ. ގިނަ ޢަދަދެއްގެ ރަޝިޔާ ސިފައިން ޙަމަލާ ދެމުން ދިޔަ ނަމަވެސް އެ ޙަމަލާތަކާ ދެކޮޅަށް ޔޫކްރެއިނުން ކުރި މަސައްކަތުގައި ސިފައިންނާއި އަސްކަރީ ސާމާނަށް ބޮޑެތި ގެއްލުންތައް ދިން ކަމަށް ޔޫކްރެއިނުން ބުނެއެވެ. ރަޝިޔާގެ އަމާޒަކީ ތޮރެޓްސްކުގައި ހުންނަ ދެ މައިނެއް އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔުން ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ.
ޔޫކްރެއިނުގެ އަސްކަރީ މާހިރުން ބުނީ އުސް ބިމެއްގައި އޮންނަ ތޮރެޓްސްކް ރަޝިޔާއިން އަތުލައިގަތުމުން އިރުމަތީގެ ބޮޑު ބައެއްގައި ޔޫކްރެއިންގެ ފައުޖު ޙަރަކާތްތެރިވެ އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ދިޔުމަށް އަސްކަރީ ފައުޖަށް އުނދަގޫ ވާނެ ކަމަށެވެ. ރަޝިޔާގެ ބާރުގެ ދަށަށް ތޮރެޓްސްކް ގެންދިޔުމުން ގިނަ އެހެން މައި ސިޓީތަކާ ގުޅިފައި އޮތް ސަރަޙައްދީ ހަބެއް ކަމުގައިވާ ކޮސްޓަޔަންތެނިވްކާ އާ ދިމާއަށް ދިޔުމުގައި ރަޝިޔާގެ ފައުޖަށް ފަސޭހަ ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ