ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ރޯކޮށްލި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލު ރޯކޮށްލި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލަކު ފުނާޑު ހެޕީލައިފް އުމުރުން 21 އަހަރުގެ ރިޟުވާން އަލީއެވެ.
ރިޟުވާނުގެ ބަންދުގެ މުއްދަތު އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވާއިރު އޭނާ ބުނީ އެކަން ކުރެވުނީ ބަނގުރާ ބޮއެގެން މަސްތުވެގެން ހުރެ ކަމަށެވެ.
އޭނާގެ މައްޗަށް ކުށްކުރި ކަމަށް ތުހުމަތު ކުރޭ މިންވަރަށް ހެކި ހުށަހަޅާފައިވާއިރު، ތުހުމަތު ކުރެވެނީ ޖަނަވަރީ މަގު ވެލިގާ ހާޑްވެއާ ކައިރީ ބަހައްޓާފައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލި ކަމަށެވެ. އެގޮތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ:
- ސީނަށް ދިޔަ ފުލުހުންގެ ބަޔާން
- ހާދިސާ ހިނގި ސަރަހައްދުގައި ރިޟުވާން ހަރަކާތްތެރިވާ ތަން ފެންނަ ސީސީޓީވީ ސްނެޕް ޝޮޓުތައް
- އިންޓެލިޖެންސް ރިޕޯޓު
- ސައިކަލަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯ
މި މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހާ ވާހަކަ ދައްކަމުންދާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ރިޟުވާނުގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް އިތުރުކޮށްފައިވާއިރު މީގެ ކުރިން އޭނާގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ