އުރީދޫ އިން ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާ އަދަދު ބޯޑުން ފާސްކޮށްފި

އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ އަދަދާއި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކޮށްފަ އެވެ.ޑިރެކްޓަރުންގެ ބޯޑުން 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވަނީ ހިއްސާއަކަށް 3 ރުފިޔާ 43 ލާރި އެވެ.ފެބްރުއަރީ 18، ގެ މެންދުރު 2:00 ޖެހުމާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހުރިހާ އެންމެންނަށް ޑިވިޑެންޑް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.އުރީދޫއިން ބުނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި މިދިޔަ އަހަރު އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ފެބްރުއަރީ 21، ގެ ކުރިން އާންމުކުރާނެ ކަމަށެވެ.އަދި އުރީދޫއިން އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރަށް ހުށަހަޅާ ޑިވިޑެންޑް އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން އަހަރީ ރިޕޯޓް ފާސްކުރަން ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.މިގޮތުން ހުށަހަޅާފައިވާ ޑިވިޑެންޑުގެ އަދަދު ހިއްސާދާރުން ފާސްކޮށްފިނަމަ، މާޗު މަހުގެ ތެރޭގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.އުރީދޫ އިން ބުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 22 ވަނަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށެވެ. މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައްވެސް އާންމުކުރާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ