މުހިންމު ހަތަރު މަޝްރޫއެއް އަވަސްކޮށްދިނުމަށް މިނިސްޓަރުގެ އަރިހުން އެދިއްޖެ

ކުޅުދުއްފުއްޓަށް މިވަގުތަށް ދިމާވެފައިވާ މުހިންމު ހަތަރު ކަމަކާ ގުޅުން ހުރި މަޝްރޫއުތައް އަވަސްކޮށްދިނުމަށް ސިޓީ ކައުންސިލުން، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަ ޑރ އަބުދުﷲ މުއްތަލިބް އަރިހުގައި ދަންނަވައިފި އެވެ.
މިނިސްޓަރު މުއްތަލިބް މިދިޔަ ހުކުރު ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަތީ މަކުނޫދުގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓް މަޝްރޫއާ ބެހޭ ގޮތުން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ކުޅުދުއްފުށީގައި މަޑުކުރެއްވި ވަގުތުކޮޅުގައި ސިޓީ ކައުންސިލަރުން މިނިސްޓަރު މުއްތަލިބާ ބައްދަލުކުރައްވައި މިނިސްޓަރުގެ ދާއިރާއާ ގުޅުން ހުރި މަޝްރޫއުތައް ހިންގައި ސައިޓްތަކަށް ޒިޔާރަކުރެއްވި އެވެ.
ކައުންސިލް މެންބަރު ރިލްވާން މުހައްމަދު (ރިލޭ) ވިދާޅުވީ، އެގޮތުން މިނިސްޓަރާއެކު 400 ހައުންސިން ޔުނިޓްގެ މަސައްކަތުގެ ސައިޓަށް ޒިޔާރަތްކޮށް އެތަނުގެ މަސައްކަތް އަލުން ފަށައި އަވަސް ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. ކުރީ ސަރުކާރު ފެށި މި މަޝްރޫއު އާ ސަރުކާރު ފެށުމާއެކު އޮތީ ހުއްޓިފަ އެވެ.
ރިލޭ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރެއިން ހިމެނޭ 2000 ހައުންސިންގ ޔުނިޓްގެ މަސައްކަތް ކޮންޓެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދަން ނިންމާފައިވާ ނިންމުން ބަދަލުކޮށް ޑޮމެސްޓިކް ބަޖެޓުން ކުރިއަށްގެންދިޔުމަށް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންނެވި އެވެ. ރިލޭ ވިދާޅުވީ، އެއީ ރައީސް ޑރ މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި އެ މަޝްރޫއު ކުރިއަށްގެންދަން މިއަހަރު ބަޖެޓުން ބޮޑުބައެއް ބޯހިޔާވަހިކަމަށް އެލޮކޭޓު ކުރެވިފައި ވާކަމަށް ސަރުކާރުން ވަކާލާތުކުރާއިރު މި ޕޮރޮޖެކްޓަށް ބަޖެޓުން ޖާގަލިބެން ޖެހޭކަމަށް ފާހަގަކުރައްވައިފަ އެވެ.
މީގެ އިތުރުން މަގު ހެދުމުގެ ފޭސް ދެއެއްގެނިންމާ ފޭސް 3 ގެ މަސައްކަތްރައީސް ގެ ރިޔާސީ ވައުދު ފުޅާ އެއްގޮތަށް ފައްޓަވައިދެއްވުމަށް އެދިލެއްވިއެވެ . އަދި ފޭސް 2 ގަ ހިމެނޭ އަމީނީމަގުގައި އަޅަން ނިންމާފައިވާ ފަޔަރ ހައިޑްރެންޓާއި ޑީވޯޓަރިންގެ މަސައްކަތް އަވަސްކޮށްދިނުމާއި ސްޓޯމްވޯޓާ ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމުގެ މަސައްކަތް ހަލުވިކޮށް މަޝްރޫއު އަވަހަށް ނިންމާލައިދިނުމަށްވެސް މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންނެވިކަމަށް ރިލޭ ވިދާޅުވި އެވެ.
ރިލޭ ވިދާޅުވީ، ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް އަވަސްކޮށްނުދީފިނަމަ ދެން އަންނަ ހުޅަނގު މޫސުމެއްގައިވެސް ފެންބޮޑުވުމުގެ މައްސަލަކުރިމަތިވެ ރައްޔިތުގެ މުދަލާއި ގެދޮރަށް ގެއްލުންވާނެކަން މިނިސްޓަރުގެ އަރިހުގައި ދެންނެވި ކަމަށެވެ.
ހަލާކުވެފައިވާ އުތުރު ބަނދަރުގެ މައްސަލަ އާއި އިރުމަތި ފަރާތް ގިރާ މައްސަލަވެސް މިނިސްޓަރުގެ ސަމާލުކަމަށް ގެނެސް އެ ސަރަހައްދުތައް ދައްކާލި ކަމަށެވެ. ހަލުވިކަމާއެކު އިރުމަތި ސަރަހައްދު ގިރަމުންދާ ކަމާއި އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ދެންނެވި އެވެ. އަދި މީގެ އިތުރުން ވަރަށް ބޮޑަށް ހަލާކުވެފައިވާ އުތުރު ބަނދަރުގެ މަސައްކަތް މަރާމާތަށް މިދިޔަ އަހަރު ބަޖެޓްގައި ފައިސާ ހިމެނި ނަމަވެސް އެ މަޝްރޫއު ކުރިއަށްނުދާކަން ފާހަގަކުރައްވައި އެ ފައިސާ ކޮބޯތޯ މިނިސްޓަރުގެ އަރިހުގައި ދެންނެވިކަމަށްވެސް ރިލޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަސައްކަތްތައް އަވަހަށް ފަށައި ނިންމާ ދިނުމަށް އެދިލެއްވިކަމާއި ސިޓީ ކައުންސިލުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް މިނިސްޓަރަށް ދެއްވާނެކަމުގެ ޔަގީންކަންވެސް އެރުވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ