އިހަވަންދޫ އަގުހެޔޮ ބާޒާރަށް ތަރުހީބު ބޮޑު؛ ކުޅުދުއްފުށިން އެކަނި ވެސް ހާހެއްހާ މީހުން ދިޔަ

އިހަވަންދުއަކީ ވިޔަފާރިއަށް މަޝްހޫރު ރަށެކެވެ. އުތުރުގެ ބޮޑެތި އެހެން ރަށްރަށާ ހިލާފަށް އެ ރަށުން މުދާ ލިބޭލެއް އަގުހެޔޮ އެވެ. މިއަދު އެތައް ސަތޭކަ ބަޔަކު އިހަވަންދުއަށް އެރީ ކުރިއަށް އޮތް ރޯދަމަހަށް ތަކެތި ގަންނާށެވެ.
އިހަވަންދުއަށް މިއަދަކީ ވިޔަފާރީގެ ބޮޑު އީދެކެވެ. ރޯދަ މަހަށް އިހަވަންދޫގެ މަގުތައް ފުރައިލީ އަގު ހެޔޮ ބާޒާރަކުންނެވެ. ގާތްގަނޑަކަށް އަށެއްކަ ހަޓު އިހަވަންދޫގެ އެކި ހިސާބުތަކުގައި ވަނީ ބަހައްޓައިފަ އެވެ. މުދާތައް އިޝްތިހާރުކުރަން ފިހާރަ ކުރިމައްޗަށްވާ ގޮތަށް މަގުމަތީގައި ވެސް މޭޒުތައް އަތުރައިފަ އެވެ.
ސޯޝަލް މީޑިއާގެ ވީޑިއޯތަކުން ފެންނަަނީ އުތުރުގެ އެންމެ ބޮޑު ވިޔަފާރި ހަބު، ހދ. ކުޅުދުއްފުށީގެ ބޯޓުފަހަރު ވެސް އިހަވަންދޫ ބަނދަރުގައި އޮތަ ތަނެވެ. ގިނަ އަދަދެއްގެ މީހުން ބޯޓުތަކުން ފައިބައިގެން ގޮސް މަގުމަތީ ހަރަކާތްތެރިވެ އެވެ.
މެހެމާނުންނަށް ބަނދަރު ސަރަހައްދުން މަރުހަބާ ކިޔަން ރަށުގެ އެކި އުމުރުފުރާގެ މީހުން ސަފަކަށް ތިއްބެވެ. މެހެމާނުންނަށް ދޭނެ ހަދިޔާ ޕެކްތަކާއި މާބޮނޑިތައް ވެސް ހިފައިގެންނެވެ.
ކުޅުދުއްފުށީ މީހަކު ބުނީ އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު މިއަދު އިހަވަންދުއަށް ދިޔައީ ބާދުޝާހު ބޯޓާއި ސީކުއީން ބޯޓްގައި ކަމަށެވެ. އެއިން ކޮންމެ ބޯޓެއް ވެސް ގާތްގަނޑަކަށް ފުރިފައި އޮތް ކަމަށް ބުންޏެވެ. އާންމުކޮށް މާލެ އާއި ކުޅުދުފުއްޓާ ދެމެދު ދަތުރުކުރާ އެ ދެ ބޯޓުގައި ވެސް ހާހެއްހާ މީހުން އުފުލޭނެ ޖާގަ އޮވެ އެވެ.
"މީހަކަށް ދެކޮޅު ޓިކެޓު ވިއްކީ. ދެކޮޅު ޓިކެޓު 300 ރުފިޔާއަށް. އެ ވަރު ޓިކެޓަށް ދީފައި އިހަވަންދުއަށް އައީ ބާޒާރުން ތަކެތި ލިބޭ ވަރު އަގުހެޔޮ ވީމާ،" އޭނާ ބުންޏެވެ.
"ކުޅުދުއްފުށިން ބާޒާރު ކުރުމަށް ވުރެ ޓިކެޓަށް މި ވަރު ހަރަދުކޮށްފައި އިހަވަންދުއަށް އައިސް ވިޔަފާރިކުރުން ވެސް މާ ރަނގަޅު އަސްލު. މި ފަހަރު ގިފްޓް ޕެކް ކަހަލަ އެއްޗެހި ވެސް އެބަ ދޭ."
ވިޔަފާރިކޮށް ނިންމައިގެން މިއަދު އިހަވަންދޫން ފުރަން ހަމަޖެހިފައިވަނީ އިރުއޮއްސޭއިރު އެވެ.
"ގިނައީ ކުޅުދުއްފުށި މީހުން. ދެން އެބަ އުޅޭ ކޮންމެވެސް ވަރަކަށް ރަށުގައި އުޅޭ އެހެން ރަށްރަށު މީހުން ވެސް. އިހަވަންދުއަށް ބާޒާރު ކުރަންވެގެންނޭ ކިޔާފައި ރަށްރަށުން އާރުޓީއެލުން ކުޅުދުއްފުއްޓަށް ގޮސް މި ދެ ބޯޓުން ދަތުރުކޮށްފައި އައިސް އުޅޭ މީހުންނާ ވެސް އެބަ ދިމާވޭ،" ކުޅުދުއްފުށި މީހާ ބުންޏެވެ.
އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަރީބު ވިދާޅުވީ ކުޅުދުއްފުށިން އެކަނި ވެސް ގާތްގަނޑަކަށް ހާހެއްހާ މީހުން އެރަށަށް އައިސް އެބަ އުޅޭ ކަމަށެވެ. އެއީ ރަށުގެ ވިޔަފާރިވެރިން އިސްވެގެން ކުރަމުން އަންނަ މަސައްކަތެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރަށުގައި މިހާރު ވެސް އެބަ އުޅޭ މުދާ އުފުލާ ދެ ބޯޓަކާއި، މީހުނާއި މުދާ އުފުލާ ފަސް ބޯޓެއް. ފަނަރަ ފިހާރަ. ރޯދަ މަހަށް ހިންގާ ބާޒާރުގައި ވަރަށް އެކްޓިވްކޮށް އެބަ އުޅޭ 10 ވިޔަފާރިއެއް،" އަރީބް ވިދާޅުވި އެވެ.
"އެ ވިޔަފާރިވެރިން އިސްވެގެން ރަށުގެ އެކި ތަންތަނުގައި ހަޓު ޖަހައިގެންނާއި އެކި އިނާމުތައް ދިނުމާއި ގިނަ ހަރަކާތްތަކެއް ހިންގަނީ." 
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި 10،000އެއްހާ މީހުން އުޅޭ ކުޅުދުއްފުށި ފަދަ ބޮޑު އާބާދީއަކުން ގިނަ އަދަދެއްގެ ބަޔަކު އިހަވަންދުއަށް ގޮސް ވިޔަފާރިކުރުމަކީ ރަށުގެ އިގުތިސޯދެއް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. ކުޅުދުއްފުށިން ނޫނަސް އެހެން ބައެއް ރަށްރަށުން ވެސް އިހަވަންދުއަށް ވިޔަފާރިކުރަން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ކައިރި ރަށްރަށުން، މޮޅަދޫ، ހޯރަފުށި، ތަކަންދޫ މާރަންދޫ، ކެލާ، ބާރަށުން ވެސް އެބަ އާދޭ ވަރަށް ގިނައިން. އާރުޓީއެލް އާއި ވަކިވަކިން ހަމަ ލޯންޗުތަކުގައި ވެސް އެބަ އާދޭ. އެއްބަޔަކު އަޅާފައި ފުރާ އިރަށް އަނެއް ބަޔަކު އެބަ އާދޭ. ހަމަ ބަނދަރު ވެސް ވަރަށް ފުލްކޮށް މި ދަނީ،" އަރީބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ