ޖޯންގެ ފިލްމު 'ދަ ޑިޕްލޮމެޓް'ގެ ޓީޒާ ނެރެފި، ފިލްމު އަންނަ މަހު ސިނަމާތަކަށް
ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމްގެ ކުރިއަށް އޮތް ފިލްމު "ދަ ޑިޕްލޮމެޓް"ގެ ޓީޒާ ރިލީޒްކޮށް ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފިއެވެ. މި ފިލްމުގެ ޕޯސްޓަރު އާއްމުކުރުމާ އެކު ފިލްމުގެ ޓްރެއިލާ ނުވަތަ ޓީޒާއަކަށް ގިނަ ބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ. ގިނަ އެކްޝަން ފިލްމުތަކުން މީގެ ކުރިންވެސް ފެނިފައިވާ ޖޯން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "ދަ ޑިޕްލޮމެޓް" ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ. ޖޯންގެ އިތުރުން ސާދިއާ ހަތީބު، ރެވަތީ އަދި ކުމުންދު މިޝްރާ މުހިއްމު ރޯލްއިން ފެންނާނެ މި ފިލްމަކީ ޑިޕްލޮމެޓިކް ދުނިޔޭގެ ހަގީގަތް ދައްކުވައިދޭނެ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ޕަތާން"ގެ މަންޒަރެއްގައި ޝާހު އަދި ޖޯން--ފޮޓޯ/ބޮލީވުޑްހަންގާމާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ދައްކުވައިދޭނީ ޕާކިސްތާނަށް ގެންގޮސް ގަދަކަމުން އެ ޤައުމުގެ މީހަކާ ކައިވެނި ކުރުވަން މަސައްކަތް ކުރާ އަންހެނަކު އެނބުރި އޭނާގެ ޤައުމަށް ގެންދިއުމަށް ޑިޕްލޮމެޓުން ކުރާ މަސައްކަތެވެ. ޖޯން މި ފިލްމުގައި ކުޅެފައި ވަނީ އިންޑިއާގެ ޑިޕްލޮމެޓެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޖޭޕީ ސިންގްގެ ރޯލްއިންނެވެ. ފިލްމުގެ ޓީޒާ ބެލުމަށްފަހު ބައެއް ބެލުންތެރިން ބުނެފައި ވަނީ މި ފިލްމަށް އިންތިޒާރުކުރާ ކަމަށާއި މިއީ އެންމެ ފުރަތަމަ ދުވަހުގެ ޝޯއިން ވެސް ބްލޮކް ބާސްޓައަކަށް ވާނެ ފިލްމެއް ކަމަށެވެ. އަދި ފިލްމު "ޕަރުމަނޫ"ގައި ޖޯން ފެނުނު ކަހަލަ ރޯލަކުން އަނެއްކާވެސް ފެންނާނެތީ ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. ޖޯން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އެކްޝަން ޑްރާމާ ފިލްމު "ވޭދާ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ