މަންދީގެ މައްޗަށް ސިވިލް ކޯޓުގައި މެޑަމް ސާޖިދާ ދައުވާ އުފުލުމުން ދިޔާނާގެ ފާޑުކިޔުން މަންދީގެ މައްޗަށް ސިވިލް ކޯޓުގައި މެޑަމް ސާޖިދާ ދައުވާ އުފުލުމުން ދިޔާނާގެ ފާޑުކިޔުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކީ ދުންފަތު އިސްތިއުމާލް ކުރައްވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ގެ މައްޗަށް ރައީސްގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ސިވިލް ކޯޓުގައި ދައުވާ އުފުލުމުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ފާޑުވިދާޅުވެއްޖެ އެވެ.
ދިޔާނާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިވިލް ކޯޓަށް މެޑަމް ސާޖިދާ ހުށަހެޅުއްވި މައްސަލައިގައި ހައްލު ހޯދޭނެ އެކަށޭނެ އެހެން މަގުތަކެއް ހުރި ކަމަށެވެ.
"މައްސަލައަށް ހައްލު ހޯދޭނެ އެކަށޭނެ އެހެން މަގުތައް ހުރިއިރު، ތިމަން ބޭފުޅުން ވާޖަހާ ބަނދެފައި އޮތް ފަނޑިޔާރުގެއަކަށް މި ރޯދަ މަހު މީހުން ގޮވައިގެން ވަޑައިގަތުން ދެރަ،" އޭނާ ވިދާޅުވި އެވެ.
ދިޔާނާ ވިދާޅުވީ އެ މައްސަލައިގައި ދައުވާ ކުރުން އެންމެ ރަނގަޅީ އެތަނެއްގައި އެބައެއްގެ ނުފޫޒެއް ނެތް ކޯޓަކަށް ކަމަށެވެ.
ފޭސްބުކްގައި ދިޔާނާ ވިދާޅުވީ ކުޑަ ބޭފުޅާގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެމްއެންޑީއެފް އެބަ އޮތް ކަމަށާއި ހަގީގަތާ ހިލާފު ވާހަކައެއް ވާހަކައެއް ދެކެވޭނަމަ މީޑިއާ ވެސް އޮތް ކަމަށެވެ.
އެ މައްސަލާގައި ދައުވާ ކުރަން ނިންމިކަން އިއުލާނުކުރީ ރައީސްގެ އާއިލާގެ ފަރާތުން މާޗު 16، ގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ އާއިލާގެ ގާނޫނީ ވަކީލު، އާޒިމާ ޝަކޫރު އެވެ. މަންދީގެ އިތުރުން އެމްޑީޕީ އަދި އެ ޕާޓީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލްގެ މައްޗަށްވެސް ދައުވާ ކުރާނެކަން އާޒިމާ އެދުވަހު ވިދާޅުވި އެވެ.
އާޒިމާގެ ލޯ ފާމު، ރެހެންދި ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ނިންމީ ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއިން ކުޑަކުދިންނަށް ލިބިދޭ ހައްގުތައް ނިގުޅައިގަނެފައިވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ