ނޫސްވެރިން މި ވާހަކަ ނުލިޔަނީ ކީއްވެ؟
"ނޫސްވެރިން ކީއްވެ މި ވާހަކަ ނުލިޔަނީ؟" މި ސުވާލާ ކުރިމަތިނުލާ ނޫސްވެރިއަކު މަދުވާނެއެވެ. ދަންނަ ނޫސްވެރިންނާ މި ސުވާލުނުކުރާ މީހަކު ވެސް ނުހުންނާނެއެވެ. އެ މީހުން ހަގީގަތުގައި ވެސް ކަންބޮޑުވާތީއެވެ. އެ މީހުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ވެސް ސަމާލުކަމަށް ގެންނަން ބޭނުންވާތީއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު މި ފަހަރު ނޫސްވެރިއެއްގެ ނަޒަރުން މި ކަމަށް ބަލައިލަން ހިނގާށެވެ. ޒަމާނީ ނޫސްވެރިކަމަށް ހޭލައިގަނެގެން ދިވެހީން ތެދުވެގަތީ ވަރަށް ފަހުންނެވެ. ނޫސްތަކުގައި ލިޔެ އުޅުނީމާ އޮތް ބިރުވެރި ހާލަތު ބަދަލުވީ ވެސް ވަރަށް ފަހުންނެވެ. ދުލާއި ގަލަމުގެ މިނިވަންކަން ކަށަވަރުވީ ވެސް މި އަމަލުކުރާ ފެހި ގާނޫނުއަސާސީއާ އެކުގައެވެ. މިހާރު ފުރަގަހަށް ބިޑި އަޅުވައިގެން ނޫސްވެރިން ބަންދެއް ނުކުރެއެވެ. ތަޅައި، އަނިޔާއެއް ވެސް ނުކުރެއެވެ. އެކަމަކު، އަދިވެސް ނޫސްވެރިން ބައެއް ވާހަކަތައް ނުދައްކާކަމުގެ ކަންބޮޑުވުން އޮވެއެވެ. ބައެއް ވާހަކަތައް ނުލިޔާތީއެވެ. ނޫނީ ބައެއް ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާލެއް ލަހީއެވެ. ރައީސް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިން: ނޫސްވެރިކަމަށް އަދިވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި -- ފޮޓޯ/ ރައީސް އޮފީސް އެކަން ނޫސްވެރިން ގަބޫލުކުރެއެވެ. އެ ކަމާ ހިތާމަ ވެސް އެންމެ ބޮޑަށް ކުރާނީ ނޫސްވެރިންނެވެ. އިހުގައި ހުރި ގޮންޖެހުންތައް ނެތުނު ނަމަވެސް އަދިވެސް ރާއްޖެއަކީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި އަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 104 ވަނައިގައެވެ. އެއީ، މިދިޔަ އަހަރަށްވުރެ ދެ ދަރަޖަ މައްޗެވެ. އެކަމަކު، އަދިވެސް އެއީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ގިންތިއެވެ. "ޢީދު ދުވަހު ޢީދު ނަމާދު ކޮށްލައިގެން މި ދަނީ އޮފީހަށް،" ނޫސްވެރިއަކު މި މައުޞޫއަށް އިންސާފުކުރަން ފެށިއެވެ. "ގިނަ ނޫސްތަކުގައި މި އުޅެނީ ދެތިން މީހުން. ގިނަވާނީ ދާއިރާއަށް އާ ކުދިން. އެހެންވީމާ ނޫސްވެރިން ހަގީގަތުގައި ވަރަށް ބޮޑަށް ގޭނެނީ. ހުކުރެއް، ހޮނިހިރެއް ޢީދެއް ނޯވޭ. ރަސްމީ ބަންދު ދުވަސްތަކަކީ ވެސް ނޫސްވެރިންނަށް ރަސްމީ ދުވަސް. ރަސްމީ ގަޑި،" ޝައުގުހުރި ކުދިންނެއް ނުލިބޭ ނޫސްވެރިކަމަކީ 24 ގަޑިއިރުގެ ކަމެކެވެ. ނިދާފައި އެ އޮންނަ ވަގުތު ފިޔަވާ ދެން ކޮންމެ ވަގުތަކީ ނޫސްވެރިން މަސައްކަތުގައި އުޅޭ ވަގުތެވެ. އޮފް ދުވަހަސް، ޗުއްޓީ ދުވަހަސް ކަމެއްދަމެއް ބޮޑުވެއްޖިއްޔާ ދުވެފައި ދާންވީއެވެ. މަސައްކަތަށް ނުކުންނަންވީއެވެ. އެކަމަކު، ގިނަ ނޫސްވެރިންނަށް ލިބެނީ ކުޑަކުޑަ މުސާރަކޮޅެކެވެ. "އެހެންވީމާ ނޫސްވެރިކަން ކުރާކަށް ގިނަ ކުދިން ބޭނުމެއްނުވޭ. އާ ނޫސްވެރިން ވަރަށް މަދުން ނޫނީ ނުއުފެދޭ. މިހެން އުޅޭކަށް މިހާރުގެ ކުދިން ބޭނުމެއް ނުވޭ،" މެއިންސްޓްރީމް މީޑިއާއެއްގެ އެޑިޓަރަކު ނަން ޖަހާނެ ކަމެއް ނެތޭ ވިދާޅުވެފައި ކިޔައިދެއްވިއެވެ. "މިއަށްވުރެ މާ ރަނގަޅު އާމްދަނީއެއް ލިބޭ، މާ ފަސޭހަ އެހެން ގިނަ ދާއިރާތަކުގައި،" ނޫސްވެރިއެއް: ނޫސްވެރިކަމަށް ޝައުގުވެރިވާ ޒުވާނުން މަދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ ނޫސްވެރިން ނުއުފެދޭތީ، ގިނަ ނޫސްތައް ހިންގަނީ ކިރިޔަކިރިޔާ ވާވަރަށް މުވައްޒަފުން ނަގައިގެންނެވެ. ގާބިލު މުވައްޒަފުން މަދުވީމައެވެ. އެހެން އެކަން އޮތީމާ ތިބޭ މަދު މުވައްޒަފުން 'ގޭނެން' ޖެހޭވަރު ބޮޑީއެވެ. ދިރިއުޅުމުގެ އެތައް ކަމަކުން މަހްރޫމުވަނީއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރަނގަޅަށް އަރާމުކުރުމަކީ އުފެއްދުންތެރިކަމަށް ވަރަށް މުހިންމު ކަމެކެވެ. އެކަމަކު، ނިއުސްރޫމްތަކުގެ މަސައްކަތް ހުންނަ ގޮތުން އެ އަރާމުން ނޫސްވެރިން ތިބީ މަހްރޫމުވެފައެވެ. ޑިއުޓީ ވަގުތު ނިމުނަސް މަސައްކަތުގެ ކޮންމެ ވެސް ކަމެއް އަބަދު ވެސް ޖެހޭނެއެވެ. ރަނގަޅަށް ނިދާލައިފިއްޔާ ކޮންމެ ވެސް ކަމެއް އޮންނާނީ ގޯސްވެފައެވެ. ތަހުގީގުކުރަން ޖެހެންޏާ ވަގުތު ނަގާނެ ޑިމޮކްރަސީއަށް އަލީއެއް ކަމެއް ނޫނީ ކަންކަން މަތީ އަޅައި އޮއްބައިލެވޭނެ ކަމަށް އަދިވެސް އުންމީދުކުރަނީ ކަމެއް ނޭނގެއެވެ. އެކަމަކު، ދައުލަތުގެ ބައެއް އިދާރާތަކާއި ބައެއް އޮފީސްތަކަކީ އަބަދު ވެސް މައުލޫމާތު ނުދޭން ގަދަ ދައްކާ ތަންތަނެވެ. ޚާއްސަކޮށް އެ މީހުންނަށް މަލާމާތެއް ނޫނީ ރުޅިވެރިކަމެއް ރައްދުވާނެ ފަދަ ކަމެއްގައި ވިއްޔާ ސިއްރުކުރަން ކޯޓަށް ވެސް ދަނީއެވެ. މައުލޫމާތު ނުލިބުނީމާ ނޫސްވެރިން ބަދަލުވާން ޖެހެނީ ތަހުގީގުކުރާ ބަޔަކަށެވެ. ނުވަތަ، ތަހުގީގީ ނޫސްވެރިންނަށެވެ. "އެހެން އެކަން ކުރަން ވަގުތު ނަގާ. ޚާއްސަކޮށް މި ބުނާހެން ޑެއިލީ މަސައްކަތްތައް އެހާ ބުރަވީމާ. ގިނަ ފަހަރަށް އެ ކަހަލަ ސްޓޯރީސް އެ ހަދަނީ ނޫސްވެރިން އަމިއްލަ ހުސް ވަގުތުގައި. ނިދާލަން ލިބޭ ވަގުތުގައި. އަރާމުކުރަން ލިބޭ ވަގުތުގައި،" ކުރިން ވާހަކަދެއްކި ތަޖުރިބާކާރު ނޫސްވެރިޔާ ކިޔައިދެއްވިއެވެ. "އެހެންވީމާ ފަހާ ދުވެގެން ހޯދާ އެއްޗެހި ހޯދޭނީ ވަރަށް ވަގުތުން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ފޯނުން ފޮޓޯ ނަގަނީ: ބައެއް ނޫސްވެރިންނަކީ ހުރިހާ މަސައްކަތެއް ކުރަންޖެހޭ މީހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ އެއީ ތެދެކެވެ. ދިވެހި މާހައުލު އޮންނަ ގޮތުން ނޫސްވެރިންނަށް އެއް ކަމަކަށް ހުސްވެގެން ނުތިބެވެއެވެ. ބޭރުގެ ބޮޑެތި ނޫސްތަކުގައިހެން ވަކި ކަމެއް ތަހުގީގުކުރަން ޓީމުތައް ހަދައިގެން އުޅޭކަށް ވަގުތެއް ވެސް، މީހުންނެއް ވެސް ނުލިބެއެވެ. އެކަން އެ ކުރަނީ އަމިއްލަ ވަގުތުގައި، އަމިއްލަ ކަންކަން ގުރުބާންކޮށްފައެވެ. ނުރަސްމީ ގޮތްގޮތަށް ހޯދާ މައުލޫމާތަކީ ވަރަށް ބޮޑަށް ޔަގީންކުރަންޖެހޭ އެއްޗެކެވެ. އެކަކަށް ވުރެ ގިނަ މީހުން ގާތުން ސާފުކުރަން ޖެހޭ ކަންކަމެވެ. ލިޔެކިޔުންތަކުން ކަށަވަރުވާން ޖެހޭ ކަންކަމެވެ. "އެކި މީހުން އެކި ނިޔަތުގައި މައުލޫމާތު ދޭނީ. ބައެއް މީހުން ތެދަށް. އަނެއްބައި މީހުން ހަދާނީ ވެސް ދޮގު. އެހެންވީމާ އެ ކަންކަމުގެ ސައްހަކަން ކަށަވަރުކުރާށާއި އެ ހުރިހާ ކަމަކަށް ދުވަސް ނަގާ. އެއީ، ވަގުތު ވެސް މީހުން ވެސް ނުލިބޭތީ. ކާކުކަން ނޭނގޭހެން ހިންގާ އައިޑީތަކާއި ރަޖިސްޓްރީ ނުކުރާ ފޭކް ނޫސްތަކުން ނުޖެހޭނެ އެކަން ކުރާކަށް. ލިބޭއިރަށް ޖަހަންވީ. އެހެންވީމާ ނޫސްވެރިން ލަސްވާހެން ހީވަނީ،" އެ ތަފާތު ރައްޔިތުން ވެސް ދަސްކުރަން ޖެހެއެވެ. ރަޖިސްޓްރީނުކޮށް، ޒިންމާވާނެ މީހަކު ނެތި ހިންގާ ވެބްސައިޓުތަކުގައި ވާހަކަދައްކާ އުސޫލުން ނޫސްތަކަށް އަމަލެއް ނުކުރެވޭނެއެވެ. 'މެއިންސްޓްރީމް މީޑިއާ'އަކީ އެއަށްވުރެ ޒިންމާދާރުކޮށް ހިންގާ އެއްޗެކެވެ. ވިޔަފާރީގެ ތެރެއަށް ވަންނަން ޖެހޭ ނޫސްވެރިންގެ މި ކަންބޮޑުވުންތައް ގުޅިފައި އޮންނަނީ މާލީ މިނިވަންކަމާއެވެ. މިހާރު ގިނަ ނޫސްތައް ހިންގަނީ އެކިއެކި ސްޕޮންސާޝިޕްތަކަށް ބަރޯސާވެގެންނެވެ. ގިނަ ތަންތަނަށް މާ ބޮޑު ފައިދާއެއް ނުވެއެވެ. ނޫހުގެ ކޮންޓެންޓަށް ނުފޫޒު ފޯރުވަން ބޭނުންވާ މީހުން އެ ކަމުގެ ނާޖާއިޒު ފައިދާ ވެސް ހޯދަން އުޅެއެވެ. "ހަގީގަތަކީ، ސްޕޮންސަރުން ޚާއްސަކޮށް ސަރުކާރުތަކުން ވަރަށް ބޮޑަށް މަސައްކަތްކުރޭ ނޫސްތަކުގެ ނިކަމެތިކަމުގެ ފައިދާ ނަގައިގެން ނުފޫޒު ފޯރުވަން،" ކުރިން ވާހަކަދެއްކި ނޫސްވެރިޔާ ކިޔައިދެއްވިއެވެ. ދިވެހި މީޑިއާގެ އަޚްލާގީ މިންގަނޑުގައި މީޑިއާތަކުން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން އެކަން ބާއްވާށެވެ. މަދު މުވައްޒަފުންތަކެއް ގޮވައިގެން ރެޔާއި ދުވާލު މަސައްކަތްކުރަން ޖެހެނީ ވެސް ނޫސްތަކަށް ލިބޭ އާމްދަނީ ކުޑަވީމައެވެ. ޒުވާނުން މި ދާއިރާއަށް ނުވަންނަނީ ބުރަވެފައި ލިބޭ އެތިކޮޅު ކުޑަވީމައެވެ. އެ ހުރިހާ މައްސަލައެއް ގޮސް ނިމޭނީ މާލީ މިނިވަންކަމާ ހިސާބުންނެވެ. ނޫސްވެރިކަން ދޮންވެ، ފައްކާވެފައި ހުރި ގައުމުތަކުގައި މިކަން ކުރާ ގޮތް ތަފާތެވެ. ހަރަކާތްތަކާއި އިވެންޓްތައް ބޭއްވުމަކީ މީޑިއާތަކުން ކުރާ ކަންކަމެވެ. ޕީއާރާއި މާކެޓިންގެ އެކިއެކި މަސައްކަތްތައް ވެސް މީޑިއާތަކުން ކުރެއެވެ. ބަޔަކު ދޭ ފައިސާއަށް ބަރޯސާނުވެ، ފައިސާ ހޯދަނީ ވިޔަފާރީގެ ތެރެއިންނެވެ. ދިވެހި ނޫސްވެރިކަމަށް މި ހުރި ކަންބޮޑުވުންތަކުގެ ހައްލަކީ ވެސް މާލީ މިނިވަންކަމެވެ. ނޫސްވެރިން އުޅެނީ ހާލު އެނގުން މުހިންމެވެ. މި ވާހަކަ ވެސް ނޫސްވެރިން ލިޔާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ