ޒުވާނުންގެ އިހުތިޖާޖުން ހައްޔަރުކުރި ޝިމަންއާއި މަހްޒޫމް ބަންދުން ދޫކޮށްލައިފި
މި މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ އިންސާފަށް ގޮވާލައި ޒުވާނުން ކުރަމުން އައި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި ދެ ޒުވާނުން ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ. ޔުމްނުއަށް އިންސާފަށް ގޮވާލައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ބަންދުކުރި އައިޝަތު ޝިމަން އަހުމަދާއި އަބްދުﷲ މަހްޒޫމް މާޖިދުގެ ބަންދަށް އިއްޔެ ކޯޓުން ވަނީ ތިން ދުވަހުގެ މުއްދަތެއް ޖަހާފައެވެ. https://sun.mv/205510 ފުލުހުން މިރޭ ހިއްސާކުރި މެސެޖެއްގައި ވަނީ އެ ދެ މީހުން މިރޭ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައި ވާކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ދެ ޒުވާނުން ހައްޔަރުކުރުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއާއި އެމްޑީއޭއާއި ޑިމޮކްރެޓުން ވެސް ވަނީ އެ މީހުން މިނިވަން ކުރުމަށް ގޮވާލައިފައެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވެސް ވަނީ ނުުރުހުން ފާޅުކުރައްވައިފައެވެ. އެގޮތުން މި ސަރުކާރުން ވެރިކަމަށް އައީ މި ކަންކަން ބަދަލުކުރަން ވައުދުވަމުން ކަމަށާއި ނަމަވެސް މިހާރު ފެންނަނީ ފުލުހުން ނިކުމެ ހަރުކަށި ކަމާއެކު ސުލްޙަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާ މަންޒަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއީ ކަންބޮޑުވާ ކަމެއް ކަމަށާއި ސުލްޙަވެރިކަމާއެކު އިޙުތިޖާޖުކުރުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއްކަމަށް އަޒާން ވިދާޅުވިއެވެ. އެހެންކަމުން ހައްޔަރުކުރި ހުރިހާ ޒުވާނުން ދޫކޮށްލުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. ބުރާސްފަތި ދުވަހުގެރޭ މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅާލަން މަސައްކަތް ކޮށްފައެވެ. އަދި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ބައިވެރިންގެ މޫނަށް ޕެޕާ ސްޕްރޭ ވެސް ވަނީ ޖަހާފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ، ޒުވާނުން ކުރި މުޒާހަރާ ރޫޅާލީ ތައުލީމީ މަސްލަހަތާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް ބުނެފައެވެ. ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ބުނި ނަމަވެސް ޒުވާނުން އަންނަނީ ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ ސިލްސިލާ މުޒާހަތަކެއް ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، މައްސަލައަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކުރާ ސަރުކާރުގެ އިސް ވެރިންގެ އިސްތިއުފާއަށް ގޮވާލަމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ