ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓި، ޒުވާން އަންހެނަކަށް އަނިޔާވެއްޖެ

މާލޭގެ ސޯސަން މަގުގައި ހުރި ގެއެއްގެ ބެލްކަނީގެ ބައެއް މަގުމައްޗަށް ވެއްޓި, ޒުވާނަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިރޭ ހިއްސާކުރި މެސެޖެއްގައި ވަނީ ސޯސަން މަގުގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލާގެ ބައެއް ވެއްޓި މީހަކަށް އަނިޔާވި މައްސަލައެއް މިރޭގެ 18:18ގައި ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 28 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށާއި އެމީހާއަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. އެ ހާދިސާގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުން ދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މާލޭގެ އިމާރާތްތަކުގެ ބެލްކަނި ވެއްޓުމުގެ ހާދިސާތައް މީގެ ކުރީން ވެސް ހިނގާފައި އެބަހުއްޓެވެ. މަގަށްވާ ގޮތަށް ބިއްލޫރި ކުޑަދޮރުތައް ހުންނައިރު ވެއްޓިއްޖެނަމަ ރައްކާތެރިވެވޭނެ އިތުރު ގޮތެއް ނޯވެއެވެ. ހަމައެއާއެކު ބެލްކަނިތަކުގައި އުސްކޮށް، މަގަށްވާ ގޮތަށް ގަސް މުށި ބަހައްޓައިފައި ހުރުމަކީ ވެސް އާންމު ކަމެކެވެ. ވައިގަދަވާ ހާލަތްތަކުގައި މީގެ ކުރިން ވެސް އެ ފަދަ ތަންތަނުން ތަކެތި ވެއްޓި، ހާދިސާތައް ހިނގައިފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ