ރޭގެ ކުރިން އޭނާ ކުޅުނު ޕްރޮފެޝަނަލް 338 މެޗުގައި އެންމެ ފަހަރަކު ވެސް ހިލޭ ޖެހުމަކުން ލަނޑެއް ކާމިޔާބުކޮށްފައެއް ނުވެ އެވެ.
އެކަމަކު 339 ވަނަ މެޗުގައި ރޭ ފެނުނީ އާސެނަލްގެ ޑެކްލަން ރައިސް ދެ ހިލޭ ޖެހުމުން އެހާމެ ރީތި، އެހާމެ މޮޅު ދެ ލަނޑު ޖަހައި، ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑްގެ މައްޗަށް ބޮޑު ކުރިއެރުމެއް ހޯދައިދިން ތަނެވެ.
އާސެނަލްއާ ދެކޮޅަށް 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ރެއާލް ނުކުމެ އާސެނަލްގެ ދަނޑުގައި ރޭ ބަލިވީ 3-0 އިންނެވެ. ރައިސްގެ ދެ ލަނޑަށް އިތުރު ލަނޑެއް އެއްކޮށްދިނީ ފޯވަޑަކަށް މިހާރު ބޭނުންކުރާ މިޑްފީލްޑަރު މިކޭލް މެރިނޯ އެވެ.
އުމުރުން 26 އަހަރުގެ މިޑްފީލްޑް ކުޅުންތެރިޔާ ރައިސް މިހާތަނަށް ޖަހާފައި ވަނީ އެންމެ 12 ހިލޭ ޖެހުމެވެ. މެޗުގެ 58 ވަނަ މިނިޓްގައި ޕެެނެލްޓީ އޭރިޔާގެ ބޭރުން ގޯލުގެ ހަމަ ކުރިމަތިން ލިބުނު ހިލޭ ޖެހުން ފުރަތަމަ ޖަހަން އުޅުނީ ބުކާޔޯ ސަކާ އެވެ. ނަމަވެސް ރައިސް އޭނާގެ ނިންމުން ނިންމި އެވެ. އޭނާއަށް ފެނުނީ ރެއާލްގެ ކުޅުންތެރިން އަތުރާލި ފާރުގެ އެއް ފަރާތުން ޖާގަ އެވެ. ފުރުސަތު ދީފި ނަމަ އޭނާއަށް އިތުބާރު އޮތް ކަމަށް ބުންޏެވެ.
"އެގޮތަށް އިހުސާސް ވަންޏާ ގޮސް ޖަހާ،" ސަކާ ބުނި ކަމަށް، ރައިސް ކިޔައިދިނެވެ.
އެއީ ފުރަތަމަ ލަނޑެވެ. އެތުރިގެން ތިބި ރެއާލްގެ ކުޅުންތެރިންގެ އަރިމަތިން ގޮސް ގޯލުގެ ކަނަށް ބޯޅަ ވަނީ ތަޖުރިބާކާރު އަދި އެހާމެ މޮޅު ގޯލްކީޕަރު ތިބައު ކޯޓްއާއަށް ވެސް އަތް ޖައްސާނުލެވި އެވެ. މެޗުގެ 58 ވަނަ މިނިޓްގައި ޖެހި މި ލަނޑުގެ 12 މިނިޓް ފަހުން، ޕެނެލްޓީ އޭރިޔާގެ ކުރިމަތިން ދެން ލިބުނު ހިލޭ ޖެހުން ވެސް ރައިސް ފޮނުވާލީ އެހާމެ މޮޅަށް، ގޯލުގެ މަތީ ކަނަށެވެ.
"މިއީ އަހަންނަށް ވަރަށް ހާއްސަ ރެއެއް. މިހިރީ އެހާމެ އުފަލުން،" މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ލިބުނު ރައިސް ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލް މެޗެއްގައި މީގެ ކުރިން ހިލޭ ޖެހުމަކުން ދެ ލަނޑު ކާމިޔާބުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ރައިސްގެ ނަން، އޭނާގެ އަމިއްލަ ތާރީހުގައި ލިއުމުގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު ކްލަބް މުބާރާތުގެ ތާރީހުގެ ފޮތަށް ވެސް އެރީ އެވެ.
ރޭ ރެއާލްގެ ދުނިޔޭގެ ފެންވަރުގެ ތަރިން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި ވިނީޝިއަސް ޖޫނިއާގެ ވިދުމެއް މާ ބޮޑަކަށް ނުފެނުނެވެ. ހުސް ދެ ފުރުސަތެއް އެމްބާޕޭއަށް ލިބުނެވެ. ނަމަވެސް އޭނާ ހުރީ އަމިއްލަ ޖާދުލުން ބޭރުގަ އެވެ. ޖޫނިއާ ވެސް ފެނުނީ އޭނާގެ ހަލުއި ކުޅުމާއި ދުވުން، އާސެނަލްގެ ދިފާއީ ކުޅުންތެރިންގެ ހުއްޓުވުމުގެ ތެރޭގައި ތާށިވެފައި ވަނިކޮށެވެ.
ނަމަވެސް ރެއާލް މެޑްރިޑަކީ އަދި އެހެން ދޫކޮށްލެވެން ނެތް ސިންގާއެކެވެ. އެކަން ރައިސް ވެސް ގަބޫލުކުރެ އެވެ. އަންނަ ހަފުތާގައި ރެއާލްގެ އަމިއްލަ ދަނޑުގައި އޮންނަ ދެވަނަ ލެގުގެ ނަތީޖާއަށް ދުނިޔެ އޮތީ ހުއްޓިފަ އެވެ.
"މި މުބާރާތުގައި ރެއާލް މިހެން ބަލިކުރުމަކީ އަހަރެމެެންނަށް ވަރަށް ބޮޑު ރެއެއް،" ރައިސް ބުންޏެވެ.
"އެކަމަކު އަހަރެމެން 3-0އިން ކުރީގައި އޮތަސް އެ ޓީމުގެ ވަކިވަކި ކުޅުންތެރިންނަކީ ވެސް ބިރުގަންނަން ޖެހޭ ވަރުގެ މޮޅު ބައެއް."
ރައިސްގެ ދެ ހިލޭ ޖެހުމުން މޮޅު ދެ ލަނޑު، އާސެނަލްއިން ރެއާލް ރޮއްވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ