ކަތިވަޅި ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރު ކޮށްފި
ކަތިވަޅިއާއި އިތުރު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށް، މިއަދު ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފިއެވެ. ވަކިވަކިން ނެރެފައިވާ ކޯޓު އަމުރުތަކުގައިވާ ގޮތުން، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ދެ މައްސަލައެއްގައި ޖުމުލަ ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެން އެއް މައްސަލައިގައި ހައްޔަރުކުރީ އުމުރުން މއ. ރިހިވިލާ، އަޙުމަދު މާނިއުއާއި ގދ. ގައްދޫގެ ފަނޑުނުވާގެއަށް ނިސްބަތްވާ މުޙައްމަދު އަޔާނެވެ. މި މައްސަލައިގައި މާނިއު 16 ދުވަހަށް ބަންދު ކުރުމަށާއި އަޔާން ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުން، އަޔާންގެ އަތުން އެއްޗެއް ފެނިފައި ނުވި ނަމަވެސް، ހުރީ ހެލްމެޓާއި މާސްކެއް އަޅައިގެނެވެ. އެތަނުގައި އެވަގުތު ތިބި ދެމީހެއްގެ އަތުން ކަތިވަޅިއަކާއި ކަށިގަނޑެއް ފެނިފައިވާ ކަމަށް އިންފޮމޭޗަން އޮފިސަރު ބުނި ކަމަށް އަމުރުގައިވެއެވެ. މި ދެމީހުންނަކީ ވެސް ބަންދުގެ ލޮގް އޮތް ދެމީހުންނެވެ. މާނިއުގެ އަތުން، އިސްކުރު ނައްޓާ ޕްލަސް ކަށިގަނޑެެއް ފެނިފައިވާއިރު، ފެނުނު ދެކަތިވަޅިއަކީ ތުހުމަތުކުރެވޭ ފަރާތުން މި މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ އަތަށް ދީފައިވާ އެއްޗެއް ކަމަށް ވަނީ ބުނެފައެވެ. މި މައްސަލާގައި އިތުރު މީހުންތަކެއް ހިމެނޭހެން ކަން އިންފޮމޭޗަން އޮފިސަރު ވަނީ ފާހަގަކޮށްފައެވެ. މިފަދަ ދެވަނަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ މާލެއަށް ނިސްބަތްވާ މުލްހަމް މުޙައްމަދު ރިޔާޟާއި އުމުރުން 26 އަހަރުގެ ގއ. ވިލިނގިލީ، ސޯސަންވިލާ ވިކާޝް އަޙުމަދެވެ. އެދެމީހުން ހައްޔަރުކޮށްފައި ވަނީ ޖަމާއަތް ހަދައިގެން ތޫނު އަދި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރޭވުމާއި ހިންގަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އަދި، ދެމީހުންގެ ބަންދަށް ވެސް ޖަހާފައި ވަނީ ފަސް ދުވަހެވެ. ވިކާޝާއި މުލްހަމްގެ އަމުރުގައި ވެސް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަން ފާހަގަކޮށްފައިވާއިރު، މާރާމާރީގެ ކުށްތައް މިދުވަސްވަރު ތަކުރާރުކޮށް ދެމީހުން ވެސް ކުރާކަމަށް ބުނެފައިވެއެވެ. އެއާއެކު، މާރާމާރީ ހިންގަން ދެމީހުން ވެސް ނިކުމެ އުޅުނީ ތޫނު ހަތިޔާރު ހިފައިގެން ކަމަށް އަމުރުގައި ބުނެފައިވެއެވެ. އެކަމުގެ ސަބަބުން މުޖުތަމައުގެ ކޮންމެ މީހަކަށް ވެސް ބޮޑު އަނިޔާއެއް ވެދާނެ ކަމުގެ ބިރު އޮތް ކަމަށާއި އަމަލީ ގޮތުން އެކަމުގައި ދެމީހުން ވެސް ހަރަކާތްތެރިވާކަން ފާހަގަކޮށްފައިވެއެވެ. އަމުރުތަކުގައި ތޫނު ހަތިޔާރު ކަމަށް ބުނެފައިވީ ނަމަވެސް، އެ ހަތިޔާރުގެ ނަން ބުނެފައެއް ނުވެއެވެ. މިފަހުން މާލޭގައި މާރާމާރީތައް އިތުރުވެފައި ވާއިރު، މިފަދަ މައްސަލަތަކުގައި ޒުވާނުންނާއި ކުޑަކުދިން ވެސް ޝާމިލުވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ