ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް ކުރިމަތިލައްވައިފި
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ބޭފުޅަކު ހޯދަން ޖޭއެސްސީން ދެވަނަ ފަހަރަށް މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމުން ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ކުރިމަތިލައްވައިފި އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން ކުރިމަތި ލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.އެހެންވެ މިދިޔަ ބުދަ ދުވަހުގެ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އަނެެއްކާ ވެސް ހުޅުވާލަން ނިންމި އެވެ. މި ފަހަރު ހުޅުވާލީ މިއަދު ހެނދުނު 10 ޖަހާއިރަށެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.ހައިކޯޓުގެ އިސްފަނޑިޔާރު ހުސައިން ޝަހީދުއަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.ފަނޑިޔާރު ޝަހީދު ފުރުއްވާފައިވާ މަގާމްތަކުގެ ތެރޭގައި އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޒީކަމުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ޝަހީދުވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމް ފުރުއްވާފައެވެ. ޝަހީޯދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގަކަމުގެ މަގާމަށް ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ