ރިއަލް އެސްޓޭޓް ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ މިމަހު 15ގައި

މިއަހަރުގެ މޯލްޑިވްސް ލިވިންގ އެކްސްޕޯ މިމަހުގެ 15 އިން 17 އަށް އޮންނާނެކަމަށް ހައިރައިޒުން ބުނެފިއެވެ.
ރާއްޖޭގެ ޕީއާރު އަދި މާކެޓިންގ ކުންފުންޏެއްކަމަށްވާ ހައިރައިޒްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ލިވިންގ އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ޚިދުމަތްދޭ ބޮޑެތި ކުންފުނިތައް އެއްތަނަކަށް ގެނެސް، މިދާއިރާގައި ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ހަރަކާތެކެވެ.
ރައިރައިޒުން ބުނީ މިއަހަރުގެ ލިވިންގ އެކްސްޕޯ އޮންނާނީ މިމަހުގެ 15 އިން 17 އަށް ދަރުބާރުގޭގައިކަމަށެވެ. މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 4 ވަނަ ދުވަހާއި ހަމައަށް އޮންނާނެކަމަށް ހައިރައިޒުން ބުނެއެވެ.
ކޮންމެ އަހަރެއްގެވެސް ލިވިންގ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓްގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވެއެވެ. ލިވިންގ އެކްސްޕޯއަކީ 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.
މޯލްޑިވްސް ލިވިންގ އެކްސްޕޯގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޤާއިމްކޮށް ބިނާކުރެވެމުންދާ ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ ފަހުގެ އުފެއްދުންތަކުގެ މަޢުލޫމާތު ހިއްސާކުރުންކަމަށް ހައިރައިޒުން ބުނެއެވެ. އަދި ގެދޮރަށް ބޭނުންވާ އެންމެ ފަހުގެ ފަރުނީޗަރާއި، ޓެކްނޮލޮޖީ އަދި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުގެ މައުލޫމާތުވެސް މިއެކްސްޕޯއިން ލިބޭނެކަމަށް ހައިރައިޒްއިން ބުންޏެވެ.
މިއީ ލިވިން އެކްސްޕޯ ބާއްވާ 10 ވަނަ އަހަރެވެ. މިއަހަރުގެ ލިވިންގ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ޓާޓާ ހައުސިންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ