ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭއިރު، އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ގްރާންޓު (ހިލޭ އެހީ) ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ވެރިކަމެއްގައި ހޯއްދަވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގައި ރޭ ކުރިއަށްގެންދިޔަ "ސަންގު ބަހުސް" ގައި ދަރަނި މެނޭޖުކުރުމުގައި ގެންގުޅޭނެ ސިޔާސަތުތަކާ ބެހޭ ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ތަފާތު މަސައްކަތްތައް ކުރަން ރާވާފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ، 2026 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ދެއްކުމަށް ގްރާންޓުގެ ގޮތުގައި ގިނަ ފައިސާ ލިބޭނެކަން ޔަގީން ކުރެއްވޭ ކަމަށެވެ.
"2026 ގައި އަޅުގަނޑުމެންނަށްވެސް އެބަ އެނގޭ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭކަން. އޭގެ ތެރެއިން 600 މިލިއަން ޑޮލަރު އަޅުގަނޑު ގްރާންޓުގެ ގޮތުގައި ހޯދާނަން. އަޅުގަނޑަށް އެކަން މިހާރު ޔަގީން ކުރެވޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އާ ޓެކުހެއް ތައާރަފު ނުކުރައްވާނެ ކަމަށާއި ނަމަވެސް މިހާރު ނަގާ ޓެކްސްތައް އެއް މިންގަނޑަކަށް ފައްތަވާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، އިމްޕޯޓް ޑިއުޓީގެ ނިޒާމު ވެސް ހާމަނައިޒްކޮށް، މިހާރު ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަން ވަރަށް ބޮޑަށް މަދު ކުރައްވާނެ ކަމަށެވެ.
އެއް ބިލިއަންގެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީ ހޯދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ