އާ އިންޖީނަކާ އެކު ޅޮހީގެ ކަރަންޓުގެ ހާލަތު ރަނގަޅުވަނީ

މިއަތޮޅު ޅޮހީގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް އެ ރަށަށް އިތުރު ދެ އިންޖީނު ގެނެސްފި އެވެ. 
ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މިދިޔަ ބުދަ ދުވަހު ވަނީ އެ ރަށަށް 250 ކިލޯވޯޓްގެ އިންޖީނެއް ގެނެސްފަ އެވެ. އަދި މި މަހު ކުރީކޮޅު ވެސް އެ ރަށަށް ވަނީ 250 ކިލޯވޯޓްގެ އިންޖީނެއް ގެނެސްފަ އެވެ. މި ފަހަކަށް އައިސް ޅޮހީގެ އެކި ސަރަހައްދުތަކުން ކަރަންޓް ދިއުމުގެ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް މި ދެ އިންޖީނުން ކަރަންޓްދޭން ފެށުމުން އެ ރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެ ރަށުގެ އިންޖީނުގެއިން ބުންޏެވެ.
މީގެ ކުރިން ރަށަށް ކަރަންޓްދެމުން އައީ 112 ކިލޯވޯޓްގެ އިންޖީނަކާއި 160 ކިލޯވޯޓްގެ އިންޖީނެއް ބޭނުންކޮށްގެންނެވެ.
ޅޮހީގެ ކަރަންޓްގެ މައްސަލައިގެ އިތުރުން ޒަމާނީ އިންޖީނުގެއް ގާއިމު ކުރުމަށް ވެސް ފެނަކައިން އަންނަނީ އެ ރަށުގައި މަޝްރޫއުއެއް ހިންގަމުންނެވެ. އާ އިންޖީނުގެ މަސައްކަތަށް ބަލާއިރު %80 މަސައްކަތް މިހާރުވަނީ ނިމިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ