ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖު 2026 ގެ ޑްރޮޕްނީ ޑިވިޝަނުގެ ޗެމްޕިއަންކަން، ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) މިއަހަރުވެސް ދިފާއުކޮށްފިއެވެ.
ހުޝްރުވާން ޗެމްޕިއަންކަން ދިފާއުކުރީ ފައިނަލްގައި އާމިން އުމަރު މުސާއާއި ވާދަކޮށް 13.67 ގެ ސްކޯއަކުންނެވެ.
މިދިޔަ އަހަރުވެސް މި ޑިވިޝަނުގެ ފައިނަލުގައި ވާދަކުރީ މި ދެ އެތުލީޓުންނެވެ. މިއަދު މެންދުރު ކުރިޔަށްދިޔަ ޑްރޮޕްނީ ޑިވިޝަނުގެ ފައިނަލް ހީޓުގައި އާމިނަށް ލިބުނީ 5.04 ޕޮއިންޓެވެ.
2022 ވަނަ އަހަރުން ފެށިގެން ބޮޑީ ބޯޑިން ލީގު ބާއްވަން ފެށިފަހުން ކޮންމެ އަހަރެއްގައިވެސް ބުރުނު ޝިކާރު މުބާރާތުގެ ޑްރޮޕްނީ ޑިވިޝަނުގެ ޗެމްޕިއަނަކީ ހުޝްރުވާނެވެ. އޭނާއަކީ ދުނިޔޭގެ ޑްރޮޕްނީ ރޭންކިންގައި މިވަގުތު 12 ވަނައިގައި ހިމެނޭ އެތުލީޓެވެ. މީގެ އިތުރުން ހުޝްރުވާން ވަނީ 2022 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ބައިނަލްއަގްވާމީ ބޮޑިބޯޑިން އިދާރާ، އައިބީސީ ވޯލްޑްޓުއާގެ، ރާއްޖެ އެޑިޝަން "މޯލްޑިވްސް ޕްރޯ" ގައި އެގި ގައުމުތަކުގެ ވަރުގަދަ އެތުލީޓުންނާއި ވާދަކޮށް ޑްރޮޕްނީ ރޭންކިންގެ 3 ވަނައަށް އަރާފައެވެ.
މިއަހަރު ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖުގެ ޑްރޮޕްނީ ޑިވިޝަނުގެ ފައިނަލަށް ހުޝްރުވާން ދަތުރުކުރީ ސެމީ ފައިނަލްގެ ހީޓުގެ އެކެއްގައި ނޫން މުހައްމަދު ދުނެއިމް އިރުޝާދާއި ވާދަކޮށް 8.53 ގެ ސްކޯއަކުންނެވެ. ނޫންއަށް އެ ހީޓުގައި ލިބުނީ 1.50 ޕޮއިންޓެވެ.
އާމިން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ދެވަނަ ހީޓުގައި މުހައްމަދު އަޒާން އަހުމަދާއި ވާދަކޮށް 10.67 ގެ ސްކޯއަކުން ހީޓު ކާމިޔާބުކޮށްގެންނެވެ. އަޒާނަށް އެ ހީޓުގައި ލިބުނީ 8.00 ޕޮއިންޓެވެ.
މި ޑިވިޝަނުގެ ކުއާޓަރ ފައިނަލްގެ ހީޓު އެކެއްގައި ވާދަކުރީ ހުޝްރުވާން، އާމިން އަދި ނޫހު މުހައްމަދު ދުނެއިމް އިރުޝާދެވެ. ކުއާޓަރ ފައިނަލްގެ ހީޓު ދޭއްގައި ވާދަކުރީ އަޒާން އާއި ނޫންނެވެ.
މި ނަތިޖާތަކާއެކު ނޭޝަނަލް ބޮޑީބޯޑިން ލީގު 2026 ގެ ޑްރޮޕްނީ ޑިވިޝަނުގެ މިވަގުތުގެ ރޭންކިންއަށް ބަލާއިރު އެއްވަނައިގައި އޮތީ ހުޝްރުވާނެވެ. ދެވަނައިގައި އާމިން އޮތް އިރު ރޭންކިންގެ ތިން ވަނައިގައި އޮތީ އަރަމުން އަންނަ އެތުލީޓު، ނޫން މުހައްމަދު ދުނެއިމް އިރުޝާދެވެ.
27 އޭޕްރީލުން ފެށިގެން މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށްދާ މިއަހަރުގެ ލީގުގެ ފުރަތަމަ މުބާރާތް، ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގައި މިހާރު ވަނީ ޑްރޮޕްނީ ޑިވިޝަނާއި، ފިރިހެން އޯޕަން އަދި ޖޫނިއާރ ފިރިހެން ޑިވިޝަން ނިމިފައެވެ. ފިރިހެން އޯޕަން ޑިވިޝަނުގެ ޗެމްޕިއަންއަކަން ހޯދީ މިދިޔަ އަހަރުވެސް މި ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އާމިންނެވެ. އަދި ޖޫނިއާ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން މިފަހަރު ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން އިޔަން އަހުމަދު ބަލިކޮށް، ނޫހު މުހައްމަދު ދުނެއިމް އިރުޝާދެވެ.
މި މުބާރާތުގައި މާދަމާ ކުރިޔަށްދާނީ ޖޫނިއަރ އަންހެން ޑިވިޝަނުގެ ހީޓުތަކެވެ. މިއީ މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނުން އަންހެން އެތުލީޓުން ކުރިއެރުވުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމުގެ މަގްސަދުގައި ބުރުނު ޝިކާރު މުބާރާތުގައި، މިއަހަރު މުޅިން އަލަށް ހިމަނާފައިވާ ޑިވިޝަނެކެވެ.
ޑްރޮޕްނީގެ ޗެމްޕިއަންކަން ހުޝްރުވާން ދިފާއުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ