ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވި މައްސަލައެއް އުޅޭކަން ފާހަގަކުރެވިފައިނުވާ ކަމަށާއި ބިލުތަކަށް އިތުރު ޑިސްކައުންޓެއް ދޭން ސަރުކާރުގެ ވިސްނުމުގައި ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ރޯދަ މަހު ގޭބީސީތަކަށް ފޮނުވީ އެންމެ ބޮޑުވެގެން 400ރ.ގެ ކަރަންޓު ބިލެކެވެ.
ނަމަވެސް ރޯދަ މަހުގެ ފަހުން ފޮނުވި ބިލަށް ކުރިން އެއްވެސް މަހަކު ނާރާ ވަރަށް ވުރެ އެތައް ގުނައެއް ބޮޑަށް އަރާފައިވާތީ އާންމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް މީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބިލުތަކުގެ ފޮޓޯތަކަށް ބަލާއިރު މީގެ ކުރިން 1000ރ.އަށް ވެސް ނާރާ ގޭގެ ކަރަންޓު ބިލު މިމަހު 3000ރ.އަށް އަރާފައިވެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ބިލަށް ޑިސްކައުންޓު ދިނުމަށް ފަހު އެއާ ޖެހިގެން އައި މަހު ވެސް ކަރަންޓު ބިލުތައް މިގޮތަށް ބޮޑުވި އެވެ.
ބުނީ ކީކޭ؟ - މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ހައްލުކޮށް، ފިޔަވަޅުތައް އެޅުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބިލުތައް އެހާ ބޮޑުވެފައިވަނީ ކީއްވެތޯ ސުވާލުކުރި އެވެ. އަދި، އެކަމާ ގުޅިގެން ބިލުތައް ކުޑަކޮށްދިނުމަށް ނުވަތަ ޑިސްކައުންޓެއް ދިނުމަށް ވިސްނަވަންތޯ ސުވާލުކުރި އެވެ.
އެފަދަ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަން ފާހަގަކުރައްވާ ޒަމީރު ވެސް ވަނީ، ކަރަންޓު ބިލުތައް ބޮޑުވި ބޮޑުވުން ދިފާއުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މާޗު މަހަކީ ކޮންމެ އަހަރަކީ ވެސް ކަރަންޓު ބޮޑުވާ ދުވަސްވަރެއް ކަމަށެވެ.
ޒަމީރު ވިދާޅުވި ގޮތުން:
ކަރަންޓު ބޭނުންކުރާ މިންވަރު އެހެން ދުވަސްވަރަށް ވުރެ މާޗު މަހު މައްޗަށްދާނެ
މާލޭގައި މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު 130 މެގަވޯޓަށް އަރާނެ؛ އެއީ %15ގެ އިތުރުވުމެއް
ބިލެއްގައި އެއްވެސް ޓެކްނިކަލް މައްސަލައެއް އުޅޭ ނަމަ ހައްލުކޮށްދެއްވާނެ
"އެކަމަކު ބިލުތަކަށް މި މަހު އިތުރު ޑިސްކައުންޓެއް ދޭކަށް އަދި ސަރުކާރަކުން ވިސްނުމެއް ނެތް. ތިވިދާޅުވިހެން ރޯދަ މަހު ވަރަށް ބޮޑު ޑިސްކައުންޓެއް ލިބިފައި އޮތީ. ދެން އެއާ ޖެހިގެން މާޗު، އެޕްރީލަކީ އެންމެ ކަރަންޓު ހަރަދު ބޮޑު ދެ މަހަށް ވީމަޔާ ވެސް އެއްކޮށްހެން އަޅުގަނޑަށް ހީވަނީ ބިލުތަކަށް ބަދަލު އައިސްފަ ހުރީ. ހިދުމަތް ދޭ ކުންފުނިތަކުން [ބިލުތަކުގައި] މިސްޓޭކެއް އުޅެންޏާ ރަނގަޅު ކޮށްދެއްވާނެ،" ޒަމީރު ވިދާޅުވި އެވެ.
އެނގުން މުހިންމު - އާންމުންގެ މި ޝަކުވާތަކާ ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވަނީ ހޫނުގަދަ ވުމުގެ ސަބަބުން ކަމަށެވެ. އެއްވެސް މައްސަލައެއް އުޅެގެން ރީޑިން ބަލަން ބޭނުންވާ ނަމަ އެކަން ހަމަޖައްސައިދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ބިލުތައް ބޮޑުވެފައި ހުއްޓަސް އިތުރަށް ޑިސްކައުންޓް ދޭން ވިސްނުމެއް ނެތް: ޒަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ