'މަސްދަރު ހިމާޔަތް ކުރަން' ފިޔާޒު ވެސް ހުންނެވީ ހަނު؛ ވިދާޅުވީ ޖަލަށް ދާން ޖެހުނަސް ހާމަ ނުކުރައްވާނެ ކަމަށް

ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް ޑޮކިއުމެންޓްރީއެއް ޝާއިއު ކުރި މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ މިއަދު ފުލުހަށް ހާޒިރުކޮށްފި އެވެ. މަސްދަރު ހާމަ ކުރަން ޖެހޭ ގޮތަށް ފުލުހުން ސުވާލު ކުރުމުން، ގާނޫނުއަސާސީ ލިބިދޭ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިވާ ކަމަށް އޭނާގެ ވަކީލުން ވިދާޅުވި އެވެ.
ވީ ކިހިނެއް؟ - އެ ނޫހުން މިދިޔަ މަހު 28ގައި ގެނެސްދިން 'އައިޝާ' ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން މިދިޔަ ހޯމަ ދުވަހު ވަނީ އެ ނޫސް ހިންގާ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ. އެގޮތުން:
އެ ތަހުގީގަށް ބަޔާން ނެގުމަށް ފިޔާޒާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދަށް އިއްޔެ ވަނީ ޗިޓު ފޮނުވާފައި
މިއަދު ހެނދުނު ހަސަން ހާޒިރުކޮށްފައިވާއިރު، ފިޔާޒު ހާޒިރުކޮށްފައި ވަނީ މިއަދު ހަވީރު
ތަފްސީލު - ފުލުހުންގެ ތަހުގީގުތައް ކުރިއަށް ގެންދާ ސާޖެންޓް އާދަމް ހަލީމް ކްރިމިނަލް އިންވެެސްޓިގޭޝަން ބިިލްޑިންގައި 30އަކަށް މިނެޓު ހޭދަކުރެއްވުމަށް ފަހު، އެ އިދާރާގެ ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިޔާޒުގެ ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން ވިދާޅުވީ:
ފުލުހުން ހިންގާ ތަހުގީގަކީ ސިޔާސީ ތަހުގީގެއް ކަމަށާއި އެ ތުހަމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް
މިކަމަކީ "ސަރުކާރުގެ ޖަރީމާތަކުގެ" ވާހަކަތައް ނޫސްވެެރިން ދާއްކާތީ، އެކަން ހުއްޓުވުމަށްޓަކައި "ބިރު ދެއްކުމަށް ކުރާ ކަމެއް" ކަމަށް
"އަޅުގަނޑުމެން ނިންމީ ހަނު ހުރުމަށް. އޭގެ ސަބަބުތަކެއް ވެސްވޭ. އެއީ އަޅުގަނޑުގެ ކްލަޔަންޓް، ހުސައިން ފިޔާޒު މުސާ މިއަދާ ހިސާބަށް ކުރި މި މަސައްކަތުގެ އެންމެ މުހިންމު ކަމަކީ މަސްދަރު ހިމާޔަތް ކުރުމަށް. އެއީ މައުލޫމާތު ދޭން ތިބޭ މީހުންގެ މަސްދަރު ހިމާޔަތްކޮށް އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން،" މިފަހުން ކޯޓުގައި ހިނގި ބޮޑެތި މައްސަލަތަކުގައި ވެސް ވަކީލެއްގެ ގޮތުގައި އިސްކޮށް މަސައްކަތް ކުރެއްވި އަލީ ހުސައިން ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވި ގޮތުގައި، ފުލުހުން "ސުވާލުތައް ވެސް އަމާޒުކޮށްފައި ވަނީ ވެސް މަސްދަރު ހާމަ ކުރަން ޖެހޭ ގޮތަށް" ކަމަށެވެ. އެހެންވެ، ނިންމީ ހަނު ހުރުމުގެ ހައްގު ބޭނުންކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު، އޭނާ ވިދާޅުވީ:
ރާއްޖޭގެ ގާނޫނާއި ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައި ވެސް މަސްދަރު ހާމަ ކުރަން ޖެހެނީ ވަކި ހާއްސަ ހާލަތެއްގައި؛ އެއީ މީހެއްގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުންވާ ހާލަތެއްގައި ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި
އެފަދަ ހާއްސަ ހާލަތެއްގައި ވެސް މަސްދަރު ހާމަ ކުރަން ޖެހެނީ ކޯޓު އަމުރެއްގެ ދަށުން
"މަސްދަރު ހާމަ ކުރުމަށް އެފަދަ ކޯޓު އަމުރެއް ވެސް ނެތް، އެފަދަ ހާލަތެއް ވެސް ނެތް،" އަލީ ހުސައިން ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ، މި ކަމަކީ ހަމައެކަނި އަދަދު ނޫހަށް ބިރު ދެއްކުމަށް ކުރާ ކަމެއް ނޫން ކަމަށާއި މިއީ ހުރިހާ ނޫސްވެރިންނަށާއި ނޫސްވެރިކަމުގެ މަސައްކަތުގެ ބޭރުން ސަރުކާރުގައި ހިޔާނާތާއި ވައްކަމުގެ ވާހަކަތައް ރިޕޯޓު ފަރާތްތަކަށް ވެސް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުހިނގާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"[މަސްދަރުތަކުން] މައުލޫމާތު މި ދެނީ ވަރަށް އިތުބާރުކޮށްފައި. އެހެންވެ އަޅުގަނޑު ހަނު ހުރުމުގެ ހައްގު ބޭނުން މި ކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި. އަޅުގަނޑުމެންނަށްދޭ މައުލޫމާތަކީ، ރައްކާތެރިކަމާ އެކު ބަލަހައްޓާނެ މައުލޫމާތެއްކަން އަދި އަޅުގަނޑުމެން އުމުރު ދުވަހު [ޖަލުގައި] އޮންނަން ޖެހުނަސް މަސްދަރު ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން ދެން،" ފިޔާޒު ވިދާޅުވި އެވެ.
އަދަދުގެ އެޑިޓަރު ހަސަންއެކޭ އެއްގޮތަށް ފިޔާޒަށް ވެސް މި މައްސަލައިގައި ފަސް ޖިނާއީ ތުހުމަތެއް ކުރެ އެވެ. އެއީ:
ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން ނުވަތަ ބައިވެރިވުމުގެ ޒިންމާ
ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ހ)ގެ 2: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާ
ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ: ކުށެއް ކުރުމަށް އެދުން
ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ: ކުށެއް ކުރުމަށް ރޭވުން
ގާނުލްއުގޫބާތުގެ 612 ވަނަ މާއްދާ: ގަޒުފްކުރުން
މި މައްސަލައިގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ވަނީ ކޯޓު އަމުރަކާ އެކު އެ އިދާރާ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ނޫސްވެރިންގެ ލެޕްޓޮޕް ފަދަ ތަކެތި ހިމެނެ އެވެ. އަދި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ. 
މިކަމުގައި ނޫސްވެރިންގެ ޖަމިއްޔާ އާއި ބޭރުގެ ޖަމިއްޔާތަކުން ވަނީ އެކަން ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފަސް މަންޒަރު - ރައީސްއަށް ތުހުމަތުތަކެއްކޮށް 'އައިޝާ'ގެ ނަމުގައި 'އަދަދު' ނޫހުން އެ ޑޮކިއުމެންޓްރީ ގެނެސްދީފައި ވަނީ މިދިޔަ މަހުގެ 28ގަ އެވެ. އެ ޑޮކިއުމެންޓްރީގައި، ރައީސް އޮފީހުގައި ވަޒީފާ އަދާކުރި ކަމަށް ބުނާ އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އެގޮތުން:
ޑޮކުއިމެންޓްރީ އާންމު ކުރިތާ ހަތަރު ހަފްތާ ފަހުން މިދިޔަ ހޯމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ނޫހުގެ ފަރާތުން ވަނީ ރައީސް މުއިއްޒުއާ މި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރިމަތިކޮށްފައި؛ އެ ހުރިހާ ކަމަކަށް ރައީސް ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު ކަމަށް" 
"ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން" ރައީސް ވިދާޅުވި؛ އެއާ އެކު، ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފަށައި ކޯޓު އަމުރެއް ހޯދުމުގެ މަސައްކަތް ފެށި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ