މަސްވެރިންނަށް ޙާއްސަ އަގެއްގައި ދޫކުރާ ތެޔޮ މިހާރު 9 ސަރަހައްދަކުން ލިބޭނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުންނެވެ.
މަސްވެރިކަންކުރާ ހުރިހާ ދޯނިތަކަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ދަނީ ހަމަޖައްސަވަމުންނެއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ތެލައް ކުރާ ހޭދަ ބޮޑުވެއްޖެނަމަ އެކަމުގެ އުނދޫތައް ކުރިމަތިވަނީ ހަމައެކި މަސްވެރި އާއިލާތަކަށް ނޫންކަމަށެވެ. އެކަމުގެ ސަބަބުން ހުރިހާ ރައްޔިތުންނަށް އެކަމުގެ ދަތިކަން ކުރިމަތިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ މަސްދޯނިތައް މަސް ކަނޑުތަކަށް ނުކުމެ މަސްވެރިކަން ކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މަސްވެރިކަން ވަރަށް ރަނގަޅުވެފައިވާކަމަށާއި ސަރުކާރުން މަސައްކަތްކުރަނީ ލައިސަންސް އޮތް ހުރިހާ އުޅަނދުތަކަށް މަހަށް ފުރޭނެ އަގެއްގައި ތެލުގެ ކަންކަން ހަމަ ޖެއްސުމަށްކަމަށެވެ.
ވަޒީރު ވިދާޅުވީ ޕްރޮސެސަރުންނާއި އެކްޕޯޓަރުންނަށް އުނދަގޫތަކެއް އެބަހުރިކަމަށާއި ނަމަވެސް ބޮޑު އަގުގައި ޕްލައިޓުން ޖާގަ ހޯދައިގެންވެސް މަސް އެކްސްޕޯޓްކުރާ ކުންފުނިތަކުން މަސް ބޭރުކުރަމުންދާކަމަށެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދެމުންދިޔައީ 4 ސަރަހައްދަކުންކަަމަށެވެ. އެހެންނަމަވެސް މިހާރު އިތުރު 9 ސަރަހައްދަކުން ތެޔޮ ފޯރުކޮށްދޭން ފެށިފައިވާކަމަށް ވިދާޅުވިއެވެ. އަދި އިތުރު 3 އަތޮޅަކުން ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށްވެސް ވިދާޅުވިއެވެ.
" އެހެންނަމަވެސް މިއަދު އަޅުގަނޑުމެން މި ވާހަކަ ދައްކާއިރު އިތުރު 9 ސަރަހައްދަކުން މިވަނީ ތެޔޮ ފޯރުކޮށްދޭން ފެށިފައި. ދެން މިވަގުތު މަސްވެރިކަން އޮތް އަތޮޅުތަކަށް ބަލާއިރު ލ، ތ، މ، މި ތިން އަތޮޅައް ސޮލިއުޝަންއެއް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން" ވަޒީރު ވިދާޅުވިއެވެ.
މެދުއިރުމަތީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގުވަނީ އުފުލިފައެވެ. ނަމަވެސް ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. އެގޮތުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ވަނީ ދޫކޮށްފައެވެ.
މަސްވެރިންނަށް ޙާއްސަ އަގެއްގައި 9 ސަރަހައްދަކުން ތެޔޮ ލިބޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ