ލަންކާގައި ތާށިވެފައިހުރި ކޮންޓެއިނަރުތައް އަންނަ ހަފުތާގައި ގެންނަނީ

ލަންކާގައި ތާށިވެފައި ހުރި 2500އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި އަންނަ ހަފުތާގައި ރާއްޖެއަށް ގެނެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޝިޕިން ރޫޓުތަކަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް މުދާ ގެނައުމަށް ހުރި ދަތިތައް މަދުކުރުމަށް އެމްޕީއެލްއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން މުދާ ގެނައުމުގައި ލޯޑު ކުޑަކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސްރީލަންކާގައި މިވަގުތު ތާށިވެފައި ހުރި 2500އަށްވުރެ ގިނަ ކޮންޓަނަރގެ ތަކެތި އަންނަ ހަފުތާގައި ރާއްޖެއަށް ގެންނާނެ ކަމަށެވެ.
" ހަނގުރާމައާއި ގުޅިގެން އައި ބަދަލުތަކާއެކު، ލަންކާގައި މިވަގުތު ލަސްވެފައިހުރި ކޮންޓައިނަރ، ކުރިއަށް އޮތް ހަފުތާގައި އަޅުގަނޑުމެންނަށް އެމްޕީއެލްއިން މަޢުލޫމާތު ދެއްވާ ގޮތުގައި 2500އަށްވުރެ ގިނަ ކޮންޓައިނަރގެ ތަކެތި 3 ވެސެލްއިން ދިވެހިރާއްޖެއަށް ގެންނާނެ". ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ސަޢީދު ވަނީ، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރި އަދި ބޭރުކުރި މުދަލުގެ ތަފާސްހިސާބުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. ވަޒީރު ވިދާޅުވީ، އެހެން އަހަރުތަކާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެތެރެކުރި މުދަލުގެ އަދަދު 19 އިންސައްތައާއި 20 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.
މީގެއިތުރުން ވަޒީރު ސަޢީދު ވިދާޅުވީ، މިދިޔަ މާރިޗު މަހު އަސާސީ ކާބޯތަކެތީގެ ޕްރައިސް އިންޑެކްސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުވެފައިވަނީ %1.95 ކަމަށެވެ.
ވަޒީރު ވިދާޅުވީ، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ބާވަތްތަކުގެ ތެރެއިން، އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ މޭވާއާއި ތަރުކާރީގެ އަގުތައް ކަމަށެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު ތަރުކާރީގެ އަގު %5 ދަށަށް ގޮސްފައިވާ ކަމަށާއި، ޖުމްލަކޮށް މޭވާގެ އަގު %15.56 އަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ