އައިޝާ ޑޮކިއުމެންޓްރީ މައްސަލައިގައި ފިޔާޒު ވެސް ހުރީ ހަނު، އޭނާގެ މައްޗަށް ޖިނާއީ 5 ކުށެއްގެ ތުހުމަތު
އޮންލައިން ނޫސް "އަދަދު"ން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމުން، އެ ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާ ވެސް ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފިއެވެ. އެ ނޫހުން މިދިޔަ މަހު 28ގައި ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން މިދިޔަ ހޯމަ ދުވަހު ވަނީ އެ ނޫސް ހިންގާ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށްފަހު އެ ތަނުގައި ހުރި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި ނޫސްވެރިކަމަށް ބޭނުންކުރާ އާލާތްތައް ވަނީ ތަހުގީގުގެ ބޭނުމަށް ގެންގޮސްފައެވެ. https://sun.mv/221278 އަދި އެ މައްސަލައިގައި މިއަދު އެ ނޫހުގެ މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު (ހަސަނާ) ވެސް ވަނީ ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފައެވެ. ފިޔާޒެކޭ އެއްގޮތަށް އޭނާ ވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. އެފަހުން މިއަދު ހަވީރު، ފުލުހުންގެ ތަހުގީގަށް ފިޔާޒު ހާޒިރުކުރިއިރު އޭނާގެ މައްޗަށް ވަނީ ޖިނާއީ ފަސް ކުށެއްގެ ތުހުމަތު ކޮށްފައެވެ. އެއީ: ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރު: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާ ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ: ކުށެއް ކުރުމަށް އެދުން ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ: ކުށެއް ކުރުމަށް ރޭވުން ގާނުލްއުގޫބާތުގެ 612 ވަނަ މާއްދާ: ގަޛްފުކުރުން އަދަދުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާއާއި އޭނާގެ ވަކީލު އަލީ ހުސައިން ފުލުހުންގެ ތަހުގީގަށް ހާޒިރުވަނީ -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ ފުލުހުންގެ ތަހުގީގުގެ ސުވާލުތަކަށްފަހު، މީޑިއާތަކަށް މައުލޫމާތުދެއްވައި ފިޔާޒުގެ ވަކީލު، އަލީ ހުސައިން ވިދާޅުވީ ފުލުހުންގެ ސުވާލުތައް ހުރީ ސީދާ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ކަމަށެވެ. "ފިޔާޒު ނިންމެވީ ހަނު ހުރުމަށް. ހަނު ހުރުމަށް ނިންމީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން. އެއީ އަޅުގަނޑުގެ ކްލަޔެންޓް، ހުސައިން ފިޔާޒު މޫސާ މިއަދާ ހަމައަށް ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ މަސްދަރު ހިމާޔަތްކުރުން. މައުލޫމާތު ދޭން ތިބި މީހުންގެ މަސްދަރު ހިމާޔަތްކުރުމަކީ އެއީ އެމީހުން ދޭ މައުލޫމާތެއްގެ ސަބަބުން އެމީހުންނަށް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކޮށްދިނުން. އެއީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ފިޔާޒު މުޅި އުމުރުގައި ވެސް އެކުރި މަސައްކަތަކީ،" އަލީ ހުސައިން ވިދާޅުވިއެވެ. "...އެހެންވީމާ އެ މަސްދަރު ހާމަކުރަންޖެހޭ ފަދަ ގޮތަކަށް ސުވާލުތައް އަމާޒުވެފައި ވާތީ ހަގީގަތުގައި ހަނު ހުރުމުގެ ހައްގު ބޭނުންކުރީ،" އަލީ ހުސައިން އިތުރަށް ވިދާޅުވިއެވެ. ހަމައެއާއެކު ފުލުހުން ހިންގާ ތަހުގީގަކީ ސިޔާސީ ތަހުގީގެއް ކަމަށާއި އެ ތުހަމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. އަދި އެކަމަކީ "ސަރުކާރުގެ ޖަރީމާތަކުގެ" ވާހަކަތައް ނޫސްވެެރިން ދާއްކާތީ، އެކަން ހުއްޓުވުމަށްޓަކައި "ބިރު ދެއްކުމަށް ކުރާ ކަމެއް" ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން އަންނަނީ ރައީސް މުޢިއްޒަށް އަމާޒުކޮށް ހަދާފައިވާ ޑޮކިއުމަންޓްރީގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ. އެގޮތުން ފިޔާޒާއި ހަސަނުގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި އީޝާ އަޝްރަފްގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ. https://sun.mv/221247 އަދަދު ނޫހުގެ އޮފީހުން ތަކެތި ގެންދިއުމުގެ ސަބަބުން އެ ނޫހުގެ އާންމު މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ވަތް މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި މިކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ އެ އޮފީސް ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ވެސް ކޮށްފައެވެ. ގިނަ ބަޔަކު އަންނަނީ ނޫސްވެރިކަމުގެ މިނިވަންކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީޑިއާގެ މައްސަލަތައް ބަލަން ކޮމިޝަނެއް އޮއްވައި ފުލުހުން މި މައްސަލައިގެ ތެރެއަށް މި ގޮތަށް ވަނުމަކީ މިނިވަން ނޫސްވެރިކަމަށް ވަކާލާތު ކުރާ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އަދި މި މައްސަލައަށް މިހާރު ވަނީ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަން ވެސް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ