ތާހިރު އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކުރުން: މާލޭގެ މާހައުލަށް ނަޒަރެއް
އަބުރުވެރި ދިރިއުޅުމަކީ ހަމައެކަނި މުއްސަނދިކަމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި، މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، ލިބޭ މިންވަރުން ފުއްދައިގެން އުޅުމުގެ މާތް ސިފައެވެ. މާލޭގެ ކާރޫބާރޫ ބޮޑު ދިރިއުޅުމުގެ ތެރޭގައި "ތާހިރު އަބުރުވެރި ދިރިއުޅުން" ނުވަތަ Living a dignified life އަކީ މިއަދު އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހިފައިވާ މައުޟޫއެކެވެ. އަބުރުވެރި ދިރިއުޅުމެއްގެ އެންމެ މުހިންމު އެއް އަސާސަކީ ލިބޭ މިންވަރުން ފުއްދައިގެން އުޅުމެވެ. މިސާލަކަށް ބަލާއިރު، މާލޭގައި ޢިމާރާތެއް ކުރާއިރު ލޯނު ނުނަގައި، އަމިއްލައަށް ލިބޭ މިންވަރުން މަޑުމަޑުން މަސައްކަތް ކުރިއަށް ގެންދާ މީހުން އުޅެއެވެ. އެގާރަ އަހަރުން އިމާރާތެއް ނިންމާލުމަކީ ބައެއް މީހުންނަށް ލަސް ކަމަކަށް ވެދާނެއެވެ. ނަމަވެސް، ދަރަނިވެރިނުވެ، އަމިއްލަ މަސައްކަތުން އެކަން ހާސިލުކުރުމަކީ އޭގައި ނުހަނުބޮޑު އިއްޒަތަކާއި ޝަރަފެއް އެކުލެވިގެންވާ ކަމެކެވެ. މިއީ އަޅުގަނޑު މިމައުޟޫޢުގައި ވާހަކަދެއްކި ބޭފުޅަކު ދެކެވަޑައިގަންނަވާގޮތެވެ. މީގެ އިތުރުން، އަމިއްލަ ތަނަވަސްކަން ދެއްކުމަށްޓަކައި 'ޝޯ އޮފް' ނުކުރުމަކީވެސް އަބުރުވެރިކަމުގެ ބައެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި، މީހުން ބަނޑަށްޖެހިފައި ތިބި ވަގުތެއްގައި، ތިމާ ކާ އެއްޗެހީގެ ފޮޓޯ ސޯޝަލް މީޑިއާއަށް ނުލައި ހިފެހެއްޓުމަކީ އަނެކުންގެ އިހުސާސްތަކަށް ކުރާ އިހުތިރާމެކެވެ. އަބުރުވެރި ދިރިއުޅުމެއްގެ އަސާސްތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް މުޖުތަމައުގެ ތެރޭގައި އޮންނަ މަގާމު ވަރަށް މުހިންމެވެ. ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ހީވަނީ އެމީހުންނަށް ހުރިހާ ކަމެއް ކޮށްދިނުމަކީ ލޯބިވުން ކަމަށެވެ. ނަމަވެސް، އެމީހަކު އަމިއްލައަށް ކުރެވޭ ކަންކަން ކުރުމަށް ފުރުސަތު ދިނުމަކީ އެމީހެއްގެ 'އެޖެންސީ' ނުވަތަ އަމިއްލަ ބާރުވެރިކަން ދެމެހެއްޓުމެވެ. އެމީހުން އަމިއްލައަށް ކެއުމާއި، ހެދުން އެޅުމާއި، މަސައްކަތް ކުރުމަކީ އެމީހުންގެ އަބުރާ ގުޅިފައިވާ ކަމެއްކަމުގައި އެއްބޭފުޅަކު ވިދާޅުވިއެވެ. އޭނާ ދެކެވަޑައިގަންނަވާގޮތުގައި، އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި އެމީހުންނަށް ކަންކަން ނުކުރެވުނަސް، ކެތްތެރިކަމާއެކު އެމީހުންނަށް ފުރުސަތު ދިނުމަކީ އެމީހުންނަށް ދެވޭ އެންމެ ބޮޑު އިހުތިރާމެވެ. އެހެން ބޭފުޅަކު ވިދާޅުވިގޮތުގައި، މާލޭގެ ދިރިއުޅުމުގައި އެންމެ ބޮޑަށް ހަކަތަ ހުސްވާ ނުވަތަ energy drain ވާ އެއް ކަމަކީ ހަރުދަނާ ނިޒާމުތަކެއް ނެތުމެވެ. ވަކިވަކި ފަރުދުންގެ ގޮތުގައި މީހުން ވަރަށް ހިތްހެޔޮވެފައި ރަނގަޅެވެ. ނަމަވެސް، ސިއްހީ ހިދުމަތް ހޯދުމުގައާއި އެހެނިހެން އިދާރީ ކަންކަމުގައި ސާފު މަޢުލޫމާތު ލިބޭނެ ފަސޭހަ ނިޒާމެއް ނެތުމުން އާންމު ރައްޔިތުން އުފުލަންޖެހޭ ތަކުލީފު ބޮޑެވެ. ބަލިމީހަކު ގޮވައިގެން އެއް ތަނުން އަނެއް ތަނަށް ދާއިރު، ކޮންމެ ފިޔަވަޅަކީ އިތުރު ހާސްކަމެއް ގެނުވާ ކަމަކަށް ވެއެވެ. މިއީ މުޅި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަމެކެވެ. މުޖުތަމައުގައި 'ފެއާނަސް' ނުވަތަ އިންސާފުވެރިކަން ގާއިމުކުރުމަކީ އަބުރުވެރި ދިރިއުޅުމަކަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ވެސް އެއްބޭފުޅަކު ވިދާޅުވިއެވެ. އޭނާ ގަބޫލު ކުރައްވާގޮތުގައި، މިއަދު ހުރިހާ ކަމެއް ފައިސާއަށް ބަރޯސާވެފައި އޮތުމަކީ ހިތާމަހުރި ކަމެކެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުމުންވެސް، މަސައްކަތަށްވުރެ ބޮޑަށް ހަމައެކަނި ފައިސާއަށް އިސްކަންދޭ މިންވަރު މުޖުތަމައުގައި ވަނީ އިތުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަމިއްލައަށް ކަންކަން ކުރުމުގެ ބަދަލުގައި، އަބަދުވެސް ކޮންމެވެސް ފަރާތަކުން އެހީއެއް ނުވަތަ 'ސަބްސިޑީ' އެއް ލިބޭތޯ ބަލައިގެން އުޅުމަކީ އަބުރުވެރި ގޮތެއް ނޫނެވެ. ތިމާއަށް އަމިއްލައަށް ތަހައްމަލު ކުރެވޭ ވަރުގެ ހިދުމަތްތައް ހޯދުމުގެ ބަދަލުގައި، އެހެން މީހުންގެ އެހީގައި މަތީ ފަންތީގެ ހިދުމަތްތައް ހޯދުމަށް އާދަވުމަކީ ވިސްނުން ބަދަލުކުރަންޖެހިފައިވާ ކަމެއްކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަޅުގަނޑާ ވާހަކަދެއްކެވި ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި، ކުރިމަގަށް އޮތް އުންމީދަކީ އަޅުގަނޑުމެންގެ އަގުތައް ނުވަތަ 'ވެލިއުސް' ބަދަލުކުރުމެވެ. ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމަކީ ކޮންމެ އިންސާނެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފަތަކެވެ. މުޖުތަމައުގެ ތެރޭގައި އެކަކު އަނެކަކަށް ދޭންޖެހޭ އިހުތިރާމް ދަސްކޮށްދޭން އެބަޖެހެއެވެ. އެއީ ބުފޭއެއްގައި ކާއެއްޗިހި އަޅަން ސަފެއްގައި ހުންނައިރު، ތަރުތީބަށް އިސްކަންދިނުން ފަދަ ކުދިކުދި ކަންކަމުން ފެށިގެންނެވެ. ތާހިރު އަބުރުވެރި ދިރިއުޅުމަކީ ހަމައެކަނި ސަރުކާރަކުން ނުވަތަ ނިޒާމަކުން ހަމަޖައްސައިދޭނެ އެއްޗެއް ނޫނެވެ. އެއީ އަމިއްލަ ނަފްސުން ފަށަންޖެހޭ މަސައްކަތެކެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރުމާއި، އަނެކުންގެ އަބުރަށް އިހުތިރާމްކުރުމާއި، ލިބޭ މިންވަރަށް ޝުކުރުވެރިވުމަކީ އުފާވެރި އަދި އަބުރުވެރި މުޖުތަމައެއްގެ ބިންގަލެވެ. މިއަދު އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލުކޮށްލަންވީ، އަޅުގަނޑުމެން މި އުޅެނީ ހަމަ ހަގީގަތުގައިވެސް ހިތްހަމަޖެހޭ އަބުރުވެރި ދިރިއުޅުމެއްތޯއެވެ؟ https://sun.mv/218150 "އިޖުތިމާއީ އަދާލަތާއި ތަރުބިއްޔަތު: ތާހިރު ދިރިއުޅުމެއްގެ ބިންގާ" ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަކީ މިއަދު އުއްމީދުތަކާއި ހުވަފެންތަކުގެ މަރުކަޒަށް ވީނަމަވެސް، މި ސިޓީގެ ތޮއްޖެހުމާއި އިޖުތިމާއީ ހާލަތަށް ބަލާއިރު ފެންނަނީ ނުހަނު ހިތްދަތި މަންޒަރެކެވެ. ތާހިރު އަބުރުވެރި ދިރިއުޅުމެއް އުޅުމަށްޓަކައި ބޭނުންވާ މާހައުލު މިއަދު މާލެއިން ގެއްލެމުންދާކަމީ ގިނަ ބަޔަކު އެއްބަސްވާ ހަގީގަތެކެވެ. ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މާލެއަކީ އިންސާނީ ކަރާމާތް ގެއްލިފައިވާ، ދިރިއުޅުން ނުހަނު ހަރުދަގޫ ތަނެކެވެ. މާލެއަށް އެކަނި ބެލިޔަސް، އަޚްލާޤީ ފޭރާން ވީދިކުދިކުދިވެފައިވާ މުޖުތަމައެއްގައި، އެތައްބަޔަކު ދިރިއުޅެމުންދަނީ ކުދިކުދި ކޮޓަރިތަކުގައެވެ. މިއީ ވޭތުވެދިޔަ ފަންސާހަކަށް އަހަރުގެ އިހުމާލުގެ ނަތީޖާއެވެ. އެހެންކަމުން، މި ޤައުމު އަލުން އާބާދުކޮށް، ތާހިރު ދިރިއުޅުމަކަށް މަގުކޮށޭނީ ހިތްވަރާއި ފަންވަރާއެކު ގަދައަޅާ މަސައްކަތް ކޮށްގެންނެވެ. މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ދަށްވެގެން ދިއުމުގައި ޖީލުތަކަށް އަންނަ ބަދަލުތައް މުހިންމު ދައުރެއް އަދާކުރާކަމަށް، އަޅުގަނޑު ވާހަކަދެއްކި ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި، ޚާއްޞަކޮށް 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ "ޖެނެރޭޝަން" ބޮޑުވަމުން އަންނަނީ ހުރިހާ ކަމަކީ ތިމާ ކަމުގައި ދެކިގެންނެވެ. އެހެން މީހުންނަކީ އަޅާލަންޖެހޭ ބައެއް ކަމުގެ އިހުސާސް އެކުދިންގެ ކިބައިގައި ކުޑައެވެ. ބޭނުންވާ ކޮންމެ އެއްޗެއް ވަގުތުން ލިބެންޖެހޭނެ ކަމަށް ގަބޫލުކުރުމާއި، އަނެކާއަށް އިޙްތިރާމްކޮށް "ހަމްބަލް" ވުމަކީ ދެރަވަރު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި މިވަނީ ދެކެން ފަށާފައިވުން ވެސް މިއީ ތާހިރު ދިރިއުޅުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މި ނުރަނގަޅު އާދަތައް ބަދަލުކުރުމަށްޓަކައި ގޭތެރެއިންނާއި ސްކޫލްތަކުން ދޭ ތަރުބިއްޔަތު ބަދަލުކުރަން ޖެހެއެވެ. އަނެކާއަށް އިސްކަންދިނުމާއި، ފުރުސަތު ފަހިކޮށްދިނުން ފަދަ މަތިވެރި ސިފަތައް ދަރިންނަށް ދަސްކޮށްދިނުމަކީ އަބުރުވެރި މުޖުތަމަޢަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ އިތުރުން، ރާއްޖޭގެެ މައްސަލައަކީ ހަމައެކަނި އަޚުލާގުނެތުމާއި ތޮއްޖެހުން ކަމަށް ބުނެ ނިންމާލެވޭކަށް ނެތެވެ. މިއަށްވުރެ މާ ފުން، ނިޒާމީ މައްސަލަތަކެއް އެބަހުއްޓެވެ. އެގޮތުން، ރާއްޖޭގެ އިޤްތިޞާދީ ވަޞީލަތްތަކާއި ފުރުޞަތުތަކުގެ މަންފާ މަދުބައެއްގެ މުށުތެރޭގައި އޮތުމަކީ އިޖުތިމާއީ އަދުލުވެރިކަން ގެއްލޭ ކަމެކެވެ. އަދި ޤާނޫނުގެ މައްޗަށް ބާރުފޯރުވާ ބަޔަކުތިބެ، އެމީހުންގެ މައްޗަށް ޤާނޫނު ނުހިނގާ ތަން ފެނުމަކީ އާދައިގެ ރައްޔިތުން ޤާނޫނާއި އިޖުތިމާއީ ހަމަތަކަށް ބޯލެނބުމާ ދެކޮޅުހަދާ ސަބަބެކެވެ. މިގޮތުން، ތޮއްޖެހުން ނެތް ރަށްރަށުގައިވެސް އަޚްލާޤީ މައްސަލަތައް އިންތިހާއަށް ގޮސްފައިވަނީ މިފަދަ ނިޒާމީ ބޭއިންސާފުގެ ސަބަބުންނެވެ. https://sun.mv/207268 މާލެއާއި މުޅި ރާއްޖޭގައި ތާހިރު އަބުރުވެރި ދިރިއުޅުމެއް ބިނާކުރެވޭނީ ހަމައެކަނި އިމާރާތްތަކަކުން ނޫނެވެ. އެއީ ފަރުދީ ޒިންމާ އުފުލައި، ތަރުބިއްޔަތު ރަނގަޅުކޮށް، އަދި ދައުލަތުގެ ނިޒާމުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފު ގާއިމުކޮށްގެންނެވެ. ކޮންމެ މީހަކީވެސް ޤާނޫނުގެ ކުރިމަތީގައި ހަމަހަމަ މީހަކަށް ވެގެންނެވެ. އޭރުން ރާއްޖެއަކީ އިންސާނީ ކަރާމާތް އޮތް، އަމާން އަދި އަބުރުވެރި މަންޒިލަކަށް ވާނެއެވެ. މިއީ މިއަދު އަޅުގަނޑުމެން ގައުމީ ފެންވަރުގައި މަޝްވަރާ ކުރަންޖެހިފައިވާ ކަމެކެވެ. ކުށްވެރިކުރުމުގެ ނަޒަރިއްޔާއަކަށްވުރެ ބޮޑަށް ހައްލުހޯދުމުގެ ވިސްނުމަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ