ބަލި މީހުންނަށް އެހީ ހޯދަންކަމަށް ބުނެ ފޭސްބުކްގައި ސްކޭމް ހިންގާ މިންވަރު އަނެއްކާ ވެސް އިތުރުވެއްޖެ

ބަލި މީހުންނަށް އެހީ ހޯދުމުގެ ނަމުގައި ފޭސްބުކްގައި ސްކޭމްތައް ހިންގާ މިންވަރު އަނެއްކާ ވެސް އިތުރުވެފައިވާކަމަށް ބުނެ، އެ ކަމަށް ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނި ގޮތުގައި، މި ދުވަސްވަރު ފޭސްބުކްގައި ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން އެހީއަށް އެދި ކުރާ ޕޯސްޓުތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ނަމަވެސް، އޭގެތެރޭގައި ގިނައީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ޖަހާފައިވާ ޕޯސްޓުތައް ކަމަށް އެ ސެންޓަރުން ބުނެއެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ސްކޭމަރުން އެކި އުކުޅުތައް ބޭނުންކުރެއެވެ. މިގޮތުން، ޒަމާނަށް އަންނަ ބަދަލުތަކުން އެ އުކުޅުތަކަށް ވެސް ދަނީ ބަދަލުތައް އަންނަމުންވެ. ފުލުހުން ވަނީ، ސްކޭމަރުން ގެންގުޅޭ ބައެއް އުކުޅުތައް ކިޔައިދީފައެވެ. މިގޮތުން، އިންޓަނެޓާއި އެކި ވެބްސައިޓުތަކުން ފޮޓޯތައް ވަގަށް ނަގައިގެން، ބޮޑެތި ބަލިތަކުގެ ވާހަކަދައްކައިގެން މީހުންގެ ހަމްދަރުދީ ސްކޭމަރުން ހޯދައެވެ. އޭގެއިތުރަށް، ޕޯސްޓުގައި ދީފައިވާ ނަމްބަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދިނަސް، މެސެޖަށް ޖަވާބު ދިނުން ހިމެނެއެވެ. ފުލުހުން ވަނީ، އެ މީހުންގެ ކިބައިން ރައްކާތެރިވެ ތިބުމަށް ކުރެވޭނެ ކަންކަން ވެސް ކިޔައިދީފައެވެ. އެ ފަދައިން ޖަހާފައިވާ ޕޯސްޓުތަކަށް އެހީވާން ފައިސާ ފޮނުވުމުގެ ކުރިން ނަމްބަރަށް ގުޅައިގެން ވާހަކަދައްކަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. https://sun.mv/217172 ޕޯސްޓުގައިވާ ފޮޓޯއަކީ ސައްހަ ފޮޓޯއެއްތޯ ޔަގީންކުރުމަށާއި ސައްހަކަން ކަށަވަރުނުވާ ޕޯސްޓުތައް ޝެއާ ނުކުރުމަށް ވަނީ އެދިފައެވެ. މީގެކުރިން ވެސް ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ސްކޭމްތައް އިތުރުވާތީ ސަމާލުވާން ފުލުހުން އިލްތިމާސްކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ