ސްކޭމް ކޯލް ހުއްޓުވަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، މާފުށީ ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފި
ޖަލުތަކުގައި ތިބޭ ގައިދީން ސްކޭމް ކޯލްތައް ކުރާ ކަމުގެ ތުހުމަތުތައް އިތުރުވެފައިވާއިރު، އެފަދަ ކޯލްތައް ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކ. މާފުށީ ޖަލުގައި ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައިފިއެވެ. އެ މެޝިން އިފުތިތާހުކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިހުސާނެވެ. ކަރެކްޝަނުން ބުނީ އެ މެޝިނަކީ، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބެހެއްޓި ފަހުގެ ބޮޑީ ސްކޭނިން މެޝިނެއް ކަމަށާއި އެއީ އެ ޖަލުގައި ބެހެއްޓި އެފަދަ ފުރަތަމަ މެޝިން ކަމަށެވެ. އެއީ ސަރުކާރުން ހޯމް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދިން މެޝިނެއްކަން ވެސް ކަރެކްޝަނުން ވަނީ ފާހަގަކޮށްފައެވެ. https://x.com/CorrectionsMv/status/2027618617265950859 މާފުށީ ޖަލަށް މަނާ ތަކެތި ވެއްދުން، ޚާއްސަކޮށް ފޯނު ފަދަ ތަކެތި ވެއްދުން ވަނީ އާންމުވެފައެވެ. އެފަދަ ފޯނުތައް ބޭނުންކޮށްގެން ޖަލުން ސްކޭމް ކޯލްތައް ކުރާކަމުގެ ތުހުމަތު ވަރަށް ބޮޑެވެ. މިދިޔަ އަހަރު ކަރެކްޝަނުން ވަނީ، އެ ފަދަ ކޯލްތައް ރިޕޯޓު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ޖަލުތަކުން ކުރާ ކޯލެއް ކަމަށް ޝައްކުކުރެވޭނަމަ ރިޕޯޓުކުރުމަށް އެދިފައެވެ. https://sun.mv/215495 ޖަލުން ސްކޭމް ކުރުން ހުއްޓުވުމަށް، ފޯނުން ނުގުޅޭ ގޮތް ހަދަން ޖޭމަރު ހަރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ކުރާ ކަމެކެވެ. ނަމަވެސް މިދިޔަ އަހަރު ހޯމް މިނިސްޓްރީން ވަނީ، އެ މިނިސްޓްރީގެ ވިސްނުމަކީ، ޖޭމަރު ހަރުކުރުމުގެ ބަދަލުގައި، ޖަލަށް ދާ މީހުން ސްކޭން ކުރުމަށް މެޝިނެއް ހަރުކުރުން ކަމަށް ބުނެފައެވެ. އޭގެ ކުރިން 2024 ވަނަ އަހަރުގެ ޖޫން މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ، މާފުށީ ޖަލަށް ޒިޔާރަތް ކުރާ މީހުން ގެންދާ ތަކެތި ސްކޭން ކުރެވޭ ގޮތަށް ބޮޑީ ސްކޭނިން މެޝިނެއް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ