ޙައްޖުވެރިންގެ ފަހު ފްލައިޓު ފުރައިފި

މިއަހަރު ޙައްޖަށްދާ ދިވެހީންގެ ފަހު ފްލައިޓު ފުރައިފިއެވެ. މިފްލައިޓުގައި 250 އަށްވުރެ ގިނަ ޙައްޖުވެރިންވަނީ ފުރާފައެވެ.
1447 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސަޢުދީއަށްދާ ހުރިހާ ޙައްޖުވެރިން މިހާރުވަނީ ފުރާފައެވެ. ޙައްޖުވެރިންގެ ފަހު ފްލައިޓުގައި 253 ޙައްޖުވެރިންވަނީ، ސަޢުދީއަށް ގޮސްފައެވެ. ޙައްޖުވެރިންގެ ފަހު ފްލައިޓު ފުރާފައިވަނީ، ރާއްޖެ ގަޑިން 09:45 ގައެވެ.
ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ ޗެއަރމަން ޝެއިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ، ޙައްޖަށް މިހާރު ގޮސްފައިވާ ހުރިހާ ޙާޖީންގެ ޢުމްރާގެ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި މިއަދު ފުރާ ޙައްޖުވެރިންވެސް މިއަދު ހަވީރު ޢުމްރާގެ އަޅުކަން ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ޙައްޖުގެ ހުރިހާ އިންތިޒާމުތަކެއްވެސް މިއަހަރުވެސް މިހުރީ ވަރަށް ފުރިހަމައަށް. އެކޮޅުގައިވެސް ޙައްޖުވެރިންގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ކުރިއަށްދަނީ. އަދި މިއަދު އިރާދަކުރެއްވިއްޔާ އިންތިޒާމުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދެވޭނަމަ ހަވީރަށް މިއަދު ފުރާ ޙައްޖުވެރިންނަށްވެސް ޙަރަމަށްދެވޭނެ." ޗެއަރމަން ވިދާޅުވިއެވެ.
ޙައްޖުގެ އަޅުކަމަށް މިއަހަރު ޙައްޖުވެރިން ގެންގޮސްފައިވަނީ، 4 ފްލައިޓުގައެވެ. އެއީ، ސަޢުދީއާގެ 2 ފްލައިޓާއި، ޤައުމީ އެއާލައިން މޯލްޑިވިއަންގެ 2 ފްލައިޓެވެ. މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން މިއަހަރުވެސް ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. އޭގެ ސަބަބުން ޙައްޖުވެރިންގެ ޗެކިންގެ ހުރިހާ އިންތިޒާމެއް ރާއްޖޭގައި ހަމަޖެހި، ޖިއްދާ އެއާޕޯޓުގައި ގިނަ އިރުނުވެ މައްކާއަށް ދަތުރު ފެށެއެވެ.
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ