ނުރައްކާތެރިކޮށް ދުއްވުމަކީ ހިނދުކޮޅެއް ތެރޭގައި ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއް: ނައިބު ރައީސް
ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއް ކަމަށާއި، މަގުމަތި ބޭނުންކުރާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަމާއެކު މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އިލްތިމާސްކުރައްވައިފިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ރައްކާތެރިކަމާއެކު މަގުމަތި ބޭނުންކުރުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި އެއީ އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓައި ތިމާގެ ފަރާތުން ކޮށްދެވޭނެ އެންމެ މުހިންމެ އެއް ކަންތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފަރުވާކުޑަކަމާއި ނުރައްކާތެރިކޮށް ދުއްވުމަކީ، ހިނދުކޮޅެއްގެ ތެރޭގައި ތިމާއާއި އަނެކާގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުކޮށްލަފާނެ ކަމެއް ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އެހެންކަމުން، މަގުމަތި ބޭނުންކުރާ އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަމާއެކު، މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ރައްކާތެރިކަން އިސްކުރަން ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވި އިރު މާލެ ސަރަހައްދުގައި އެކްސިޑެންޓު ހިނގާ މިންވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މާލެ ސަރަހައްދުގައި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާ ތަންތަނުގެ ތެރޭގައި ސިނަމާލެ ބުރިޖާއި ހައިވޭ ހިމެނެއެވެ. އަދި ދެކުނުން އަައްޑޫ ސިޓީއާއި ފުވައްމުލަކުގައި ވެސް ނުރައްކާތެރި, ގިނަ އަދަދެއްގެ އެކްސިޑެންޓުތައް ހިނގައެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބާލައިރު މިދިޔަ އަހަރުގެ އޭޕްރިލް މަހަށްވުރެ މި އަހަރުގެ އޭޕްރިލް މަހު ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތައް 12 އިންސައްތައަށް ވަނީ އިތުރުވެފައެވެ. އޭޕްރިލް މަހު އެ އިދާރާއަށް 874 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނައީ ވެސް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. ނިމުނު އަހަރު ޓްރެފިކް އެކްސިޑެންޓުގެ ޖުމްލަ 3،076 މައްސަލައެއް ފުލުހަށް ހުށަހެޅިއިރު، މި އަހަރުގެ މިހާތަނަށް 1،064 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ