ކައުންސިލްތައް އުވާލުމުން ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އަތޮޅު އޮފީހެއް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވުމުން ކޮންމެ އަތޮޅަކަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އަތޮޅު އޮފީހެއް ހަދަން ނިންމައިފި އެވެ. ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ބަޔާންކުރާ ގޮތުގައި އަތޮޅު ކައުންސިލްތަކުގެ އެންމެ ފަހުން އޮތް ދައުރު ހަމަވުމާ އެކު އަތޮޅުތަކުގެ ހިންގުން ހަވާލުވަނީ އެލްޖީއޭއާ އެވެ.ކައުންސިލްތަކުގެ އާ ދައުރެއް އިއްޔެ ހުވާ ކުރުމާ އެކު އެންމެ ފަހުން އޮތް އަތޮޅު ކައުންސިލްތައް އިއްޔެއިން ފެށިގެން އުވުނީ އެވެ.އަތޮޅު ކައުންސިލްތައް އުވުމާ އެކު އެ ތަންތަނަށް ކިޔާނެ ނަމާއި އެ ކައުންސިލްތަކުގައި ތިބި މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން ރައީސް އޮފީހުން އެލްޖީއޭއަށް މިއަދު ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އާއިޝަތު އިކުރާމް ސޮއިކުރައްވައި އެލްޖީއޭއަށް ފޮނުއްވި އެ ސިޓީގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ހިދުމަތްތައް އިދާރީ ދާއިރާތަކުގައި ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެ ސިޓީގައިވާ ގޮތުން އެ ނަމަކީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - (އަތޮޅު) އޮފީސް އެވެ. މިސާލެއްގެ ގޮތުގައި އެ ސިޓީގައި ލިޔުއްވާފައި ވަނީ "ލޯކަލް ގަވަމަންޓް އޮތޯރިޓީ - ބ. އަތޮޅު އޮފީސް" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ