ރާއްޖެއާއި ސަޢުދީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތަކެއް

ދިވެހިރާއްޖެއާއި ސަޢުދި އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފިއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރުކަމާއި އަލަށް ހަވާލުވެވަޑައިގެންނެވި އިރުތިޝާމް އާދަމް އާއި ސަޢުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރުހާން އަލް ސަޢުދު ވަނީ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ.
ދެ ވަޒީރުންގެ މި ފޯނު ކޯލުގައި ރާއްޖޭގައި ސަޢުދީގެ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ޤައުމުގެ ދޭދޭ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.
ވަޒީރު އިރުތިޝާމް ވަނީ ރާއްޖޭގެ ތަރައްގީގައި ސައުދީގެ ހިއްސާ ފާހަގަކުރައްވައި އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖެހިޖެހިގެން ދެވަނަ އަހަރު މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމަނައި ޙައްޖާޖީންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކަށާއި އެ ޤައުމުން ދިވެހި ވަފުދުތަކަށް އަދާކުރައްވާ މެހްމާންދާރީއަށްވެސް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.
މަޝްވަރާތަކުގައި ސަރަހައްދީ ތަރައްގީގެ ދާއިރާތަކަށްވެސް ދެ ވަޒީރުން އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ގުޅިގެން ކުރެވޭ މަޝްވަރާތަކުން ސަރަހައްދީ ހަމަޖެހުމާއި ރައްކާތެރިކަން ގާއިމުކުރުމަށް ރާއްޖޭން އަބަދުވެސް ތާޢީދުކުރައްވާނެކަން ޚާރިޖީ ވަޒީރު އިރުތިޝާމް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ