އިމާދުއްދީން ސްކޫލުގެ ޓީޗަރަކު ކެންސަރު ބަލީގައި ނިޔާވެއްޖެ

އިމާދުއްދީން ސްކޫލުގައި ސެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވި އައިމިނަތު ރިޒާނާ ނިޔާވެއްޖެ އެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ އަހަރުތަކެއް ވެފައިވާ ރިޒާނާ ނިޔާވީ މިއަދު ހުޅުމާލޭ ހޮސްޕިޓަލުގަ އެވެ.
އުމުރުން 43 އަހަރުގެ ރިޒާނާ ކިޔަވައިދެއްވަން ފެއްޓެވީ އޭނާގެ އުފަން ރަށް، ރ. ދުވާފަރުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގަ އެވެ.
އޭގެ ފަހުން މާލެއަށް ދިިރިއުޅުން ބަދަލުކުރައްވައި، ފުރަތަމަ ކިޔަވައިދެއްވީ ހިރިޔާ ސްކޫލުގަ އެވެ. ހިރިޔާ ސްކޫލުގައި ސެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، އިމާދުއްދީން ސްކޫލާ ގުޅިވަޑައިގަތީ  އޮކްޓޫބަރު 23، 2019 ގަ އެވެ.
ނިޔާވުމާ ހަމައަށް ވެސް އޭނާ ހުންނެވީ އެ ސްކޫލުގެ ވަޒީފާގަ އެވެ.
އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހު "މިހާރު" އަށް ވިދާޅުވީ ރިޒާނާ އަކީ ކިޔަވައިދިނުމަށް ވަރަށް ލޯބިކުރެއްވި، ހިތްހެޔޮ މުދައްރިސެއް ކަމަށެވެ.
"އަބަދުވެސް ބުނާނެ އެންމެ ބަލިއިރު ވެސް، އަޅުގަނޑުމެން ހޮސްޕިޓަލަށް ދާއިރާށް ބުނާނެ ސްކޫލަށް ގެންދާށޭ. ބޭނުމީ ކުދިންނަށް ކިޔަވައިދޭން ދާށޭ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ރިޒާނާއަކީ އެންމެންނާ ގުޅޭ، މަޑުމައިތިރި އަދި ދަރިވަރުންދެކެ އިންތިހާއަށް ލޯބިވި ނަމޫނާ ޓީޗަރެއްގެ ގޮތުގައި ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ.
ރިޒާނާގެ ކަށުނަމާދު އޮންނާނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަރަހާ މިސްކިތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ