ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރުގެ އިސްތިއުނާފު ބަލައިނުގަތުމުގެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް

އައިޝާ ޑޮކިއުމެންޓަރީ ދައުރުކުރުން މަނާކޮށް، އެ ޑޮކިއުމަންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ހުރިހައި ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކޯޓުގައި ރަޖިސްޓްރީ ނުކޮށްދޭން ނިންމި މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެ ޖަމިއްޔާގެ ފަރާތުން ހުށަހަޅައިފި އެވެ. 
އެ އަމުރަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެ އެމްޖޭއޭއިން އިސްތިއުނާފު ކުރީ މެއި 14، ގަ އެވެ. 
މިއީ އެންމެން ތަބާވާން ޖެހޭ އަމުަރަކަށް ވީ ނަމަވެސް މައްސަލަ އިސްތިއުނާފު ކުރެވޭނީ މައްސަލަ ނިސްބަތްވާ ފަރާތްތަކަށް ކަމަށް ހައި ކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމަވާފަ އެވެ. އިސްތިއުނާފު ބަލައިނުގަތީ އޭގެ ތެރޭގައި އެމްޖޭއޭ ނުހިމެނޭތީ ކަމަށް ބުނެ އެވެ. 
އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފް ވަނީ ފަނޑިޔާރުންގެ މަޖިލީހަށް އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. އެ އަމުރުގެ ސަބަބުން އެ ޖަމިއްޔާއިން ތަމްސީލުކުރާ 100 އަށްވުރެ ގިނަ ނޫސްވެރިންގެ އަސާސީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ނާއިފް ވިދާޅުވި އެވެ. 
އެ މައްސަލަ އޮތީ އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން ވެސް އިސްތިއުނާފު ކޮށްފަ އެވެ. އެ އަމުރު ރައްދު ވަނި ފިޔާޒުގެ އިތުރުން އަދަދުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށެވެ. 
ކްރިމިނަލް ކޯޓުގެ ގެގް އޯޑަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ. އަދި މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް، މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު ޝަރީއަތެއްގެ ގޮތުގައި ކަމަށް ވެސް އެ އަމުރުގައި ބަޔާންކޮށްފައި ވެ އެވެ. މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައި ވެސް އެ އަމުރުގައި ކަނޑައަޅައިފައި ވެ އެވެ. 
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކޯޓަށް އަމާޒުވެފައިވާއިރު، ގާނޫނީ މާހިރުން ވެސް އަންނަނީ މި އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަމުންނެވެ. ވަކިން ހާއްސަކޮށް، ޝަރީއަތުގައި ހިމެނޭ ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ