އީޝާއަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ: ޕީޖީ އޮފީސް

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ގަޒުފް ކުރި ކަމަށް ފުލުހުން ތުހުމަތު ކުރާ އައިޝަތު އީޝާ އަޝްރަފްއަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒުގެ ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން މިދިޔަ މާޗު މަހުގެ ފަހުކޮޅު ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގެ ތަހުގީގަށް، މި މަހު ކުރީކޮޅު އީޝާ ދެ ފަހަރެއްގެ މަތިން ފުލުސް އިދާރާއަށް ހާޒިރު ކުރި އެވެ. އެގޮތުން:
އެންމެ ފުރަތަމަ އީޝާ ހާޒިރުކޮށްފައި ވަނީ، މި މަހުގެ 5 ވަނަ ދުވަހުގެ ރޭ އަދި ދެ ވަނަ ފަހަރަށް ޖެހިގެން އައި ދުވަހު ހަވީރު ހާޒިރު ކުރި
އެ މައްސަލައިގައި 'އަދަދު'ގެ އިސް ދެ ވެރިއަކަށް ޕީޖީ އޮފީހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ގަޒުފް ކުރުމުގެ ދައުވާ އުފުލާފައި؛ އެެ ދައުވާތަކުގެ ޝަރީއަތް މިހާރު ވަނީ ފަށާފައި
ތަފްސީލު - 'އަދަދު'ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ކުރި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އެ ދެ މީހުންގެ ޝަރީއަތް ފެށިއިރު ވެސް، އަދިވެސް އީޝާއަށް އޮތީ ދައުވާ ނުކޮށެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލު ކުުރުމުން އެ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މިއަދު ވިދާޅުވީ، މި މައްސަލައިގައި އީޝާއަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އަދި މައްސަލައިގައި އީޝާގެ ތަހުގީގުގެ ބައި އަދިވެސް ދަނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރި ނަމަވެސް އަދި އެ އިދާރާގެ ބަހެއް ނުލިބެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އީޝާގެ ވަކީލުންގެ ފަރާތުން މީގެ ކުރިން ބުނެފައިވަނީ، މި މައްސަލައިގައި ފުލުހުންގެ ތަހުގީގުގައި އޭނާއަށް ދިފާއުވުމަށް ފުލުހުން ފުރުސަތު ދީފައި ނުވާ ކަމަށެވެ. އަދި އެކަން ފާހަގަކޮށް، ތަހުގީގު ބަޔާނުގައި ސޮއިކޮށްފައިވާނެ ކަމަށެވެ. އަދި މި މައްސަލައިގައި އީޝާއަކީ ވިކްޓިމްއެއް ކަމަށާއި ކަން ހިނގި ގޮތް ސާފުކޮށް ކިޔައިދޭން ބޭނުންވާ ކަމަށް ވެސް އީޝާގެ ވަކީލުން މީގެ ކުރިން ބުނެފައިވެ އެވެ.
ރަައީސް މުއިއްޒު ވަނީ މީގެ ކުރިން ޑޮކުމެންޓްރީގައި ހުރި ހުރިހާ ވާހަކަތަކެއް ދޮގު ކުރައްވާފަ އެވެ.
ގުޅުން ހުރި - މި މައްސަލައިގައި ޕީޖީން ދައުވާ ކުރަން ފޮނުވި ދުވަސް ކަމުގައިވާ މި މަހުގެ 10 ވަނަ ދުވަހު، ކްރިމިނަލް ކޯޓުން ވަނީ ހުރިހާ ރައްޔިތުންގެ މައްޗަށް މި މައްސަލައާ ގުޅޭ ގޮތުން ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް ވާހަކަ ނުދެއްކުމަށް 'އަނގަ ބަންދުކުރުމުގެ އަމުރެއް' ނުވަތަ ގެގް އޯޑަރެއް ނެރެފަ އެވެ. އެގޮތުން:
ގެގް އޯޑަރު ނެރުނު ފަހުން، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މައްސަލައާ ގުޅުން ހުރި ސުވާލެއް ރައީސްއާ ކުރި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އެ އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި އޭނާ 15 ދުވަހަށް ޖަލަށްލުމާ އެކު 25.800ރ.އަށް ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައި
އަދި ގެގް އޯޑަރާ ގޫޅޭ ހަބަރެއް ލިޔުނު އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް ވަނީ އެ އަމުރާ ހިލާފުވި ކަމަށް ނިންމައި 10 ދުވަހަށް ޖަލަށްލުމާ އެކު 26،800ރ.އަށް ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައި
އެ ދެ ނޫސްވެރިންނަށް ވެސް ހުކުމްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު؛ އެއާ އެކު، ނޫސްވެރިންނާއި ބޭރުގެ ޖަމިއްުޔާތަކުން ވަނީ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލާ އަދި އެ މީހުން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތެއް އިދިކޮޅު ފަރާތްތަކުން ވަނީ ފަށާފައި
ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)ގެ ފަރާތުން އެ ގެގް އޯޑަރު ހައި ކޯޓުގައި އިސްތިއުފާން ކުރުމުން އެ ކޯޓުން ވަނީ އިސްތިއުނާފް ބަލައިނުގެންފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ