އެލްޖީއޭގެ ދަށުން އަތޮޅު އޮފީސްތައް ހިންގުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް: ސުއޫދު

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ދަށުން އިދާރީ ދާއިރާތައް ހިންގާ ގޮތަށް، ކޮންމެ އަތޮޅެއްގައި އަތޮޅު އޮފީހެއް ގާއިމްކުރަން މި ސަރުކާރުން ނިންމި ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހުގައި ބަޔާންކުރާ ގޮތުގައި، ކައުންސިލުތަކުގެ އާ ދައުރު ފެށުމާ އެކު، އަތޮޅުތަކުގެ ހިންގުން ހަވާލުވަނީ އެލްޖީއޭއާ އެވެ. އެހެނެވެ، އާ ދައުރެއްގެ މެމްބަރުން އިއްޔެ ހުވާ ކުރުމާ އެކު އެންމެ ފަހުން އޮތް އަތޮޅު ކައުންސިލްތައް އިއްޔެއިން ފެށިގެން އުވުނީ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގައި އެލްޖީއޭގެ ބާބުގައި ހިމެނޭ އެ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިދާރީ ދާއިރާ ނުވަތަ އަތޮޅުތައް ހިންގުމުގެ ކަންކަން ހިމަނާފައިވެ އެވެ.
އެއާ އެކު، ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އަތޮޅު އޮފީހެއް ގާއިމްކުރަން ރައީސް މުހައްމަދު މުއިއްޒު މިހާރު ވަނީ އަންގަވާފަ އެވެ.
ބުނީ ކީކޭ ؟ - މިކަމަކީ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ނޫންކަން ފާހަގަކުރައްވައި ސުއޫދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާއެއް ހިންގަންޖެހޭނީ އަތޮޅުގެ ރައްޔިތުން އިންތިހާބު ކުރާ މެންބަރުން ކަމަށެވެ.
‏އެހެންވެ، މި ސަރުކާރުން ގާނޫނުއަސާސީއާ ގަސްތުގައި ހިލާފުވެފައިވާކަން ފާހަގަކުރައްވައި ގާނޫނުއަސާސީއާ ހިލާފުވީ ފަރާތްތަކުގެ މައްަޗަށް ދައުވާކުރަން ވެސް ސުއޫދު ގޮވާލެއްވި އެވެ.
"ގާނޫނުއަސާސީގެ 8 ވަނަ ބާބާ ގަސްދުގައި ހިލާފުވެއްޖެ. ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާއެއް ހިންގަންޖެހޭނީ އަތޮޅުގެ ރައްޔިތުން އިންތިހާބު ކުރާ މެންބަރުން. ގާނޫނުއަސާސީއާ ހިލާފުވީ މީހުންގެ މައްޗަށް ދައުވާކުރަންޖެހޭ،" ސުއޫދުގެ ޕޯސްޓުގައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރައީސްގެ ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އައިޝަތު އިކުރާމް ސޮއިކުރައްވައި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލަށް ފޮނުއްވާފައިވާ ސިޓީގައިވާ ގޮތުން، މި ބަދަލާ އެކު އަތޮޅު އޮފީސްތަކުގައި މަސައްކަތްކުރަމުންދިޔަ ހުރިހާ މުވައްޒަފުން ދެން ބަދަލުވާނީ އެލްޖީއޭގެ މުވައްޒަފުންނަށެވެ. 
އެނގުން މުހިންމު - ރައްޔިތުން ހޮވާ މެމްބަރުންތަކެއް ތަމްސީލުކުރާ ގޮތަށް މީގެ ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލުތައް މި ސަރުކާރުން އުވާލީ އެކަމަށް ކައުންސިލުތަކުން ދެކޮޅު ހަދަމުން ދަނިކޮށެވެ.
އެކަން ނުކުރަން ރައީސް މުއިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް ބައެއް ކައުންސިލުތަކުން އެދުނެވެ. އެކަމަކު، އެ ވާހަކަތަކަށް ބެއްލެވުމެއްނެތި ރައީސް ވިދާޅުވަމުން ގެންދެވީ، އަތޮޅު ކައުންސިލުތަކަކީ ބޭނުމެއް ހުރި ތަންތަނެއް ނޫން ކަމަށާއި އެ ތަންތަނުގެ ސަބަބުން ކަންކަން ކުރަން ސަރުކާރަށް ދަތިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ