ރިިކަވަރީ އޮޕަރޭޝަނުގައި ސިފައިންގެ ޑައިވަރުން 30 މީޓަރަށް ވުރެ ފުނަށް ނުދާން ނިންމައިފި

ވާވު އަތޮޅު ދެވަނަ ކަނޑުގެ އަޑީގައި ހުންނަ ހޮހޮޅައެއްގައި ތާށިވެފައި ތިބި ކަމަށް ބެލެވޭ އިޓަލީގެ ޓޫރިސްޓުގެ ހަށިގަނޑު ރިކަވާކުރަން ހިންގާ ސާޗް އެންޑް ރިކަވަރީ އޮޕަރޭޝަނުގައި ބައިވެރިވާ ދިވެހި ސިފައިންގެ ޑައިވަރުން 30 މީޓަރަށް ވުރެ ފުނަށް ނުދާ ގޮތަށް ނިންމައިފި އެވެ. 
މިކަން އަދަދު އަށް ކަށަވަރުކޮށްދެއްވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވީ މި އޮޕަރޭޝަނުގައި ބައިވެރިވާ ސިފައިންގެ ޑަައިވަރުން ކުރާނީ ޑީކޮމްޕްރެޝަން ބޭނުން ނުވާ ވަރަށް ފުނަށް ކުރާ ޑައިވުތައް އެކަނި ކަމަށެވެ. 
"ދިވެހި ސިފައިން އަދި ވެސް އޮޕަރޭޝަނުގައި ބައިވެރިވާނެ. އެ މީހުންގެ ރެސްޕޮންސިބިލިޓީއަކީ ސަޕޯޓް ދިނުން،" މުންދު ވިދާޅުވި އެވެ. 
ސިފައިންގެ ޑައިވަރުން ފުނަށް ނުދާ ގޮތަށް ނިންމާފައި މި ވަނީ މި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ ސާޖަންޓު މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، ރިކަވަރީ އޮޕަރޭޝަން މެދުކަނޑާލާފަ އޮތުމަށް ފަހުގަ އެވެ. މަހުދީ ނިޔާވީ، ހޮހޮޅައިގެ އަނގަމަތި ފާހަގަކުރަން، އޭނާ ހިމެނޭ ގޮތަށް ސިފައިންގެ އަށް ޑައިވަރުންގެ ޓީމަކުން ކުރި ޑައިވަކަށް ފަހުގަ އެވެ. 
ރިކަވަރީ އޮޕަރޭޝަން އަލުން ފެށިއިރު، މި އޮޕަރޭޝަން ލީޑުކުރަނީ އިޓަލީ ސަރުކާރު މެދުވެރިވެގެން ރާއްޖެ ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ކޭވް ޑައިވަރުންގެ ޓީމުންނެވެ. މި ޓީމުގައި އިސްކޮށް ހުރި ސާމީ ޕާކަރިނެން އަދި އެ ޓީމުގައި ހިމެނޭ ޕެޓްރިކް ގްރޮންކްވިސްޓަކީ ކޭވް ޑައިވިންއަށް ޝައުގުވެރިކަން ހުންނަ އެންމެންނަށް އެނގޭ، ނުރައްކާތެރި ރިކަވަރީ އޮޕަރޭޝަންތަކުގެ ތަޖުރިބާ ހުރި ދެ މީހުންނެވެ. 
ފިންލެންޑުގެ ޑައިވަރުންގެ ޓީމާއެކީ ކަނޑުއަޑީގެ ދިރާސާތައް ކުރެވޭ އާރުއޯވީ ފަދަ ވަސީލަތްތައް ގެންގުޅޭ ދިވެހި ދެ ކުންފުންޏަކުން އަންނަނީ އެ މީހުންގެ ތަކެތި އޮޕަރޭޝަނަށް ފޯރުކޮށްދެމުންނެވެ. ދިވެހި ސިފައިން ހަރަކާތްތެރިވަނީ ސަޕޯޓު ސްޓޮޕުތަކުގައި، އެެހީތެރިންގެ ގޮތުގަ އެވެ. 
ދެވަނަ ކަނޑު އަޑީގައި އޮތް ހޮހޮޅައިގައި މި ޓޫރިސްޓުން ތާށިވީތާ މިއަދަށް ހަތަރު ދުވަސްވެފައިވާއިރު، މިހާތަނަށް ހޯދުނީ މި ޓޫރިސްޓުންގެ ޓީމު ގޮވައިގެން އަޑިއަށް ދިޔަ ޑައިވު ޓީމް ލީޑަރު ޖިއަންލޫކާ ބެނެޑެއްޓީގެ ހަށިގަނޑު އެކަންޏެވެ. އޭނާ ފެނުނީ، ޑައިވަރުން ގެއްލުނު ދުވަހު ފުރަތަމަ ކުރި ޑައިވުތަކުގައި، 60 މީޓަރު ފުނުގައި ހުރި ހޮހޮޅައިގެ އަނގަ މަތިން ކަމަށް މައުލޫމާތު ލިބެ އެވެ. 
މި ހާދިސާއާއެކީ ރާއްޖޭގައި ފީނުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގަވާއިދުތަކަށް ބޯނުލެނބުމާއީ ސަލާމަތީ ބާރުތަކުގެ ގާބިލިއްޔަތުކަމާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ގޮތް ނިންމާ ގޮތާ ބެހޭ އުނދަގޫ ބަހުސެއް ވަނީ ފެށިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ