ކޮންގޯ އާއި ޔުގެންޑާގައި ނުރައްކާތެރި އެބޯލާ ވައިރަސް ފެތުރެން ފަށައިފި

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރް.ސީ) އާއި ޔުގެންޑާގައި ނުރައްކާތެރި އެބޯލާ ވައިރަހުގެ ބާވަތެއް ކަމަށްވާ ”ބަންޑިބުގްޔޯ ވައިރަސް ޑިޒީޒް“ (ބީ.ވީ.ޑީ) ހަލުވިކަމާއެކު ފެތުރެން ފަށައިފިއެވެ. މި ބަލީގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ މިއީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަންދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ކަނޑައަޅާފައެވެ.
މި ބަލީގެ ރިޕޯޓްތައް އެންމެ ފުރަތަމަ ލިބެން ފެށީ 2026 މެއި 5 ވަނަ ދުވަހު ޑީ.އާރް.ސީގެ އިޓޫރީ ޕްރޮވިންސްގެ މޮންގްބްވާލޫ ހެލްތު ޒޯނުންނެވެ. އެ ސަރަހައްދުގައި ބަލިޖެހޭ މީހުން މަރުވާ ނިސްބަތް މަތިވެ، ސިއްހީ އެހީތެރިންވެސް މަރުވަމުންދާ ކަމުގެ އިންޒާރު ލިބުމާ ގުޅިގެން ކުރި ތަހުލީލުތަކުން، މިއީ ބަންޑިބުގްޔޯ ވައިރަސްކަން ކަށަވަރުވީ މެއި 14 ގައެވެ.
މެއި 15 އާ ހަމައަށް ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 ކޭސް ފެނިފައިވާއިރު، 80 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މަރުވާ މީހުންގެ ނިސްބަތް އާންމުކޮށް 30 އިންސައްތަ އާއި 50 އިންސައްތައާ ދެމެދުގައި އުޅޭއިރު މި ބައްޔަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް ނުވަތަ ހާއްސަ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ބަލީގެ ކުރީކޮޅު ދެވޭ އެހީތެރިކަމުގެ ފަރުވާއިން ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު އޮވެއެވެ.
ބަލިޖެހޭ މީހުންގެ ތެރޭގައި ގިނައީ އުމުރުން 20 އާއި 39 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މީގެ ތެރެއިން 60 އިންސައްތަ އަކީ އަންހެނުންނެވެ. މީގެ މައިގަނޑު ސަބަބަކީ ގޭބިސީތަކުގައި ބަލިމީހުން ބެލެހެއްޓުމުގައި އަންހެނުން ގިނައިން ހަރަކާތްތެރިވުން ކަމަށް ބެލެވެއެވެ. ބަލި ފެތުރެމުންދާ ސަރަހައްދުތަކަކީ މައިނިންގް މަސައްކަތްކުރާ އަދި މީހުން ގިނައިން ދަތުރުފަތުރުކުރާ ސަރަހައްދުތަކަކަށް ވާތީ، އަވަށްޓެރި ގައުމުތަކަށް ބަލި ފެތުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ބަންޑިބުގްޔޯ ބައްޔަކީ ވާލުގެ ފަރާތުން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. އިންސާނުންގެ މެދުގައި ބަލި ފެތުރެނީ ބަލިޖެހިފައިވާ މީހެއްގެ ލޭ، ދިޔަވަރު ނުވަތަ ގުނަވަންތަކާ ސީދާ ބައްދަލުވުމުންނެވެ. އަދި ރައްކާތެރި ނޫން ގޮތުގައި މީހުން ވަޅުލުމަކީ ބަލި ފެތުރުމަށް މަގުފަހިވާ މައިގަނޑު ސަބަބެކެވެ. ބަލީގެ އަލާމާތްތައް ފެންނަން 2 ދުވަހާއި 21 ދުވަހާ ދެމެދު ނަގައެވެ.
ޑަބްލިއު.އެޗް.އޯ އިން ވަނީ ބަލި ފެތުރޭ ގައުމުތަކުން ބަލިމީހުން ދަތުރުފަތުރުކުރުން މަނާކުރުމަށް އިރުޝާދު ދީފައެވެ. ނަމަވެސް އެހެން ގައުމުތަކުން ބޯޑަރުތައް ބަންދުނުކުރުމަށާއި ވިޔަފާރިއާއި ދަތުރުފަތުރަށް ހުރަސްނޭޅުމަށް ވަނީ އެދިފައެވެ. އެ ޖަމްއިއްޔާއިން ބުނާ ގޮތުގައި ބަލި ކޮންޓްރޯލް ކުރެވޭނީ ބަލި އަވަހަށް ދެނެގަނެ، އެކަހެރިކޮށް އަދި ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ