ނޯތު ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދާ ދިއްދޫއިން ޕްލޭއޮފަށް

އެފްއޭއެމުން ކުރިއަށްގެންދާ ބީއެމްއެލް ނޯތު ރީޖަން ލީގުގައި ބާކީ އެއްމެޗު އޮއްވާ ލީގު ބުރުގެ ޗެމްޕިއަންކަން ހޯދާ ހއ. ދިއްދޫއިން ދިވެހި ޕްރިމިއާ ލީގުގެ ޕްލޭ އޮފުން ޖާގަ ހޯދައިފި އެވެ.
އިއްޔެ ހަވީރު ހދ. ހަނިމާދޫގެ މައްޗަށް ފަހަތުން އަރާ ކާމިޔާބު ހޯދައިގެން ދިއްދޫއިން ވަނީ ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށް ޕްލޭއޮފަށް ދަތުރުކޮށްފަ އެވެ. މިމެޗު ދިއްދޫއިން ކާމިޔާބުކުރީ ހަނިމާދޫއިން މެޗުގެ ކުރީކޮޅު ލަނޑެއް ޖަހާ ލީޑު ނަގާފައި އޮއްވާ ފަހަތުން އަރާ ދެލަނޑު ޖަހައިގެން މެޗު ކާމިޔާބުކޮށްގެންނެވެ.
މިއާއެކު ޕްލޭއޮފުން ދިއްދޫ ޖާގަ ހޯދިއިރު މީގެއިތުރުން މިހާތަނަށް ޕްލޭއޮފް ޔަގީންވެފައިވަނީ މާލޭ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކުލަބުގެ އިތުރުން މިސީޒަނުގައި ޕްރިމިއާ ލީގުގެ ހަތްވަނަ އަށް އަދި އަށްވަނައަށް ދިޔަ ޓީސީ އަދި ގްރީން ސްޓްރީޓްސް އަށެވެ.
ޕްލޭ އޮފުގެ ފަހު ދެ ޖާގަ ލިބޭނީ ސައުތު ރީޖަން ލީގައި ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަންކަން ހޯދާ ދެޓީމަށެވެ. ޕްލޭއޮފުގައި ހަ ޓީމު ވާދަކުރާއިރު ޕްރިމިއާ ލީގަށް އަންނަ ސީޒަނަށް ކޮލިފައިވާނީ 4 ޓީމެކެވެ.
ސެންޓްރަލް ލީގަށް ބަލާލާއިރު ބާކީ ދެމެޗު އަދި އޮތްއިރު މިވަގުތު އެއްވަނައިގައި އޮތީ ކ. ހުރާ އެވެ. ދެވަނައިގައި ދ. މީދޫ އޮތްއިރު ތިންވަނައިގައި އޮތީ ކުޑަހުވަދޫ އެވެ. ސައުތު ލީގުގެ އެއްވަނައިގައި ގދ. ގައްދޫ އޮތްއިރު ދެވަނައިގައި އޮތީ ލ. ގަމެވެ. އަދި ތިންވަނައިގައި އޮތީ ސ. ފޭދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ