ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު: 3 ރައީސުންގެ ޓީމު

ގައުމު މިހާރު ދާ މިސްރާބު ރަނގަޅު ކުރުމަށް އިދިކޮޅު ފަރާތްތައް އެއްކޮށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ކުރީގެ ތިން ރައީސުންގެ މަންދޫބުން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ ދެކޮޅަށް ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަދި އިބްރާހީމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ އިދިކޮޅު ސިޔާސީ ހަރަކާތުގައި އެ ލީޑަރުންގެ ފަރާތުން އިސްކޮށް އުޅުއްވަން ކަނޑައެޅުއްވި މަންދޫބުން ނޫސްވެރިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ކޮންމެ ރައީސަކު ވެސް ވަނީ އެ ބޭފުޅެއްގެ ފަރާތްޕުޅުން މަސައްކަތް ކުރާނެ ދެ މަންދޫބަކު ހަމަޖައްސަވާފަ އެވެ. އެގޮތުން:
ނަޝީދުގެ މަންދޫބުންނަކީ:
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް
ޔާމީންގެ މަންދޫބުންނަކީ:
ޕީއެންއެފްގެ ނައިބު ރައީސް މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއިލް ޒަރިޔަންދު
ސޯލިހުގެ މަންދޫބުންނަކީ:
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ)
މަޖިލީހުގެ އަލިފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)
ބުނީ ކީކޭ؟ - "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދު ވަރަށް ބޮޑު، މިހާރު މި ގައުމު މިދާ ދިމާލުން ރަނގަޅުކުރުމަށް، ރަނގަޅު މަސައްކަތްތަކެއް އަޅުގަނޑުމެން އިދިކޮޅު ފަރާތްތައް އެއްކޮށް ކުރެވޭނެ ކަމާ ދޭތެރޭ،" އެ ޓީމުން މެންހެޓަން ހޮޓަލުގައި މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފަހު ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މިއަދު ބޭއްވި ބައްދަލުވުމުގައި ދެން ކުރިއަށްދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ގުޅިގެން ހަރަކާތްތައް ބާއްވާާނެ ގޮތުގެ ތަފްސީލު ދުވަހުން ދުވަހަށް މީޑިއާތަކަށް ދެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ. އަދި މިހަފްތާގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ